Roadha Mihaaru
ޝާހްރުކްގެ އަންހެނުންގެ މިލްކިއްޔާތު 1،600 ކްރޯޑްގައި

ޝާހްރުކްގެ އަންހެނުން ގޯރީގެ މިލްކިއްޔާތު 1،600 ކްރޯޑްގައި

09 އޮކްޓޯބަރ 2021

ބޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝާހްރުކް ޚާންގެ އަންހެނުން ގޯރީ ޚާންގެ މިލްކިއްޔާތު 1،600 ކްރޯޑް ރުޕީސް އަށް އަރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝާހްރުކް ޚާންގެ އަންހެނުން ގޯރީ ޚާންގެ މިލްކިއްޔާތު 1،600 ކްރޯޑް ރުޕީސް އަށް އަރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ބަތަލުންގެ އަނބިންގެ ތެރެއިން އެންމެ މުއްސަނދި ދިރިއުޅުމެއް އުޅޭ އަނބިންގެ ތެރެއިން ގޯރީ އަކީ އަމިއްލަ މަސައްކަތުން ބޮޑު އާމްދަނީއެއް އަބަދު ވެސް ހޯދާ މީހެކެވެ. ހުކުރު ދުވަހު 51 އަހަރު ފުރުނު ގޯރީ އަކީ އިންޓީރިއާ ޑިޒައިނަރެކެވެ. އަދި އޭނާ އަކީ އެންމެ ލަގްޒަރީކޮށް އެ މަސައްކަތް އިންޑިއާގައި ކޮށްދޭ އެންމެ މަޝްހޫރު މީހުންގެ ތެރެއިން އެކެކެވެ. ގޯރީގެ ވަރަށް ލެވިޝް، އިންޓީރިއާ ޑިޒައިން ސްޓޫޑިއޯއެއް ވެސް ގޯރީ ޚާން ޑިޒައިންސް (ޖީކޭޑީ) ގެ ނަމުގައި މުމްބާއީގައި ހުރެ އެވެ. އެތަނުގެ އަގު 150 ކްރޯޑް ރުޕީސް (20.01 މިލިއަން ޑޮލަރު) އަށް އަރަ އެވެ.

ގޯރީގެ މިލްކިއްޔާތު 1،600 ކްރޯޑް ރުޕީސް (200 މިލިއަން ޑޮލަރު) އަށް އަރާ އިރު، އޭނާ އާއި ފިރިމީހާ ޝާހްރުކް ހިއްސާވާ ފިލްމު ކުންފުނި ރެޑް ޗިލީޒްގެ އަގު 500 ކްރޯޑް ރުޕީސް (66.68 މިލިއަން ޑޮލަރު) އަށް އަރަ އެވެ. އެ ސްޓޫޑިއޯ އަކީ އިންޑިއާގެ އެންމެ ވަރުގަދަ ވީއެފްއެކްސް ފެސިލިޓީ އޮތް ތަނެވެ.

އިންޓީރިއާ ޑިޒައިނިން އާއި ރެޑް ޗިލީޒްގެ އިތުރުން ގޯރީ އަކީ ބްރޭންޑްތައް އެންޑޯޒް ކޮށްދީގެން ވެސް ބޮޑު އާމްދަނީ ލިބޭ މީހެކެވެ. މިހާތަނަށް އޭނާ ޝާހްރުކާ އެކީ ލަގްޒަރީ އެތައް ބްރޭންޑެއް އިޝްތިހާރުކޮށް ދީފައިވެ އެވެ.

ވަރަށް ޕޮޝް ލައިފްސްޓައިލެއްގައި އުޅޭ ދެމަފިރިންގެ ގެ މުމްބާއީގެ މަންނަތު އަކީ އިންޑިއާގެ އެންމެ ބޮޑު ގެތަކުގެ ތެރެއިން އެއް ގެ އެވެ. އެ ގޭގެ އަގު 200 ކްރޯޑް ރުޕީސް (26.67 މިލިއަން ޑޮލަރު) އަށް އަރަ އެވެ.

މީގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި ދުބާއީގައި ވެސް ޝާހްރުކާއި ގޯރީގެ އަގު ބޮޑު ޕްރޮޕަޓީތައް ހުރެ އެވެ.

ގޯރީގެ މިލްކިއްޔާތުގެ ވާހަކަ މީޑިއާތަކުގައި ދެކެވެން ފަށާފައި މި ވަނީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އަރިއަން ޚާން، 23، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ޝާހްރުކާއި ގޯރީ ކައިވެނިކުރީ 1991 ގަ އެވެ. ދެ މީހުންގެ ތިން ކުދިން އެބަތިއްބެވެ. އެއީ އަރިއަންގެ އިތުރުން ސުހާނާ ޚާން، 21، އަދި އަބްރަމް ޚާން، 8، އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކް، 55، ގެ މިލްކިއްޔާތު މިހާރު 5،100 ކްރޯޑް ރުޕީސް (700 މިލިއަން ޑޮލަރު) އަށް އަރަ އެވެ.