Roadha Mihaaru
ބްރިޓްނީ ކައިވެނިކުރާނެ ތަނަކާ ބެހޭގޮތުން ޚިޔާލު ހޯދަނީ

ބްރިޓްނީ ކައިވެނިކުރާނެ ތަނަކާ ބެހޭ ގޮތުން ފޭނުންގެ ޚިޔާލަށް

06 އޮކްޓޯބަރ 2021

ދާދި ފަހުން ލޯބިވެރިޔާ ސާމް އަސްގަރީއާ އެންގޭޖްވި އެމެރިކާގެ ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕެއާސްގެ ކައިވެނީގެ ހަފުލާ ބާއްވާނެ ތަނަކާ ބެހޭ ގޮތުން ފޭނުންގެ ހިޔާލަށް އެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން ލޯބިވެރިޔާ ސާމް އަސްގަރީއާ އެންގޭޖްވި އެމެރިކާގެ ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕެއާސްގެ ކައިވެނީގެ ހަފުލާ ބާއްވާނެ ތަނަކާ ބެހޭ ގޮތުން ފޭނުންގެ ހިޔާލަށް އެދިއްޖެ އެވެ.

ދެ މީހުން މިހާރު ފްރެންޗް ޕޮލިނީޝިއާގައި ޗުއްޓީ ހޭދަކުރަމުން ނަގާފައިވާ ވީޑިއޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް ކައިވެނި ކުރާނެ ތަނަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ. ބްރިޓްނީ ބުނީ މިހާރު އޮތް އެންމެ ބޮޑު މައްސަލަ އަކީ ކައިވެނިކުރާނެ ތަނެއް ކަމަށެވެ.

"ކައިވެނިކުރާނީ އިޓަލީ، ގްރީސް، އޮސްޓްރޭލިއާ ނުވަތަ ނިއު ޔޯކް [އެމެރިކާގެ ސިޓީއެއް] ގައި ތޯ ބުނާކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ،" ވީޑިއޯގައި ބްރިޓްނީ ބުނެ އެވެ.

އެއާ ވިއްދައިގެން ބްރިޓްނީ ގާތު ސާމް ބުނަނީ ކައިވެނި ކުރާނެ ތަނަކާ ބެހޭ ގޮތުން ފޭނުންގެ ހިޔާލަށް އެދެވިދާނެ ކަމަށެވެ.

"ތިއީ ހަމަ ވަރަށް ރަނގަޅު ހިޔާލެއް،" ރައްދުގައި ބްރިޓްނީ ބުނެ އެވެ.

އިރާނަށް އުފަން ސޭމް އާއި ބްރިޓްނީ އެންގޭޖްވިކަން އިއުލާންކުރީ މިދިޔަ މަހުގެ 13 ގަ އެވެ. ބްރިޓްނީ ކުރިން ވެސް ދެ ކައިވެންޏެއް ކުރި އެވެ. އޭނާގެ ދެ ދަރިންގެ ބައްޕަ އަކީ ދެވަނަ އަށް ކައިވެނިކުރި އެމެރިކާގެ މިއުޒިޝަން ކެވިން ފެޑަލީން އެވެ. ބްރިޓްނީ އާއި ކެވިން 2004 ގައި ކުރި ކައިވެނި ރޫޅުނީ 2007 ގަ އެވެ.

ބްރިޓްނީ އެންމެ ފުރަތަމަ ކައިވެނިކުރީ ޖޭޒަން އެލެން އެލެގްޒެންޑާއާ އެވެ. ދެހާސް ހަތަރެއްގެ އެ ކައިވެނި ހަމަ އެ އަހަރު ރޫޅުނެވެ.

ސާމް، 27، އާ ކައިވެނި ކުރަން ބްރިޓްނީ ތައްޔާރުވަމުން އަންނަ އިރު، 13 އަހަރު ފަހުން ބައްޕަގެ "ކޮންޒަވޭޓަޝިޕް" އިން ވެސް އޭނާ މިހާރު ހުރީ މިނިވަންވެފަ އެވެ.