Roadha Mihaaru
ފުރަތަމަ އައިފޯނު ހަނދާން އެބަހުރިތަ؟

އައިފޯނަށް 15 އަހަރު؛ ފުރަތަމަ އައިފޯނު ހަނދާން އެބަހުރިތަ؟

11 ޖެނުއަރީ 2022

އައިފޯނަކީ މިހާރު އެންމެ މަގުބޫލު އެއް ބްރޭންޑެވެ. އަގު ބޮޑަސް އައިފޯނަކީ ގިނަ ބައެއްގެ ފެވަރިޓެކެވެ. އެހެންވެ އައިފޯންގެ އާ މޮޑެލްއެއް ނެރޭ އިރަށް އެ ގަންނަން ބޭނުންވެފައި ތިބޭ މީހުން ބައިވަރެވެ. އައިފޯނަށް އައި ކުރިއެރުންތަކާ އެކީ މިހާރު އަހަރެމެންނާ ހަމަ އަށް އެންމެ ފަހުން ގެނެސްދީފައި އޮތީ އައިފޯން 13 އެވެ. އެއީ މިދިޔަ އަހަރެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައިފޯނަކީ މިހާރު އެންމެ މަގުބޫލު އެއް ބްރޭންޑެވެ. އަގު ބޮޑަސް އައިފޯނަކީ ގިނަ ބައެއްގެ ފެވަރިޓެކެވެ. އެހެންވެ އައިފޯންގެ އާ މޮޑެލްއެއް ނެރޭ އިރަށް އެ ގަންނަން ބޭނުންވެފައި ތިބޭ މީހުން ބައިވަރެވެ. އައިފޯނަށް އައި ކުރިއެރުންތަކާ އެކީ މިހާރު އަހަރެމެންނާ ހަމަ އަށް އެންމެ ފަހުން ގެނެސްދީފައި އޮތީ އައިފޯން 13 އެވެ. އެއީ މިދިޔަ އަހަރެވެ.

އެޕަލް ކުންފުނިން އައިފޯން އެންމެ ފުރަތަމަ ނެރުނީ ޖެނުއަރީ 9، 2007 ގަ އެވެ. އެހެންވެ މިދިޔަ އާދިއްތަ ދުވަހަކި އައިފޯން ނެރުނުތާ 15 އަހަރު ފުރުނު ދުވަހެވެ. އައިފޯންގެ އުމުރުން 15 އަހަރުވީ އިރު، ފާއިތުވި މި މުއްދަތުގެ ތެރޭގައި އައިފޯނަށް ވަނީ އެތައް ބަދަލާ އެކު އެތައް ފަސޭހައެއް، އާންމުންގެ ދިރިއުޅުމަށް ގެނެސްދީފަ އެވެ.

އެހެންވެ މި ދަނޑިވަޅުގައި އައިފޯނާއި އެޕަލް ކުންފުނީގެ ކުރިއެރުންތަކުގެ މަތިން ހަނދާން އާ ކޮށްލުމަކީ ވެސް ބަރަށް މުހިއްމު ކަމަކަށް ވާނެ އެވެ.

ސްޓީވް ޖޮބްސް އާއި އިތުރު ދެ މީހަކު އިސްކޮށް ތިއްބަވައިގެން އުފެއްދެވި އެމެރިކާގެ މި ކުންފުނީގެ އިސް ވެރިޔަކަށް މިހާރު ހުންނެވީ ޓިމް ކުކެވެ. ޓެކް ދާއިރާ އިން ޒަމާނީ އެތައް ކުރިއެރުންތަކެއް ގެނެސްދިން ޖޮބްސް ވަނީ 2011 ގައި އަވަހަރާވެފަ އެވެ. އެކަމަކު އޭނާ ނެތި ވެސް އެޕަލްގެ ނަމާއި އެ ކުންފުންޏަށް ޓެކް ދާއިރާގައި އޮތް ނުފޫޒު އެއް އިރެއްގައި ވެސް ކުޑައެއް ނުވެ އެވެ.

މި އަހަރާ ހަމަ އަށް އައި އިރު، އެޕަލް އަށް ވިޔަފާރިން ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ މި މަހުގެ 3 ވަނަ ދުވަހު އެޕަލްގެ އަގު ތިން ޓްރިލިއަން ޑޮލަރަށް އެރުމެވެ. މިއީ ޕްރައިވެޓް ކުންފުންޏެއްގެ އަގު އެވަރުގެ ރައުސުލްމާލަކަށް އެރި ފުރަތަމަ ފަހަރު ވެސް މެ އެވެ.

އެޕަލް އިން 2007 ގައި އައިފޯނާ އެކު އެއާޕޮޑްގެ އިތުރުން އިންޓަނެޓް ކޮމިއުނިކޭޓަރެއް ނެރުނު އިރު، ކުންފުނީގެ އަގު އުޅުނީ 174.03 ބިލިއަން ޑޮލަރުގަ އެވެ.

ފުރަތަމަ އައިފޯނުގެ ބައެއް ސިފަތައް

* ފުރަަތަމަ އައިފޯންގެ ޑިސްޕްލޭ އަކީ އެންމެ 3.5 އިންޗި

* ފުރަތަނަ ނެރުނު އައިފޯންގެ 4 ޖީބީގެ ފޯނުގެ އަގަކީ 499 ޑޮލަރު (7,709ރ.) . އަދި ފަސް ޖީބީގެ ފޯނުގެ އަގަކީ 599 ޑޮލަރު (9,254ރ.).

* ފުރަތަމަ އައިފޯނުގައި ހިމެނެނީ އެންމެ ކެމެރާއެއް. ފޯނުގެ ފަހަތް އިންނަނީ ސިިލްވަ ކުލައިގެ އެލްމިނިމިއަމް ކަވަރަކުން.

* ފުރަތަމަ އައިފޯނުން ޓެކްސްޓުތައް ކޮޕީ/ޕޭސްޓް ނުކުރެވޭ. އެ ފީޗާ އައިފޯނަށް އައީ 2009 ގައި އޯއެސް 3 އާ އެކު.

* ފުރަތަމަ އައިފޯނުގައި ހިމެނެނީ އެންމެ 15 އެޕެއް. އޭގެ ތެރޭގައި ހިމެނެނީ ކެމެރާ، ކަލަންޑަރު، ކޮންޓެކްޓްސް، އައިޕޮޑް، މެޕްސް (ގޫގުލް މެޕްސް)، މެސެޖެސް، ނޯޓްސް، ފޯން، ފޮޓޯސް، ސަފާރީ، ސްޓޮކް، ވޮއިސް މެމޯސް، ވެދާ އަދި ސެޓިން.

* ފުރަތަމަ އައިފޯނަކީ ވީޑިއޯ ރެކޯޑްކުރެވޭ އެއްޗެއް ވެސް ނޫން އަދި އެމްއެމްއެސްއެއް ވެސް ސަޕޯޓެއް ނުކުރެވޭ.

* ފުރަތަމަ އައިފޯނު ނެރުނު އިރު މިހާރު މި ފޯންތަކުގައި ހުންނަ ގިނަ ސޯޝަލް މީޑިއާ އެޕްތަކެއް ވުޖޫދަށް ވެސް ނާދޭ. (އޭގެ ތެރޭގައި އިންސްޓަގްރާމާއި ސްޕެނާއި ޕިންޓަރެސްޓާއި އެ ނޫން ވެސް ސޯޝަލް އެތައް އެޕްތައް ހިމެނޭ).

އެންމެ ފުރަތަމަ ނެރުނު އައިފޯނު.

އެންމެ ފުރަތަމަ ނެރުނު އައިފޯނު.

އޭގެ 15 އަހަރު ފަހުން މިހާރު އައިފޯންގެ އެންމެ ފަހުގެ މޮޑެލްއާ އެކު އަައިސްފައިވާ ކުރިއެރުންތަކަށް ވާއިރު، ފޯނުގެ ސައިޒާއި ފީޗާތަކާއި އޭގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީތައް ވެސް ވަނީ އެތައް ގުނައެއް ކުރިއަރައިފަ އެވެ. އެންމެ ފަހުން ނެރުނު އައިފޯން 13 އަށް ބަލާއިރު، މީގެ ޑިސްޕްލޭ 6.1-6.7 އިންޗި އަށް އަރަ އެވެ. އަގުތަކަށް ބަލާއިރު އައިފޯން 13 ގެ އަގުތައް އުޅެނީ 1،099-1599 ޑޮލަރާ ދެމަދުގަ (16,979-24,704ރ.) އެވެ.

މިހާރު ފޯނުގައި ހަތަރު ކެމެރާ އެކުލެވޭ އިރު، 4ކޭ ކޮލިޓީގައި ވީޑިއޯކުރެވެ އެވެ. އަދި ސްޓޯރޭޖް ވަނީ ޓެރަބައިޓަށް އަރައިފަ އެވެ.

އެޕަލްގެ އެޕް ސްޓޯރް ވުޖޫދަށް އައީ ޖުލައި 10، 2008 ގަ އެވެ. އެއީ 500 އެޕާ އެކީގަ އެވެ. މިހާރު އޭގައި ހުރި އެޕްތައް 1.8 މިލިއަނަށް އަރަ އެވެ.

ފުރަތަމަ އައިފޯނާއި މިހާރުގެ އައިފޯނެއް.

ފުރަތަމަ އައިފޯނާއި މިހާރުގެ އައިފޯނެއް.

އެޕަލް އިން ބުނެފައިވާ ގޮތުގައި ކުންފުނީގެ މިލިއަން ފޯނު ވިއްކައިލީ ސެޕްޓެމްބަރު 10، 2007 ގަ އެވެ. އެޕަލް އިން ވަނީ 2018 އިން ފެށިގެން ފޯނު ވިކޭ އަދަދު އާންމުކުރުން ހުއްޓާލައިފަ އެވެ.

އެޕަލް އިން މިހާތަނަށް އައިފޯންގެ 33 މޮޑެލްއެއް ނެރުނަސް މިހާރު ބާޒަރުގައި ލިބެން ހުރި އޭގެ ތެރެއިން އަށް މޮޑެލްއެކެވެ.

އެޕަލް އަކީ ދުނިޔޭގެ އެންމެ ވަރުފަދަ އެއް ޓެކް ކުންފުންޏެވެ. އެތަނުން އައިފޯނާއި އައިޕެޑް ފަދަ މަގުބޫލު އެތައް ޑިވައިސްތަކެއް ނެރެމުން އަންނަ އިރު، ދެން އިންތުޒާކުރެވެނީ އައިފޯން 14 އަށެވެ. އަދި އެޕަލް އިން މިހާރު އަންނަނީ "ސެލްފް-ޑްރައިވިން" ކާރު ނެރެން ވެސް މަސައްކަތްކުރަމުންނެވެ.