Roadha Mihaaru
ފިރިމީހާ ތަލަކަން އެނގުމުން ވަރިވާން ކޯޓަށް

ކައިވެނިކުރިތާ ދެ ދުވަސް ފަހުން ފިރިމީހާ ތަލަކަން އެނގުމުން ވަރިވާން ކޯޓަށް

29 ސެޕްޓެމްބަރ 2021

ކައިވެނިކުރިތާ ދެ ދުވަސް ފަހުން، ފިރިމީހާ ތަލަކަން އެނގުމުން ސައުދީ އަރަބިއްޔާގެ އަންހެނަކު ވަރިވާން ކޯޓަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކައިވެނިކުރިތާ ދެ ދުވަސް ފަހުން، ފިރިމީހާ ތަލަކަން އެނގުމުން ސައުދީ އަރަބިއްޔާގެ އަންހެނަކު ވަރިވާން ކޯޓަށް ހުށަހަޅައިފި އެވެ.

މެދުއިރުމަތީގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ މި ހަފުތާގައި ކުރި ކައިވެނި ރޫޅައިލަން އަންހެން މީހާ ކޯޓަށް ހުށަހެޅީ ކައިވެނިކުރުމުގެ ކުރިން ބައިވެރިޔާ އަކީ ތަލަ މީހެއްކަން ސިއްރުކޮށް އަދި އެއީ އޮޅުވާލުމެއް ކަމަށް ބުނެ އެވެ. އަންހެން މީހާ ހުށަހެޅި މައްސަލާގައި ބުނީ ކައިވެނި ކުރުމާ ހަމައަށް ފިރިމީހާ އުޅުނީ ބޮލުގައި އަރަބި ފިރިހެނުން އާންމުކޮށް އަޅައި އުޅޭ ކަހަލަ ގުތުރާއެއް (ސްކާފެއް) އަޅައިގެން ކަމަށެވެ. އެހެންވެ އެންޖޭޖްމަންޓާއި ކައިވެނީގެ ހަފުލާގައި ވެސް ބައިވެރިޔާ އަކީ ތަލަ މީހެއްކަން ނޭނގޭ ކަމަށާއި އެކަން ފަޅާއެރުމާ ހަމައަށް ފިރިމީހާ އުޅުނީ އެކަން ސިއްރު ކޮށްގެން ބުންޏެވެ.

އަންހެން މީހާ ބުނީ ކައިވެނި ކުރިތާ ދެވަނަ އަށް ވީ ދުވަހު ފިރިމީހާ އަކީ ތަލަ މީހެއްކަން އެނގުމަކީ ލިބުނު ވަރަށް ބޮޑު ޝޮކެކެވެ. އެހެންވެ ހަގީގަތް ސިއްރުކޮށް، އޮޅުވާ ވެސް ލައިފައިވާތީ އެފަދަ މީހަކާ އެކީ އުޅެން ބޭނުން ނުވާ ކަމަށާއި ތަލަ މީހަކާ އިނދެގެން ދަރިން ވެސް ހޯދަން ބޭނުން ނުވާ ކަމަށް ބުންޏެވެ.

"މިކަން އެނގުނު ހިސާބުން ވަރަށް ދެރަވެ ލަދުވެސް ގަތް. އެހެންވެ އަހަރެން ބޭނުމެއް ނޫން އޮޅުވާލި މީހަކާ އެކީ އުޅޭކަށް. އަދި ތަލަ މީހަކާ އިނދެގެން ދަރިން ހޯދައިގެން އެ ދަރިންނަށް ތަލަވުން ވާރުތަ ކުރާކަށް ވެސް ބޭނުމެއް ނޫން." ކޯޓްގައި އަންހެން މީހާ ބުންޏެވެ.

އޭނާ ހުށަހެޅި މި މައްސަލައާ ގުޅިގެން އާއިލީ ކޯޓުން ދެ މީހުންނަށް ކައުންސެލިން ދޭން ފަށައި، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ވެސް ފުރުސަތު ދީފައިވެ އެވެ. އެކަމަކު އަންހެން މީހާ ބުނީ ވަރި ނޫން އިތުރު ގޮތެއް ބޭނުން ނޫން ކަމަށެވެ.

ފިރިހެން މީހާގެ ވަކީލު މި މައްސަލަ ސިފަކުރެއްވީ މިހާތަނަށް ހަވާލުވާން ޖެހިވަޑައިގަތް އެންމެ އާދަޔާ ހިލާފު ވަރީގެ މައްސަލައިގެ ގޮތުގަ އެވެ.