Roadha Mihaaru
އެޑްވާންޓޭޖް އޮތީ އިންޑިއާއަށް، ނޭޕާލް ހިތްވަރު ކުރާނެ

އެޑްވާންޓޭޖް އޮތީ އިންޑިއާ އަށް، އަހަރެމެން ހިތްވަރުކުރާނަން: ނޭޕާލް ކޯޗު

09 އޮކްޓޯބަރ 2021

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ރޭ ކުޅޭ މެޗުގައި ހުރިހާ އެޑްވާންޓޭޖެ އޮތީ އިންޑިއާ އަށް ކަމަށާއި އެކަމަކު ފަހު ވަގުތާ ޖެހެންދެން ވެސް ނޭޕާލުން ހިތްވަރު ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އަބްދުﷲ އަލް މުތައިރީ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ރޭ ކުޅޭ މެޗުގައި ހުރިހާ އެޑްވާންޓޭޖެ އޮތީ އިންޑިއާ އަށް ކަމަށާއި އެކަމަކު ފަހު ވަގުތާ ޖެހެންދެން ވެސް ނޭޕާލުން ހިތްވަރު ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އަބްދުﷲ އަލް މުތައިރީ ބުނެފި އެވެ.

"އިންޑިއާ އޮތީ މިހާރު ދުނުޔޭގެ ރޭންކިން 110 ނޫނީ 111 ވަނައިގަ ކަންނޭނގެ. ނޭޕާލް އޮތީ 168 ވަނައިގައި. އިންޑިއާގެ ކޯޗު އެއީ ގައުމީ ޓީމުގައި ފީފާ ވޯލްޑް ކަޕް ވެސް ކުޅުނު މީހެއް. އަހަރެން ދުވަހަކު ވެސް ކުވެއިތު ގައުމީ ޓީމަކަށް ނުކުޅެން. ހުރިހާ އެޑްވާންޓޭޖެއް އޮތީ އިންޑިއާ އަށް. އެކަމު އަހަރެމެންގެ ކުޅުންތެރިން އެންމެ ފަހު ވަގުތާހަމައަށް ވެސް ހިތްވަރު ކުރާނެ،" ކުވޭތަށް އުފަން ކޯޗު ބުންޏެވެ.

މުތައިރީ ބުނީ، އިންޑިއާ އަކީ ވަރުގަދަ ޓީމެއް ނަމަވެސް ޖެހިލުން ނުވާ ކަމަށާއި އެ ޓީމަށް އިހުތިރާމްކުރާ ކަމަށެވެ. އަދި ނޭޕާލް ޓީމު ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް ފައިނަލް ޔަގީން ނުވާ ކަމަށާއި، ފައިނަލަށް ދާން ބާކީ އޮތް ދެ މެޗުން ނަތީޖާ ނެރުން މުހިއްމު ކަމަށް ވެސް މުތައިރީ ބުންޏެވެ.

މާދަމާ ރޭ ނޭޕާލުން ވަރުގަދަ އިންޑިއާއާ ދެކޮޅަށް ނުކުންނައިރު އެޓީމު އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ލީގު ތާވަލުގެ އެއްވަނައިގަ އެވެ. ނޭޕާލުން ފުރަތަމަ މެޗުގައި ރާއްޖެ 1-0 އިން ބަލިކުރި އިރު ދެވަނަ މެޗް ކާމިޔާބުކުރީ ސްރީ ލަންކާ 3-2 އިން ބަލިކޮށްގެންނެވެ. އިންޑިއާ އިން ކުޅުނު ދެ މެޗުން ލިބުނީ ދެ ޕޮއިންޓެވެ.

ނޭޕާލްގެ ކެޕްޓަން އަދި ގޯލް ކީޕަރު ކިރަން ޝެމްޝޮންގް ބުނީ މި އަހަރުގެ "އަންޑަޑޯގްސް" އަކީ ނޭޕާލް ކަމަށާއި، ނޭޕާލުން އިންޑިއާ މެޗަށް ވެސް ނުކުންނާނީ މޮޅެއް ހޯދަން ކަމަށެވެ.

ޓީމުގެ ހުރިހާ ކުޅުންތެރިންގެ ހުވަފެނެއް އެއީ މުބާރާތް ކާމިޔާބުކުރުން. މާދަމާގެ މެޗުގައި އެންމެން ވެސް ނުކުންނާނީ މިކަން ހަގީގަތަކަށް ހަދަން މެޗުން މޮޅުވެގެން ފައިބަން. ހުރިހާ ކުޅުންތެރިން ވެސް މެކްސިމަމް ދޭނެ، --ކިރަން

"އިންޑިއާ މެޗަށް ޓީމު އޮތީ ތައްޔާރަށް. ހަރުފަތަކަށް ފަހު ހަރުފަތެއް ކާމިޔާބު ހޯދަމުން މި ދަނީ، ފުރަތަމަ ކުޅުނު ދެ މެޗު ކާމިޔާބު ވެއްޖެ. ދެން އޮތީ ތިންވަނަ މެޗު. މީގެން ވެސް މޮޅުވުން މުހިއްމު ޓާގެޓަށް ވާސިލުވާން. އަހަރެމެން މީއީ މުބާރާތުގެ އަންޑަޑޯގްސް. ކޮންމެ މެޗެއްގައި ވެސް ހިތްވަރާއެކު މަސައްކަތްތަކެއް ކުރަން ޖެހޭ،" މީގެ ކުރިން ރާއްޖޭގެ ޓީސީ ސްޕޯޓްސްއާ އެކު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ކިރަން ބުންޏެވެ.

ކިރަން ވަނީ މީގެ ކުރިން އިންޑިއާގެ އައި-ލީގުގައި ކުޅެ، ލީގުގެ މޮޅު ގޯލްކީޕަރުގެ މަގާމު ވެސް ހޯދައިފަ އެވެ.

"ޓީމުގެ ހުރިހާ ކުޅުންތެރިންގެ ހުވަފެނެއް އެއީ މުބާރާތް ކާމިޔާބުކުރުން. މާދަމާގެ މެޗުގައި އެންމެން ވެސް ނުކުންނާނީ މިކަން ހަގީގަތަކަށް ހަދަން މެޗުން މޮޅުވެގެން ފައިބަން. ހުރިހާ ކުޅުންތެރިން ވެސް މެކްސިމަމް ދޭނެ،" ކިރަން ބުންޏެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް އާއި ސްރީ ލަންކާ ބައްދަލުކުރި މެޗަށް ފަހު ކިރަން. --. ފޮޓޯ: ނިޝާން އަލީ/މިހާރު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް އާއި ސްރީ ލަންކާ ބައްދަލުކުރި މެޗަށް ފަހު ކިރަން. --. ފޮޓޯ: ނިޝާން އަލީ/މިހާރު

ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލުން މިހާތަނަށް އިންޑިއާ އަތުން މޮޅުވީ އެންމެ ފަހަރަކު އެވެ. އެއީ 2013 ވަނަ އަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގަ އެވެ. އެ އަހަރު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިޔަ ނަމަވެސް ސެމީން ބަލިވީ އެ ފަހަރު މުބާރާތް ކާމިޔާބުކުރި އަފްގާނިސްތާނާ ކުޅެ، މެޗުގެ ވަރަށް ކުރީކޮޅު ވަން ލަނޑަކުންނެވެ. އެ މުބާރާތުގައި ވެސް ނޭޕާލްގެ ގޯލު ބެލެހެއްޓީ ކިރަން އެވެ.

ނޭޕާލުން މުބާރާތަށް ތައްޔާރުވާން އިންޑިއާއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅުނެވެ. ފުރަތަމަ މެޗު 1-1 އިން އެއްވަރުވިއިރު ދެވަނަ މެޗުން ބަލިވީ 2-1 އިންނެވެ.

ނޭޕާލާއި އިންޑިއާ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ.