Roadha Mihaaru
އޮޅުވާލައިގެން ލައިސަންސް ހޯދަން އުޅުމުން ބޮޑު ޖޫރިމަނާ

އޮޅުވާލައިގެން ލައިސަންސް ހޯދަން އުޅުމުން 28،000ރ. ގެ ޖޫރިމަނާއެއް

03 އޮކްޓޯބަރ 2021

އެއްގަމު އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސެއް އޮޅުވާލައިގެން ހޯދަން އުޅުނު މީހަކު 28،000ރ. އިން ޖޫރިމަނާ ކުރަން ހައި ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެއްގަމު އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސެއް އޮޅުވާލައިގެން ހޯދަން އުޅުނު މީހަކު 28،000ރ. އިން ޖޫރިމަނާ ކުރަން ހައި ކޯޓުން ހުކުމްކޮށްފި އެވެ.

އެނގި ހުރެ، ސައްހަ ނޫން ގޮތުގައި ލިޔުމަކަށް ބަދަލު ގެނައުމުގެ ދައުވާ މ. މުލަކު މީހެއްގެ މައްޗަށް ދައުލަތުން އުފުލީ އޭނާގެ އާއިލާގެ މީހަކަށް މ. އަތޮޅު ކައުންސިލްގެ އިދާރާ އިން ދޫކުރި ލައިސަންސެއްގެ މައުލޫމާތު އޭނާގެ ނަމަށް ބަދަލު ކުރުމަށް ފަހު ލައިސަންސް އާ ކުރަން ފޯމު ހުށަހެޅުމުންނެވެ.

އެ މީހާގެ މައްޗަށް ދައުވާ ކުރުމުން ދަށު ކޯޓުގައި އޭނާ ދައުވާ އަށް އިއުތިރާފުވިއިރު، އެ ކޯޓުން ހުކުމް ކޮށްފައި ވަނީ އޭނާ 74،000ރ. އިން ޖޫރިމަނާ ކުރުމަށެވެ. އެކަމަކު އެ އަދަބާ މެދު ހިތްހަމަ ނުޖެހޭތީ އޭނާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގައި އޭނާ ދައުވާއަށް އިއުތިރާފުވެފައިވާތީ ގާނޫނުލްއުގޫބާތުގެ ދަށުން އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ކުށަކާ މެދު ދެރަވާ ކަން އާންމުކޮށް ފާޅުކޮށްފި ނަމަ، އަދަބުގެ ދަރަޖަ ދަށް ކުރަންޖެހޭ ކަމަށާއި އެކަމަކު އާންމުކޮށް މާފަށް އެދުމާ ބެހޭ އުސޫލެއް އޭރު ނެތުމުން އެ ފުރުސަތު އޭނާ އަށް ލިބިފައިނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އުސޫލު ހަދަންޖެހޭ ފަރާތުން އުސޫލެއް ނަހަދާ އޮތުމަކީ އޭނާއަށް ލިބެންޖެހޭ ހައްގަކުން މަހްރޫމު ކުރެވޭނެ ސަބަބެއް ނޫން ކަމަށާއި އެހެންވެ، އޭނާ އަށް އެ ހައްގު ދޭންޖެހޭނެ ކަމަށް ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައިވެ އެވެ.

އެހެންވެ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ވުރެ އަދަބުގެ ތިން ދަރަޖަ ދަށްކުރަން ޖެހޭނެ ހައި ކޯޓުގެ ހުކުމުގައި ކަނޑައެޅި އެވެ. އަދި އަދަބުގެ ދަރަޖަ ދަށް ކުރުމާ އެކު، އަދަބުގެ ބާވަތް ޖޫރިމަނާ އަށް ބަދަލު ކުރުމުން އޭނާ އަށް ދޭންޖެހޭ އަދަބަކީ 28،800ރ. ގެ ޖޫރިމަނާއެއް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައި، އެ މީހާ އަށް އެންގީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ކޮންމެ މަހަކު ފައިސާ ދައްކަމުން ގޮސް ފަސް މަސް ތެރޭގައި އެ ފައިސާ ދައްކައި ނިންމުމަށެވެ.

މި މައްސަލަ ނިންމި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ސަމީރުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.