Roadha Mihaaru
މިލްކާ ޕެކްގެ ކުލަ ކޮޕީކުރި ކަމަށް ބުނެ އިންޒާރު ދީފި

މިލްކާ ޗޮކްލެޓް ޕެކްގެ ކުލަ ކޮޕީކުރި ކަމަށް ބުނެ އިންޒާރު ދީފި

25 ސެޕްޓެމްބަރ 2021

ޗޮކްލެޓް ފަދަ ޑެއިރީގެ ބާވަތްތައް އުފައްދާ އެމެރިކާގެ ބޮޑު ކުންފުނި، މޮންޑެލޭޒް އިންޓަނޭޝަނަލް އިން މަޑު ދަނބު ކުލައެއްގެ ޕެކެއްގައި ނެރޭ "މިލްކާ" ރޭންޖްގެ ޗޮލްކެޓް ޕެކްގެ ކުލައިގައި އެހެން ކުންފުންޏަކުން ޗޮކްލެޓް ނެރޭ ކަމަށް ބުނެ ދައުވާކުރާނެކަމުގެ އިންޒާރު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗޮކްލެޓް ފަދަ ޑެއިރީގެ ބާވަތްތައް އުފައްދާ އެމެރިކާގެ ބޮޑު ކުންފުނި، މޮންޑެލޭޒް އިންޓަނޭޝަނަލް އިން މަޑު ދަނބު ކުލައެއްގެ ޕެކެއްގައި ނެރޭ "މިލްކާ" ރޭންޖްގެ ޗޮލްކެޓް ޕެކްގެ ކުލައިގައި އެހެން ކުންފުންޏަކުން ޗޮކްލެޓް ނެރޭ ކަމަށް ބުނެ ދައުވާކުރާނެކަމުގެ އިންޒާރު ދީފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މޮންޑެލޭޒުން ޕެކޭޖްގެ ކުލައިގެ މައްސަލާގައި ނުކުމެފައި ވަނީ ވީޖަން ސްނެކްސް ބާ އުފައްދާ އިނގިރޭސިވިލާތުގެ ލަންޑަންގެ ކުޑަ ކުންފުންޏެއް ކަމަށްވާ ޕްރައިމަލް ޕޭންޓްރީއާ ދެކޮޅަށެވެ.

އެ ކުންފުނީގެ "ކޮކޯ ރިއަލް ފުޑް ބާ" ގެ ޕެކްގައި ހުންނަނީ ލިލަކް މަލުގެ މަޑު ޝޭޑެކެވެ. އަދި އެ އާއި މޮންޑެލޭޒްގެ "މިލްކާ" ގެ ޕެކްގެ ކުލައާ އަޅާކިޔާ އިރު، "މިލްކާ" ގެ ޕެކްގެ ކުލަ ތަންކޮޅެއް ގަދަ އެވެ. ނަމަވެސް އެ ކުންފުނިން ބުނީ ޕްރައިމަލް އިން ބޭނުންކުރަނީ މޮންޑެލޭޒްގެ ކުލަ ކަމަށާއި އެކަން ވަގުތު ހުއްޓައިލަން އެދޭ ކަމަށެވެ. ނޫން ނަމަ ދައުވާކުރާނެ ކަމަށާއި ކުލައިގެ ޓްރޭޑްމާކް ބޭނުންކުރާ ނަމަ އެ ކުންފުނި ކޮންމެ ފަހަރަކު 5،200 ޕައުންޑްގެ ބަދަލެއް ހޯދަން އެދޭނެ ކަމަށް ބުންޏެވެ. އެހެންވެ ކުލައިގެ މައްސަލަ ހައްލުކުރަން މޮންޑެލޭޒުން މިހާރު ވަނީ ޕްރައިމަލް ޕޭންޓްރީ އަށް ހަ މަސް ދުވަހުގެ މުހުލަތެއް ދީފަ އެވެ.

ދެހާސް ސޯޅައިގައި އުފެދުނު ޕްރައިމަލް ޕޭންޓްރީގެ ބެލެނިވެރި ކުންފުނި، ނާޗާ ބްރޭންޑްސް އިން ވަނީ އެއްވެސް ކުންފުންޏެއްގެ ޓްރޭޑްމާކަކާ އެ ކުންފުނިން ހިލާފުނުވާ ކަމަށް ބުނެފަ އެވެ. އަދި މޮންޑެލޭޒުން ކުރާ ތުހުމަތާ ގުޅިގެން ދެ ކުންފުނީގެ އުފެއްދުމުގެ ކުލައިގެ ތަފާތު ދައްކުވައިދޭ ޕޯސްޓަރެއް ވެސް އާންމުކޮށްފައިވެ އެވެ.

މޮންޑެލޭޒާއި ޕްރައިމަލްގެ އުފެއްދުންތަކެއް.

މޮންޑެލޭޒާއި ޕްރައިމަލްގެ އުފެއްދުންތަކެއް.

ނާޗާ ބްރޭންޑްސްގެ މެނޭޖިން ޑިރެކްޓަރު އެޑަމް ޑްރޭޕާ ވިދާޅުވީ ކުލަ ކޮޕީކުރި ކަމަށް ބުނެ މޮންޑެލޭޒުން އިންޒާރުދޭ އިރު، އެކަށީގެންވާ ހެކި ވެސް ނުދެއްކޭ ކަމަށެވެ.

"އަހަރެމެންގެ އުފެއްދުންތަކުގައި ކުލައިގެ ވަރަށް ގިނަ ވެރައިޓީތައް އުޅޭނެ. އަދި އެއްވެސް އިރެއްގައި އެހެން ބައެއްގެ ޓްރޭޑްމާކަށް އަރައިގަންފައެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އެޑަމް ވިދާޅުވީ ކުލައިގެ މައްސަލާގައި މޮންޑެލޭޒް އިން ދައުވާކުރާނެކަމުގެ އިންޒާރުދީ ބިރު ދެއްކިޔަސް މިހާރު ބޭނުން ކުރާ ކުލަ، ބޭނުން ކުރުން ހުއްޓައިނުލާނެ ކަމަށެވެ.

"އެކަމާ އަހަރެމެން ކުރިމަތިލާނީ ކެރިގެން. މޮންޑެލޭޒުން ކުރަންވީ ކަމަކީ އެ މީހުންގެ ކުލަ އަހަރެމެން ބޭނުންކުރާކަން ސާބިތުކޮށް ދިނުން،" އޭނާ ވިދާޅުވި އެވެ.

ނާޗާ ބްރޭންޑްސް އިން ބުނީ މޮންޑެލޭޒުން ކުރާ އޮއްޓަރެއް ނެތް ތުހުމަތާ ގުޅިގެން އެ ކުންފުނި އަމާންދީފި ނަމަ 30،000-50،000 ޕައުންޑްގެ ގެއްލުމެއް ވާނެ ކަމަށެވެ.

މޮންޑެލޭޒަކީ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޓެބްލެރޯން އާއި އޯރިއޯ ވެސް އުފައްދާ ކުންފުންޏެވެ. އަދި އިނގިރޭސިވިލާތުގެ މަޝްހޫރު ކެޑްބަރީ އަކީ ވެސް މޮންޑެލޭޒްގެ ބްރޭންޑެކެވެ.