Roadha Mihaaru
ވަކިބޭފުޅަކަށް ނިންމާނެކަމެއް ނެތް: ފަނޑިޔާރު މަހާޒް

ވަކި ބޭފުޅަކަށް ވާތީ ނިންމަން ޖެހޭ ކަމެއް ނޯންނާނެ: ފަނޑިޔާރު މަހާޒު

04 އޮކްޓޯބަރ 2021

ދައުލަތުން ވަކި ފަރުދަކާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން މިއަދު ސުޕްރީމް ކޯޓުގައި ބުނުމުން، ވަކި ބޭފުޅަކަށް ވީތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމަވަންޖެހޭ ވަކި ކަމެއް ނޯންނާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ދައުލަތުން ވަކި ފަރުދަކާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން މިއަދު ސުޕްރީމް ކޯޓުގައި ބުނުމުން، ވަކި ބޭފުޅަކަށް ވީތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމަވަންޖެހޭ ވަކި ކަމެއް ނޯންނާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ޔާމީން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ މިއަދުގެ އަޑުއެހުން ނިންމާލަން އުޅެނިކޮށް ޔާމީންގެ ވަކީލު އަލީ ޝާހު ވިދާޅުވީ ވަކި ފަރުދަކާ މެދު ދައުލަތުން ތަފާތުކުރުން ގެންގުޅޭ ކަމަށާއި ގާނޫނުއަސާސީގައި ބުނާ ހަމަހަކަމުގެ މިންގަނޑަށް އަމަލު ނުކުރާ ކަމަށެވެ.

އޭނާ މިހެން ވިދާޅުވި ސަބަބު ބަޔާން ނުކުރެއްވެނީސް، މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ، ވަކި ބޭފުޅަކަށް ވީތީ ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ނުނިންމާނެ ކަމަށެވެ.

"ވަކީލު ކަށަވަރުކުރައްވާ މި މަޖިލީހުގައި ގޮތް ނިންމަވާނީ ފަނޑިޔާރުން. ފަނޑިޔާރުން ގޮތް ނިންމުމުގައި ރިއާއަތް ކުރާނީ ގާނޫނީ އުސޫލުތަކަށް. މި މަޖިލީހުގައި ވަކި ފަރާތަކަށް ވަކި ގޮތަކަށް ވަކި ބޭފުޅަކަށް ވާތީ ނިންމަން ޖެހޭ ވަކި އެއްވެސް ކަމެއް ނޯންނާނެ." ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.

ދައުލަތުން ތަފާތުކުރުން ގެންގުޅޭ ކަމުގެ ވާހަކަ އައީ ކަފާލާތުގެ ދަށުން ޔާމީން މިނިވަންކުރުމަށް ހުށަހަޅާފައި ވާއިރު ދައުލަތުން އެކަމަށް ދެކޮޅު ހަދާތީ އެކަމާ ގުޅުވައިގެންނެވެ. ކަފާލާތު ލިބޭނީ ކުށުގެ ތުހުމަތުގައި ބަންކޮށްފައި ތިބޭ މީހުންނަށް ކަމަށާއި އެއީ ހުކުމް ތަންފީޒުކުރާ މީހުންނަށް ރާއްޖޭގެ ގާނޫނުތަކުން ލިބިދޭ ކަމެއް ނޫން ކަމަށް ދައުލަތުން ބުނާއިރު ހުކުމް ތަންފީޒުކުރަމުން ދިޔަ ބަޔަކު މީގެ ކުރިން ކަފާލާތުގެ ދަށުން ދޫކޮށްލި އިރު އެކަމަށް ދައުލަތުން ދެކޮޅުހަދާފައި ނުވާތީ ކަމަށް ބެލެވެ އެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިދިޔަ ފެބްރުއަރީ މަހު ވަނީ ތާއީދުކޮށްފަ އެވެ.

އެ ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާއިރު، އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށްދިނުމަށް އަދި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ. އަދި އެކަމާ ބެހޭގޮތުން ދެ ފަރާތުން ވެސް މިއަދު ވާހަކަ ދެއްކި އެވެ.

އިސްތިއުނާފު މަރުހަލާގައި ހޭދަވާ ކޮންމެ ދުވަހަކީ ވެސް އެކަމުގެ ގެއްލުން އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށް ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒު ވިދާޅުވި އެވެ. ހުކުމުގައި 600 އަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެ މަނިކުފާނުގެ އެތައް އަސާސީ ހައްގެއް ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަފާލާތު ނުވަތަ ބެއިލްއާ މެދު އެހެން ބައެއް ގައުމުތަކުގައި ނިންމާފައިވާ ނިންމުންތައް ފާހަގަކުރައްވައި ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އެއީ އެހެން ގައުމުތަކުގައި ވެސް އަދި ރާއްޖޭގައި ވެސް އަސާސީ ހައްގެއް ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި އެކި ތުހުމަތުތަކާ އެކު ހައްޔަރުކޮށް ޖަލަށްލި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އިސްތިއުނާފީ ޝަރީއަތް ނިމެންދެން ކަފާލާތުގެ ދަށުން ދޫކުރި ކަމަށް ޖަމީލް ވިދާޅުވި އެވެ. އެ ނިންމުންތައް ހުރުމުން، ރާއްޖޭގައި ކަފާލާތުގެ ދަށުން މީހުން ދޫކުރެވޭނެ ކަަމަށް ޖަމީލް ވިދާޅުވި އެވެ.

މައުމޫން، ފާރިސް އަދި ގާސިމްގެ މައްޗަށް ހުކުމެއް އޮއްވައި ރިޔާސީ އިންތިހާބުގެ ފަހުން އެ ބޭފުޅުން ކަފާލާތުގެ ދަށުން ދޫކޮށްލީ އެކަމަށް އެ ބޭފުޅުން އެދުމުން ހައި ކޯޓުންނެވެ. އޭރު އެ ނިންމުމަށް ދައުލަތުން ދެކޮޅެއް ނުހަދަ އެވެ. އަދި އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފެއް ވެސް ނުކުރެ އެވެ.

އެކަމަކު، މިއަދު ދައުލަތުން ބުނެފައި ވަނީ ކުށް ސާބިތުވެ، ޖަލަށް ލާފައިވާ މީހަކު ކަފާލާތުގެ ދަށުން ދޫކުރުމަކީ ރާއްޖޭގެ ގާނޫނު ދަންނަކަމެއް ނޫން ކަމަށެވެ. އެއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނަށް އޮންނަ ގޮތެއް ކަމެއް ކަމަށް ދައުލަތުން ބުންޏެވެ.

ކަފާލާތަކީ އަސާސީ ހައްގެއް ކަމަށް ބުނާ އިރު ކުށެއް ސާބިތުވެފައިވާ މީހަކު ކަފާލާތުގެ ދަށުން ދޫކުރެވޭނެ އެއްވެސް އަސާސެއް ގާނޫނުއަސާސީގައި ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ޔާމީންގެ ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދިނުމާ މެދު ވެސް މިއަދު ވާހަކަ ދެއްކި އެވެ. ޔާމީންގެ ހައްގުތައް ހިމާޔަތް ކުރަން އެފަދަ އަމުރެއް ނެރެން ޖެހޭ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވި އެވެ.

އިސްތިއުނާފު ކުރެވޭ ހާލަތެއްގައި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަކީ ހައްގު ހިމާޔަތް ކުރަން ކުރަން ޖެހޭ ކަމެއް ނަމަ އެކަން ގާނޫނެއްގައި ވެސް އަދި ގާނޫނުއަސާސީގައި ވެސް އެކަން ބަޔާންކޮށްފައި އޮންނާނެ ކަމަށް ދައުލަތުން ބުންޏެވެ.

ނިހާއީ ހުކުމެއް އޮވެގެން ނޫނީ ތަންފީޒު ނުކުރެވޭނެ ކަމަށް ގާނޫނުލްއުގޫބާތުގައި ބުނާ ބާވަތުގެ ކުށްތަކުގެ ހުކުމްތައް ފިޔަވައި އެހެން ހުކުމްތައް ފަސް ކުރުމުގެ އަމުރެއް ނެރުމަކީ ޖިނާއީ އަދުލުގެ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެކަމަކު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓެރަރިޒަމް މައްސަލައިގެ 13 އަހަރުގެ ހުކުމް މުރާޖައާކޮށް ނިމެންދެން، ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދުމުން އޭރު ދައުލަތުން އެކަމަށް ދެކޮޅު ހަދައިފައެއް ނުވެ އެވެ. އެ ހުކުމް މުރާޖައާ ކުރަން ސުޕްރީމް ކޯޓުގައި އެދުނީ ވެސް ދައުލަތުންނެވެ.