Roadha Mihaaru
ބޭރުގައި ކުޅޭ ކުޅުންތެރިންނާއެކު އަހަރެމެން ވަރުގަދަވީސް

ބޭރުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ތިބިނަމަ އަހަރެމެން މާ ވަރުގަދަ ވާނެ: ނޭޕާލް ކޯޗު

05 އޮކްޓޯބަރ 2021

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ނޭޕާލް މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެފައި ވިޔަސް ފައިނަލް ޔަގީން ނުވާކަމަށާއި، ގައުމުން ބޭރުގައި ދިރިއުޅޭ ޑުއަލް ސިޓިޒެންޝިޕް އޮންނަ (ދެ ޕާސްޕޯޓް ގެންގުޅޭ) ނޭޕާލް ކުޅުންތެރިން ޓީމުގައި ހިމެނޭ ނަމަ ޓީމު އިތުރަށް ވަރުގަދަ ވާނެކަމަށް ނޭޕާލްގެ ގައުމީ ޓީމުގެ ކޯޗު އަބްދުﷲ އަލް މުތައިރީ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ނޭޕާލް މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެފައި ވިޔަސް ފައިނަލް ޔަގީން ނުވާކަމަށާއި، ގައުމުން ބޭރުގައި ދިރިއުޅޭ ޑުއަލް ސިޓިޒެންޝިޕް އޮންނަ (ދެ ޕާސްޕޯޓް ގެންގުޅޭ) ނޭޕާލް ކުޅުންތެރިން ޓީމުގައި ހިމެނޭ ނަމަ ޓީމު އިތުރަށް ވަރުގަދަ ވާނެކަމަށް ނޭޕާލްގެ ގައުމީ ޓީމުގެ ކޯޗު އަބްދުﷲ އަލް މުތައިރީ ބުނެފި އެވެ.

"އިޓަލީގައި އެބަހުރި ނޭޕާލްގެ ކުޅުންތެރިއެއް. ނޭޕާލް ގައުމީ ޓީމަށް ގެންނަން އަހަރެން ވާހަކަ ދެއްކިން އޭނާއާ އޭޕްރީލް މަހު. ކުޅުންތެރިޔާ ވެސް ހުރީ ވަރަށް އުފަލުން. ނަމަވެސް ދިމާވި މައްސަލައަކީ ދެ ޕާސްޕޯޓު ގެންގުޅޭ ކުޅުންތެރިންނަށް ނޭޕާލުގައި ގައުމު ތަމްސީލުކުރުމުގެ ފުރުސަތެއް ނެތް. ލަންކާއަށް ބަލާއިރު ގައުމުން ބޭރުގައި ދިރިއުޅޭ ކުޅުންތެރިން އެބަތިބި. އެއިން އެމީހުނަށް ފައިދާ ވެސް ކުރޭ. އެ ގައުމެއްގެ ލޭ ހިނގަންޏާ ހަމަ ކުޅެންވީ،" މިއަހަރު ނޭޕާލް ޓީމާ ހަވާލުވި ކޯޗު އަލް މުތައިރީ ބުންޏެވެ.

"ބޭރު ލީގުތަކުގައި ކުޅޭ ކުޅުންތެރިންނާއެކު އަހަރެމެން މާ ބޮޑަށް ވެސް ވަރުގަދަ ވާނެ. ގައުމުން ބޭރުގައި ކުޅޭ ބައިވަރު ނޭޕާލް ކުޅުންތެރިން އެބަ އުޅޭ އެ ގައުމުތަކުގައި ދިރިއުޅޭ،" ނޭޕާލްގެ ކޯޗު މުތައިރީ ބުންޏެވެ. "އޭގައި އެ މީހުން ކުށްވެރިއެއް ނުކުރެވޭނެ. އެކަމަކު ގަވާއިދު ބަދަލުކުރެވިދާނެ."

ނޭޕާލުން މި ފަހަރުގެ މުބާރާތުގެ ފުރަތަަމަ މެޗުގައި ރާއްޖެ އަތުން 1-0 އިން ވަނީ މޮޅުވެފަ އެވެ. ރޭ ދެ ވަނަ މެޗުގައި ސްރީ ލަންކާ ބަލިކުރީ 3-2 އިންނެވެ. މި މެޗުގައި ސްރީ ލަންކާއިން ޖެހި ދެ ގޯލު ވެސް ކާމިޔާބު ކޮށްދިނީ އިނގިރޭސިވިލާތަށް އުފަން، އެ ގައުމުގައި ދިރިއުޅޭ ދެ ކުޅުންތެރިންނެވެ.

މިމެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ، މެޗުގައި ލީޑު ލިބޭ ހިސާބުން އެ ލީޑު ދިފާއުކުރަން ބޭނުންވާ ހުރިހާ އުކުޅެއް ވެސް ބޭނުންކުރާނެ ކަމަށް ބުނެފަ އެވެ. އަދި ލަންކާ ޓީމަށް އެއްވެސް ވަރަކަށް ގޭމް ހުޅުވާ ނުލާނެކަމަށް ވެސް މުތައިރީ ވަނީ އެ ބައްދަލުވުމުގައި ބުނެފަ އެވެ. އެހެން ނަމަވެސް ލަންކާ ވަނީ މެޗު ނިމެންދެން ވެސް ނޭޕާލްގެ ޑިފެންސަށް ޕްރެޝާ ކޮށްފަ އެވެ.

"ފުރަތަމަ ފަހަރަށް ނޭޕާލަށް އައިސް އަހަރެން ތިން ކަމަކަށް ވައުދު ވީން. އޭގެ ތެރެއިން ދެ ކަމެއް ފުރިހަމަވެއްޖެ. ދެން އޮތީ ތިންވަނަ ކަންތައް. މުބާރާތުގައި މުހިންމީ ޓީމުގެ ޕާފޯމަންސަށް ވުރެން ބޮޑަށް ނަތީޖާ. ގިނަ ވަގުތު ބޯޅަ ހިފަހައްޓަންޏާ އެކަން ވެސް ކުރަންވީ، އެކަމަކު އަހަރެން ބޭނުންވަނީ ޕޮއިންޓް ހޯދަން. ޓީމުގެ ޕާފޯމަންސާމެދު ވިސްނާނީ ރަހުމަތްތެރިކަމުގެ މެޗްތަކުގައި. އޭރަށް މުބާރާތެއްގައި ކުޅެން ތައްޔާރު ވެވޭނީ،" ރޭގެ މެޗުގައި ޓީމު ދެއްކި ކުޅުމާ ގުޅޭގޮތުން މުތައިރީ ބުންޏެވެ.

"ބައެއް މީހުން ހިތްހަމަ ނުޖެހިދާނެ އަހަރެންގެ ޓީމް ރާއްޖެއާ ލަންކާއާ ދެކޮޅަށް ދެއްކި ކުޅުމާމެދު. އެކަމަކު ކީއްވެ ހަރެން ދެރަވާންވީ؟ ދެ މެޗުން ލިބެންޖެހޭ ހަ ޕޮއިންޓް ލިބިއްޖެ. ދެން އޮތީ އިންޑިއާ. އެ މީހުން ކިތަންމެވަރަކަށް ބޯޅަ ހިފަހައްޓައިގެން ކުޅުނަސް (ނޭޕާލް ކޮޅަށް ގޯލެއް ނުވަދެ)، އަހަރެން އުފާވާނެ ނޭޕާލަށް ގޯލެއް ޖެހޭ ހިސާބުން."

ނޭޕާލުގެ ކޯޗު އިތުރަށް ބުނީ، ބަންގްލަދޭޝްއާ އެއްވަރުވި މެޗަށް ފަހު އިންޑިއާ އަށް ޕްރެޝަރު އޮންނާނެކަމާއި، ހަތްވަނަ ދުވަހު ކުޅޭ ދެ މެޗުގައި ވެސް ހައިރާންކުރަނިވި ނަތީޖާތައް ފެނުން އެކަށީގެންވާ ކަމަށެވެ. އަދި ފުޓުބޯޅައަކީ ގެންގުޅޭ ވިސްނުމާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ކުޅިވަރަކަށް ވުމުން އޭނާ އަބަދުވެސް ވިސްނަނީ އޭނާގެ ޓީމުގެ ކުޅުންތެރިން ޕްރެޝަރާ ދުރުގައި ބައިތިއްބޭތޯކަމަށެވެ.