Roadha Mihaaru
އެޕްތައް ޑައުންވުމުން ޒަކަބާގަށް 7 ބިލިއަން ގެއްލުނު

ފޭސްބުކްގެ ވެރިޔާއަށް ދެތިން ގަޑިިއިރުން 7 ބިލިއަން ޑޮލަރުގެ ގެއްލުން

05 އޮކްޓޯބަރ 2021

ފޭސްބުކް އަދި އެ ކުންފުނީގެ ދަށުން ހިންގާ ވަޓްސްއެޕާއި އިންސްޓަގްރާމް ޑައުންވެ ހޭދަވި ހައެއްކަ ގަޑިއިރު ތެރޭ ފޭސްބުކްގެ ހިއްސާގެ އަގު ވެއްޓި ކުންފުނީގެ ވެރިޔާ މާކް ޒަކަބާގުގެ މިލްކިއްޔާތުން ހަތް ބިލިއަނެއްހާ ޑޮލަރު މަދުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފޭސްބުކް އަދި އެ ކުންފުނީގެ ދަށުން ހިންގާ ވަޓްސްއެޕާއި އިންސްޓަގްރާމް ޑައުންވެ ހޭދަވި ހައެއްކަ ގަޑިއިރު ތެރޭ ފޭސްބުކްގެ ހިއްސާގެ އަގު ވެއްޓި ކުންފުނީގެ ވެރިޔާ މާކް ޒަކަބާގުގެ މިލްކިއްޔާތުން ހަތް ބިލިއަނެއްހާ ޑޮލަރު މަދުވެއްޖެ އެވެ.

މި އުނިވުމާ އެކު އޭނާގެ މިލްކިއްޔާތުގެ އަގު 121.6 ބިލިއަން ޑޮލަރަށް ދަށްވެ އޭނާ ވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ފަސް ވަނައަށް ވެއްޓިފަ އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ފަހެއް

1. އިލޯން މަސްކް: މިލްކިއްޔާތުގައި 210.6 ބިލިއަން ޑޮލަރު

2. ޖެފް ބޭޒޯސް: މިލްކިއްޔާތުގައި 185.7 ބިލިއަން ޑޮލަރު

3. ބަނާޑް އާނޯލްޓް: މިލްކިއްޔާތުގައި 153.3 ބިލިއަން ޑޮލަރު

4. ބިލް ގޭޓްސް: މިލްކިއްޔާތުގައު 124 ބިލިއަން ޑޮލަރު

5. މާކް ޒަކަބާގް: މިލްކިއްޔާތުގައި 121.6 ބިލިއަން ޑޮލަރު

ފޭސްބުކްގެ އެޕްތައް ޑައުންވުމުމާ ގުޅިގެން ފޭސްބުކްގެ ހިއްސާގެ އަގު ވަނީ 4.9 ޕަސެންޓަށް ވެއްޓިފަ އެވެ.

ފޭސްބުކް އަދި އޭގެ ދަށުން ހިންގާ އެޕްތަކަށް މައްސަލަ ދިމާވީ ކޮންފިގަރޭޝަންނަށް ގެނެވުނު ގޯސް ބަދަލެއްގެ ސަބަބުން ކަމަށް ފޭސްބުކުން ވަނީ ބުނެފަ އެވެ. ބައެއް ހިސާބުތަކަށް އެޕްތައް ބޭނުން ނުކުރެވި ފަސް ވަރަކަށް ގަޑިއިރު ހޭދަވަމުމަށް ފަހު މިހާރު އަލުން ހިދުމަތް ދެމުން އައި ނަމަވެސް އަދިވެސް އެއްކޮށް މައްސަލަ ހައްލެއް ނުވެ އެވެ.

އިއްޔެގެ ވެއްޓުމާ އެކު ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން ބަލާ ނަމަ މިއީ 15 ޕަސެންޓުގެ ދަށްވުމެކެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން ވޯލްސްޓްރީޓް ޖާނަލުން އަންނަނީ ފޭސްބުކްގެ އިހުމާލުތަކާ ގުޅޭ ހަބަރުތައް ލިޔަމުންނެވެ. އެހެންވެ ހިއްސާގެ އަގަށް ވަނީ ނޭދެވޭ އަސަރުކުރަން ފަށައިފަ އެވެ.

ފޭސްބުކާއި އެއާ ގުޅުން ހުރި އެޕްތަކުގެ ސަބަބުން ކުޑަކުދިންގެ މެންޓަލް ހެލްތާއި އެހެން ކަންކަމަށް ނޭދެވޭ އަސަރުކުރާކަން ފޭސްބުކަށް އެނގޭ ކަމާއި އެކަމާ މާބޮޑު އަޅާނުލެއް ނުދޭ ކަމަށް ލިޔުންތަކުން ވަނީ ހާމަވެފަ އެވެ. މި ރިޕޯޓްތައް އާންމުކުރުމާ އެކު ސަރުކާރުތަކުގެ ސަމާލުކަމަށް ވެސް މި މައްސަލަ ވަނީ އައިސްފަ އެވެ.

މިކަމާ ގުޅިގެން ފޭސްބުކްގެ ވައިސް ޕްރެޒިޑެންޓް، ގްލޯބަލް އެފެއާޒް ނިކް ކްލެގް ސީއެންއެންއަށް ވިދާޅުވެފައިވަނީ އެ މައްސަލަތަކަކީ ޓެކްނޮލޮޖީން އެކަނި ޖެހޭ މައްސަލަތަކެއް ނޫން ކަމަށެވެ.