Roadha Mihaaru
މެޓައިން ޓްވިޓާއާ ވާދަކުރާތީ "ކޮޕީ ކެޓް" ގޮވައިފި

މެޓައިން ޓްވިޓާއާ ވާދަޔަށް އުޅޭތީ "ކޮޕީ ކެޓް" އޭ ކިޔައި ޖޯކް ޖަހައިފި

17 މާޗް 2023

ޓްވިޓާގެ ވާދަވެރި ކުންފުންޏެއް އުފައްދަން މެޓައިން ނިންމުމުން، ކުންފުނީގެ ސީއީއޯ މާކް ޒަކަބާގަށް، ޓްވިޓާގެ ސީއީއޯ އީލޮން މަސްކު ހަޖޫޖަހައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ޓްވިޓާގެ ވާދަވެރި ކުންފުންޏެއް އުފައްދަން މެޓައިން ނިންމުމުން، ކުންފުނީގެ ސީއީއޯ މާކް ޒަކަބާގަށް، ޓްވިޓާގެ ސީއީއޯ އީލޮން މަސްކު ހަޖޫޖަހައިފި އެވެ.

ފޭސްބުކާއި އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ މައި ކުންފުނި މެޓައިން ދާދި ފަހުން ވަނީ، ޓްވިޓާ ފަދަ ޓެކްސްޓް-ބޭސްޑް ކޮންޓެންޓު ޝެއާކުރާ އެޕެއް އުފެއްދުމުގެ މަސައްކަތް ފަށާފައި ކަމަށް ބައެއް ނޫސްތަކުން ބުނެ އެވެ.

އެ ރިޕޯޓުގައި ވާގޮތުން، އިންސްޓަގްރާމުގެ ދަށުން ބްރޭންޑުކުރާ އެ އެޕް ބޭނުންކުރާ މީހުންނަށް އެ މީހުންގެ އިންސްޓަގްރާމް ޕާސްވޯޑައި ޔޫސާނޭމް ބޭނުންކޮށްގެން ލޮގިން ވެވޭނެ އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އީލޮން އަކީ ޓްވިޓާގައި ވަރަށް އެކްޓިވްކޮށް އުޅޭ މީހެކެވެ. އޭނާ ޒަކަބާގަށް ހަޖޫ ޖެހީ މެޓައިން ޓްވިޓާ ފަދަ އެޕެއް އުފައްދަން ނިންމީ ކީއްވެތޯ ސުވާލުއުފައްދާފައި މީހަކު ކުރި ޓްވީޓަކަށް ދިން ޖަވާބުގަ އެވެ. އޭނާގެ ރައްދުގައި އޮތީ "ކޮޕީ" ލިޔުމަށް ފަހު ބުޅަލެއްގެ އިމޯޖީ އެވެ.

ޓްވިޓާގެ ސީއީއޯކަމާ ހަވާލުވި ފަހުން ގިނަ ބަދަލުތަކެއް އީލޮން އަންނަނީ ގެންނަމުންނެވެ. ހާއްސަކޮށް، ހަރަދުކުޑަ ކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ޓްވިޓާގެ ގިނަ އޮފީސްތަކެއް ވެސް ބަންދުކުރި އެވެ. އަދި އެ ޕްލެޓްފޯމުގެ ގިނަ ސިޔާސަތުތައް ވެސް ބަދަލުކުރި އެވެ.

އޭނާ އަކީ ވާދަވެރިން ތިބެން ގަޔާވާ މީހެއް ނޫންކަން ފަހުގެ ބައެއް ނިންމުންތަކުން އެނގެ އެވެ. އެގޮތުން، ޓްވިޓާގެ އިންޑިއާ ވާދަވެރި، "ކޫއެޕް" ގެ ޓްވިޓާ އެކައުންޓާއި މައިކްރޯ ބްލޮގިން އެޕް "މެސްޓަޑޮން" ގެ އެކައުންޓް ވަނީ ދާދި ފަހުން ޓްވިޓާއިން ސަސްޕެންޑުކޮށްފަ އެވެ. އަދި ކުރިން ޑިވަލޮޕަރުންނަށް ދޭ ޓްވިޓާގެ އޭޕީއައި އެކްސެސް މިހާރު ޖެހެނީ ގަންނާށެވެ.

އީލޮން ވަނީ 2020 ވަނަ އަހަރު އެމަޒޯން އިން "ޒޫކްސް" ކުންފުނި ގަތުމާ އެކު ޖެފް ބެޒޮސް އަށް ވެސް "ކޮޕީ ކެޓް" އަށް ގޮވައިފަ އެވެ.