Roadha Mihaaru
އައްޑުއަށް ފުލުހުން އިތުރުކުރަން ދަތި: މިނިސްޓަރު

އައްޑުއަށް ފުލުހުން އިތުރުކުރަން ޖެހޭ، އެކަމަކު މިވަގުތު އެއީ ދަތިކަމެއް: މިނިސްޓަރު

04 އޮކްޓޯބަރ 2021

އައްޑޫގައި ފުލުހުންގެ އަދަދު އިތުރުކުރަންޖެހޭ ކަަމަށާއި ނަމަވެސް ފުލުހުން މަދުކަމުން އެކަން ކުރަން އަދި ދަތި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އައްޑޫގައި ފުލުހުންގެ އަދަދު އިތުރުކުރަންޖެހޭ ކަަމަށާއި ނަމަވެސް ފުލުހުން މަދުކަމުން އެކަން ކުރަން އަދި ދަތި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ އައްޑުއަށް ފުލުހުންގެ އަދަދު އިތުރުކުރަން ޖެހޭކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް މިވަގުތު އެކަން ކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ އައްޑޫގެ މޭޔަރާ ކުރެއްވި މަޝްވަރާތަކުގައި ވެސް އެވާހަކަ ވިދާޅުވެފައިވާނެ ކަަމަށެވެ.

"އެހެން ނަަމަވެސް މިއަދު ފުލުހުންގެ މުޅި އަދަދު އެކުލެވިފައިވާ ގޮތުންނާއި ރާއްޖޭގެ ހުރިހާ ރައްތަކަށް ހިދުމަތް ދޭން ޖެހިފައިވާތީވެ، އެ އަދަދު މިވަތުތަށް އިތުރުކުރުމުގައި ދަތިތަކެއް ހުރި ވާހަކަ އަޅުގަނޑު މި ދަނީ ހަމަ އެކި ފޯރަމްތަކުގައި ދަންނަވަމުން،" އިމްރާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް ޖަވާބުދެއްވަނީ. އޭނާ ވިދާޅުވީ އައްޑޫގައި ތިބޭ ފުލުހުންގެ އަދަދު އިތުރުކުރަން މިވަގުތު ދަތިކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް ޖަވާބުދެއްވަނީ. އޭނާ ވިދާޅުވީ އައްޑޫގައި ތިބޭ ފުލުހުންގެ އަދަދު އިތުރުކުރަން މިވަގުތު ދަތިކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ނަމަވެސް އައްޑުއަށް ފުލުހުން އިތުރުކުރަން ސަރުކާރުން ވިސްނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫ ޕޮލިސް ސްޓޭޝަނުގައި ފުލުސް އޮފިސަރުންނާއި ވަސީލަތްތަކުގެ ދަތިކަން ވަރަށް ބޮޑުވެފައިވާ ކަމަށާއި ހޯމް މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ކުރިން ބުންޏެވެ.

އައްޑޫ ހިތަދޫގައި މިދިޔަ މަހުގެ 17 ގައި ހިންގި މާރާމާރީތަކާ ގުޅިގެން، ޖެހިގެން އައި ދުވަހު ސިޓީ ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމުގައި ބުނެފައި ވަނީ އެ ސިޓީގައި ފުލުހުންނާއި ފުލުހުންގެ ވެހިކަލްތަކުގެ އަދަދު މަދުވުމުން ހިދުމަތް ދޭން އުނދަގޫ ވެފައިވާ މައްސަލަ އޮގަސްޓްމަހުގެ ހަތަރެއްގައި ހޯމް މިނިސްޓްރީ އަށް ލިޔުމަކުން އަންގާފައިވާ ކަމަށެވެ.

ހިތަދޫގައި މިދިޔަ މަހުގެ 17 ގައި ހިންގި ދެ މާރާމާރީގައި އެކަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އެ ދުވަހު ފުރަތަމަ މާރާމާރީ ހިންގީ ހެނދުނު ހިތަދޫ ފުލެޓް ސަރަހައްދުގަ އެވެ. ފްލެޓެއްގެ ތެރޭގައި ހުއްޓައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ.

ހަމަ އެ ދުވަހުގެ ރޭ ހިތަދޫގައި ވަނީ ސައިކަލަކުން ދިޔަ ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ. އެ މާރާމާރީގައި ޒަހަމްވެފައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނެކެވެ. އެ ތަނުން ފިރިހެން މީހާގެ ކަނާތު ކޮނޑު ވަނީ ތޫނު އެއްޗަކުން ހަމަލާދީ ކަފާލައިފަ އެވެ. އަންހެން މީހާ އަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ.