Roadha Mihaaru
ސިންގަޕޫރު ކުންފުންޏަކުން ކޮށްދިއްޕަރު ގަނެފި

ސިންގަޕޫރު ކުންފުންޏަކުން 65 މިލިއަން ޑޮލަރަށް ކޮށްދިއްޕަރު ގަނެފި

07 އޮކްޓޯބަރ 2016

ސިންގަޕޫރުގެ ޕާކް ހޮޓެލް ގްރޫޕުން 65 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ) އަށް، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރާއްޖޭގެ ރަށެއް ގަނެ، އެ ބްރޭންޑުގެ ފުރަތަަމަ ރިސޯޓު ރާއްޖޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ސިންގަޕޫރުގެ ޕާކް ހޮޓެލް ގްރޫޕުން 65 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ) އަށް، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރާއްޖޭގެ ރަށެއް ގަނެ، އެ ބްރޭންޑުގެ ފުރަތަަމަ ރިސޯޓު ރާއްޖޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ޕާކް ގްރޫޕުގެ 30 ޕަސެންޓް ހިއްސާ އާއި ސިންގަޕޫރުގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި ކަމަށް ވާ ޗިޕް އެންގް ސެންގް ކޯޕަރޭޝަން (ސީއީއެސް)ގެ 70 ޕަސެންޓް ހިއްސާ ހިމެނޭ ގޮތަށް އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުން ގަތީ ކޮށްދިއްޕަރު އިންވެސްޓްމަންޓްސުން ތަރައްގީ ކުރަމުން އަންނަ ކ. ކޮށްދިއްޕަރެވެ.

ކުޑަ ފިނޮޅެއްގެ ގޮތުގައި އޮތް ކޮށްދިއްޕަރު އަމިއްލަ ފަރާތަކުން ހިއްކައި ތިން ހެކްޓަރުގެ ބިން ހިމެނޭ ގޮތަށް ރަށަކަށް ހެދި އެވެ. އެ ތަން ހިއްކި ފަރާތުން އެ ބިން ވަނީ އަމިން ކޮންސްޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދަށް ވިއްކާލައިފަ އެވެ.

ހުޅުމާލޭގައި 100 ހައުސިން ޔުނިޓު ނުވަތަ 50 ލަގްޒަރީ ވިލާ އަޅާ ގޮތަށް، ކޮށްދިއްޕަރު ވަނީ ރިސޯޓެއް ތަރައްގީ ކުރުމަށް އަބްދުﷲ މުހައްމަދުގެ ޓޮޕް ޑެކް އިންވެސްޓްމަންޓަށް 2013 ގެ ކުރީކޮޅު ދީފަ އެވެ. ސަރުކާރާ އެކު ޖޮއިންޓް ވެންޗާއެއް ހަދައިގެން ތަރައްގީ ކުރަން ނިންމި އެ ރަށުގައި 250 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށް ސެޕްޓެމްބަރު 2013 ގައި އެއްބަސްވުމުގައި ސޮއިކުރި އެވެ.

ގާތްގަނޑަކަށް 45 ޕަސެންޓް މަސައްކަތް ނިމިފައިވާ ރަށް ގަތް ސިންގަޕޫރުގެ ދެ ކުންފުނިން އިއްޔެ ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނި ގޮތުގައި މައި އެއާޕޯޓުން ލޯންޗެއްގައި ގާތްގަނޑަކަށް 15 މިނިޓުން ދެވޭ ކޮށްދިއްޕަރުގައި އަޅަނީ 120 ވިލާ އެވެ. އޭގެ ތެރޭގައި ބީޗު ވިލާގެ އިތުރުން މޫދު ކޮޓަރިތައް ވެސް ހިމެނޭނެ ކަމަށް ބުންޏެވެ.

"ރާއްޖެ އިޝްތިހާރު ކުރުމާއި މާލޭ އިންޓަނޭޝަނަލް އެއާޕޯޓު [އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު] ތަރައްގީކުރުމާއި ޓޫރިސްޓުން ގިނައިން އަންނަ ގައުމުތަކަށް އިތުރު ފްލައިޓުތައް އެޅުން ފަދަ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ރަނގަޅު މިންވަރެއްގައި ކުރިއަރާނެ ކަމަށް ބެލެވޭ،" ޕާކް ގްރޫޕުގެ ސީއީއޯ އެލެން ލޯ ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.

ގްރޭންޑް ޕާކް ކޮށްދިއްޕަރުގެ ނަމުގައި ހިންގަން ހަމަޖައްސާފައިވާ ރިސޯޓު އަންނަ އަހަރުގެ މެދުތެރޭގައި ހުޅުވަން ވަނީ ނިންމައިފަ އެވެ.

ސިންގަޕޫރުގެ ބިލިއަނަރު ލޯ ކާރު ޕޯގެ ޕާކް ގްރޫޕުން އޭޝިއާ ޕެސިފިކްގެ އަށް ގައުމެއްގައި 15 ޓޫރިސްޓް ހޮޓާ ހިންގަ އެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ އިތުރުން ޗައިނާގެ ތިން ސިޓީއަކާއި ހޮން ކޮންގާއި ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނެ އެވެ.

މި އަހަރު ގާތްގަނޑަކަށް 15 އާ ރިސޯޓު ހުޅުވާއިރު، އަންނަ އަހަރު އިތުރު 20 ރިސޯޓު ބާޒާރަށް ނެރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ރާއްޖޭގައި ގިނަ އާ ރިސޯޓުތަކެއް ހުޅުވަމުން އަންނައިރު، އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެންމެ މަތީ ފަންތީގެ ހޮޓާތަކާއި ރިސޯޓުތައް ހިންގާ ދުނިޔޭގެ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ އިންޓަކޮންޓިނެންޓަލް ވެސް ހިމެނެ އެވެ.

ގިނަ އާ ރިސޯޓުތަކެއް ހުޅުވިޔަސް، ރާއްޖޭގެ ޓޫރިޒަމް ހީނަރުވެފައި ވާތީ، މި އަހަރު އަންނާނެ ކަމަށް ލަފާކުރި 1.5 މިލިއަން ޓޫރިސްޓުން ހަމަ ނުވާނެ ކަމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ހާއްސަކޮށް، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗަައިނާ ފަދަ މުހިއްމު މާކެޓުތައް އިތުރަށް ދަށަށް ދިއުމުގެ ބިރު އެބައޮތެވެ.