Roadha Mihaaru
މަހާޒްގެ ބަސް: ފަރިއްކޮޅު ބޭއްވީ އަމިއްލަ ޚަރަދުގައި

މަހާޒްގެ ބަސް: ފަރިއްކޮޅު ބޭއްވީ އަމިއްލަ ޚަރަދުގައި، އެދެނީ ހުޅުވާލައިގެން މައްސަލަ ބަލަން

01 ޑިސެމްބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިިނިވަންކުރަން ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހު އެ ކޯޓުގައި މެންދުރުގެ ފަރިއްކޮޅެއް ބޭއްވީ އަމިއްލަ ޚަރަދުގައި ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަހާޒް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިިނިވަންކުރަން ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހު އެ ކޯޓުގައި މެންދުރުގެ ފަރިއްކޮޅެއް ބޭއްވީ އަމިއްލަ ޚަރަދުގައި ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަހާޒް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ސުޕްރީމް ކޯޓުން ޔާމީން މިނިވަންކުރި ދުވަހު، ޔާމީނާ ގުޅުން އޮތް ފަރާތަކުން އެ ކޯޓަށް ފޮނުވި މެންދުރު ކެއުމަކާ، އެ މައްސަލަ ބެލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒް ހަވާލުވެ ވަޑައިގަތް ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާގެ މައްސަލަ ބަލަން ފަށައިފަ އެވެ.

މަހާޒް ކުރެއްވި ޓްވީޓެއްގައިވަނީ އެ މައްސަލަ އޮންނަ ކޮންމެ ދުވަހަކު އަޑުއެހުންތައް ދިގުލައިގެންދާތީ މެންދުރުގެ ކެއުމެއް ފަނޑިޔާރުން އަމިއްލަ ޚަރަދުގައި ބާއްވަމުންދިޔަ ކަމަށެވެ. އަދި ޔާމީންގެ މައްސަލަ ނިންމި ދުވަހަކީ ސުޕްރީމް ކޯޓުގެ ރިސެސްގެ ކުރިން އަންނަ ރަސްމީ ފަހު ދުވަސް ކަމަށްވާތީ އެދުވަހުގެ ކެއުން ދިނީ އޭނާގެ އަމިއްލަ ޚަރަދުގައި ކަމަށް އޭނާ ޓްވީޓްގައިވެ އެވެ.

"ފަހު މަސައްކަތު ދުވަސް ކަމަށްވާތީ ހުރިހާ ފަނޑިޔާރުންނަށް އަމިއްލަ ޚަރަދުގައި މެންދުރުގެ ކެއުމެއް ދިނިން. ކެއިއިރު ކާތަކެތި ގެނައީ ކޮންތަނަކުން ކަން ވެސް ހުރިހާ ފަނޑިޔާރުންނަށް އެނގޭނެ. ހުރިހާ ފަނޑިޔާރުން ވެސް ކެއި." މަހާޒްގެ ޓްވީޓްގައިވެ އެވެ.

"ފައިސާ ދެއްކި ސްލިޕް ވެސް އެބައޮތް. ހިލޭ ނުވަތަ ނުއަގުގައި ގެނައި އެއްޗެއް ވެސް ނޫން. އަދި ވަކި ޚާއްސަ އެއްޗެއް ގެނައީކީ ވެސް ނޫން."

މަހާޒްގެ ޓްވީޓްގައި އެދިވަޑައިގެންފައި އޮތީ އެ މައްސަލަ ޖޭއެސްސީން ބަލާއިރު އާންމުކޮށް ހުޅުވާލައިގެން އިންސާފުން މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ޔާމީން މިނިވަންކުރީ ތިން ފަނޑިޔާރންގެ އިއްތިފާގުންނެވެ.