Roadha Mihaaru
އިންޑިއާގެ ދުރު ހިސާބުތަކަށް ވެކްސިން ގެންދިއުމުގައި ޑްރޯން

އިންޑިއާގެ ދުރު ހިސާބުތަކަށް ވެކްސިން ގެންދިއުމުގައި ޑްރޯން

08 އޮކްޓޯބަރ 2021

ނިއު ދިއްލީ (އޮކްޓޯބަރު 8) - އިންޑިއާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ހަލުވި ކުރުމުގެ ގޮތުން ދުރު ހިސާބުތަކަށް ޑްރޯންގެ އެހީގައި ކޮވިޑް ވެކްސިން ފޯރުކޮށްދޭން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އޮކްޓޯބަރު 8) - އިންޑިއާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ހަލުވި ކުރުމުގެ ގޮތުން ދުރު ހިސާބުތަކަށް ޑްރޯންގެ އެހީގައި ކޮވިޑް ވެކްސިން ފޯރުކޮށްދޭން ފަށައިފި އެވެ.

ސަރުކާރުގެ ސައެންޓިސްޓެއް ކަމަށްވާ ޑރ. ސަމިރަން ޕަންޑާ ވިދާޅުވީ ޑްރޯން ބޭނުންކޮށްގެން ވެކްސިން ފޯރުކޮށްދެނީ އިރު އުތުރުގެ ފަރުބަދަމަތީގެ ހިސާބުތަކަށް ކަމަށެވެ.

އިންޑިއާ އިން އަމާޒު ހިފާފައި ވަނީ ވެކްސިން ޖެހޭ އުމުރުގެ އެންމެންނަށް މި އަހަރު ނިމެންވާ އިރަށް ވެކްސިން ޖަހައި ނިންމުމަށެވެ. ނަމަވެސް އެ އަމާޒަށް ވާސިލްވުމަށް ހުރަސްތައް ހުރި ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. އިންޑިއާގައި މިހާތަނަށް ވަނީ 925 މިލިއަން މީހުންނަށް މަދުވެގެން އެއް ޑޯޒް ވެކްސިން ޖަހައިފަ އެވެ. ވެކްސިން ޖަހަން ޖެހޭ އާބާދީގެ 70 ޕަސެންޓަށް މިހާތަނަށް ވަނީ މަދުވެގެން އެއް ޑޯޒް ޖަހައިފަ އެވެ. އިންޑިއާ އިން ވަނީ ތިން ވެކްސިނަކަށް ހުއްދަ ދީފަ އެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ 33 މިލިއަން މީހުންނަށް ކޮވިޑް ޖެހި 44،000 މީހުން އެ ބަލީގައި މަރުވެފަ އެވެ.

ޑްރޯންގައި ވެކްސިން އުފުލުމުގެ ގޮތުން އިންޑިއާ އިން މި ހަފުތާގައި ވަނީ ޓެސްޓް ޑެލިވަރީއެއްގައި އިރު އުތުރުގެ މަނިޕޫރު ސްޓޭޓަށް ވެކްސިން ގެންގޮސްފަ އެވެ. ބިޝްނުޕޫރުން ކަރަންގް އައިލެންޑަށް ޑްރޯންގެ އެހީގައި ވެކްސިން ވަނީ 12 މިނިޓްތެރޭ ގެންގޮސްފަ އެވެ. ބޮޑު ކޯރެއް ހުރަސްކޮށް ދާން ޖެހޭ ކަރަންގް އައިލެންޑަށް ބޯޓުގައި ނުވަތަ އެއްގަމު މަގުން ވެކްސިން ގެންދާ ނަމަ ހަތަރު ގަޑިއިރު ހޭދަވެ އެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް) ގެ އެޕިޑެމިއޮލޮޖީ ހެޑް އަދި ޗީފް ސައެންޓިސްޓް ޕަންޑާ ވިދާޅުވީ ޑްރޯންގެ އެހީގައި ވެކްސިން ގެންދިއުން ކާމިޔާބު ކަމަށާއި ޑްރޯނުން ގެންދިޔަ 10 ވެކްސިން ޖަހާފައިވާ ކަމަށެވެ.

އަންޑަމަން އެންޑް ނިކޯބާ އައިލެންޑްސް އަށް ވެސް ވެކްސިން ގެންދިއުމުގައި ބޭނުންކުރާނީ ޑްރޯން އެވެ.