Roadha Mihaaru
ހުރިހާ ކޮޅަކުން ސުޕްރީމް ކޯޓަށް އިތުބާރާއި ތައުރީފް

ހުރިހާ ކޮޅަކުން ވެސް ސުޕްރީމް ކޯޓަށް އިތުބާރާއި ތައުރީފް

30 ނޮވެމްބަރ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓާއި ހައި ކޯޓުން އިއްވި ހުކުމް ބާތިލްކޮށް، އެ މަނިކުފާނު މިނިވަންކުރަން ސުޕްރީމް ކޯޓުން މިއަދު އިއްވީ އިންސާފުވެރި ހުކުމެއް ކަމަށް ބުނެ އެ ކޯޓަށް ތައުރީފްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓާއި ހައި ކޯޓުން އިއްވި ހުކުމް ބާތިލްކޮށް، އެ މަނިކުފާނު މިނިވަންކުރަން ސުޕްރީމް ކޯޓުން މިއަދު އިއްވީ އިންސާފުވެރި ހުކުމެއް ކަމަށް ބުނެ އެ ކޯޓަށް ތައުރީފްކޮށްފި އެވެ.

ރާއްޖޭގައި ސިޔާސީ ބޭފުޅެއްގެ މައްޗަށް ހުކުމެއް އިއްވައިފި ނަމަ އެއީ ސިޔާސީ ނުފޫޒު ފޯރާފައިވާ ހުކުމެއް ކަމަށް ބުނެ ފާޑުކިއުން އަމާޒުކުރެ އެވެ. އެކަމަކު ރާއްޖޭގެ އެންމެ މަތީ މަރުހަލާގެ ކޯޓުން މިއަދު އިއްވި ހުކުމުން އިންސާފު ކަށަވަރުވާނެ ކަމުގެ އިތުބާރު ބޮޑުވެއްޖެ ކަމަށް ބުނެ އަންނަނީ ޝުއޫރުފާޅުކުރަމުންނެވެ.

ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނަނީ ސުޕްރީމް ކޯޓުގެ ހުކުމް އަދުލުވެރި ކަަމަށެވެ. އަދި ނުހައްގު ހުކުމުން މިނިވަންވެ، ޔާމީނަށް އިންސާފު ގާއިމްވެއްޖެ ކަމަށެވެ. މިއީ، ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމުގެ ހެއްކެއް ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

"މި ހުކުމާ މެދު އަޅުގަނޑުމެން އުފާ ފާޅުކުރަން. އުއްމީދަކީ ސުޕްރީމް ކޯޓުގެ މިފަދަ ނިންމުންތަކުން މުޅި ޝަރުއީ ދާއިރާއަށް ފަހިކަން ލިބިގެން އަންނާނެ ކަމަށް،" ޔާމީންގެ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވި އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު އަލީ ސައީދު ވިދާޅުވި ގޮތުގައި އަދުލު ގާއިމްކޮށްދީފި ކަމަށް ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމް ތާރީހުގައި ލިޔެވިގެންދާނެ އެވެ.

"އެއްވެސް ނުފޫޒަކަށް، ދުނިޔޭގެ ނުފޫޒަކަށް، ސިޔާސީ ނުފޫޒަކަށް ބެލުމެއް ނެތި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު އެ ނިންމި އަދުލުވެރި ހުކުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަޅުގަނޑު ސެލިއުޓްކުރަން. މިއީ ދިވެހިރާއްޖޭގެ އަދުލުގެ ތާރީހުގައި ލިޔެވިގެންދާނެ ހާދިސާއެއް."

ޔާމީންގެ ވަކީލުން ގަބޫލުކުރައްވާ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމް އައީ ނުފޫޒާއި ޒާތީ ތައައްސުބުން އެއްކިބާވެ ތިބެ އެވެ. އެކަމަކު މި ހުކުމާ އެކު ދަށު ކޯޓުތަކުން ގާނޫނުއަސާސީއާ ހިލާފު ކަންތައްތަކެއް ކޮށްފައިވާ ކަން ސާބިތުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވި ގޮތުގައި ރައްޔިތުންނަށް މިއަދު ސާފުވީ ނުފޫޒެއް ނެތް، މިނިވަން ފަނޑިޔާރުގެއެއް ކަށަވަރުކޮށްދީފި ކަމެވެ.

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވި ގޮތުގައި މިއަދު ފެނިގެން ދިޔައީ ސުޕްރީމް ކޯޓުގެ މިނިވަން ކަމެވެ. މި ސަރުކާރުން ފަނޑިޔާރުން ހައްޔަރުކޮށް ފުރާޅުގެ ޓިނު ނުނަގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފުރާޅުން ޓިނު ނުނަގާނެ ކަމަށް ވިދާޅުވެ ޔުމްނާގެ ފާޑުކިއުން އެ އަމާޒުކުރެއްވީ ޔާމީންގެ ވެރިކަމުގައި ސިޔާސީ ބޭފުޅުންތަކެއް މިނިވަންކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމަކާ އެކު ފަނޑިޔާރުން ހައްޔަރުކުރި މައްސަލައަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މޫސާ ސިރާޖު ވިދާޅުވި ގޮތުގައި ސިޔާސީ މީހަކަށް ވީތީ އިންސާފުން ބޭރުން ހުކުމެއް ނީއްވާނެ އެވެ.

"ހުކުމުން ސާފުވީ ތަހުގީގީ އިދާރާތައް ހަރުދަނާކުރަން ޖެހޭ ކަމާއި ދައުވާ އުފުލުމުގައި ހަރުދަނާވާން ޖެހޭކަން. ބޮޑެތި ގިނަ މައްސަލަތައް ގެއްލޭނީ ތަހުގީގުކުރުމުގައި ހެދޭ ގޯސް ގިނަކަމުން،" އޭނާ ވިދާޅުވި އެވެ.

ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު، 28، 2019ގަ އެވެ.

އެ ދައުވާ ކުރީ އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފުން ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެ މަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ބުނެ އެވެ.

ޔާމީން މިއަދު ސުޕްރީމް ކޯޓުގައި

ޔާމީން މިއަދު ސުޕްރީމް ކޯޓުގައި

ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނީ ޔާމީން ޖަލަށް ލުމަށް ހުކުމްކުރުމުގައި އަސްލަކަށް ބެލި، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާވިކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. މައްސަލަ ދިރާސާކުރި އިރު، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔާތުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެފައި ވަނީ އެސްއޯއެފަށް ޖަމާވި ވޮޑަމުލާގެ ޗެކްކަން ވަނީ އެނގިފައި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް ޔާމީންގެ މައްސަލާގައި މި ޗެކް ހުށަހަޅައިފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރީ، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާކުރި ކަމަށް ބުނާ ޗެކް ނަންބަރު ދިމާނުވާތީ ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތުގެ ފައިސާ ކަމާ މެދު ޝައްކު އުފެދޭ ހާލަތެއް އޮތުމެވެ.