Roadha Mihaaru
ބީއެމްއެލްގެ އީޖީއެމްއެއް މިމަހުގެ 24 ގައި ބާއްވަނީ

ބީއެމްއެލްގެ އީޖީއެމްއެއް މިމަހުގެ 24 ގައި ބާއްވަނީ

04 އޮކްޓޯބަރ 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާއެއް ނުވަތަ އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް މިމަހުގެ 24 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާއެއް ނުވަތަ އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް މިމަހުގެ 24 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ބީއެމްއެލްއިން ހިއްސާދާރުންނަށް ދައުވަތު ދީ ކޮށްފައިވާ އިއުލާނުގައި ބުނީ އީޖީއެމް އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ. ބައްދަލުވުން ކުރިއަށްދާނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށެވެ.

މި ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިހާބުކުރުމާއި ހިއްސާދާރުންގެ ހިޔާލު ފާޅުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ޖަލްސާގެ އެޖެންޑާ އައިޓަމަކަށް ސުވާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 21 ގެ ކުރިން ބީއެމްއެލްއަށް އީމެއިލް މެދުވެރިކޮށް ފޮނުވަން ޖެހެ އެވެ.

އޮންލައިންކޮށް ބާއްވާ ޖަލްސާއަކަށް ވުމުން ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން މިމަހުގެ 10 ދުވަހުގެ ފެށިގެން 22 ވަނަ ދުވަހާ ހަމައަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކުރާ ހިއްސާދާރުންނަށް އީޖީއެމްގައި ބައިވެރިއެއް ނުވެވޭނެ އެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ވެސް ބީއެމްއެލް އިން އީޖީއެމްއެއް ބޭއްވި އެވެ. އެފަހަރު އެ ބައްދަލުވުން ބޭއްވީ އަހަރީ އާންމު ޖަލްސާގެ ކުރިން ސަރުކާރުން ފޮނުވަންޖެހޭ ބޯޑު މެންބަރުންގެ އަދަދު ނުލިބި އޮތުމުން ބޯޑު މެންބަރުންގެ ނަންތައް ފާސްކުރުމަށެވެ.