Roadha Mihaaru
ޕަރިނީތީ ޓުއާ ގައިޑެއްގެ ރޯލަށް

ސޫރަޖްގެ ފިލްމުގައި ޕަރިނީތީ އަކީ ޓުއާ ގައިޑެއް

11 އޮކްޓޯބަރ 2021

ނޭޕާލުގައި މިހާރު ޝޫޓްކުރަމުން އަންނަ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އާ ފިލްމު "އޫޗާއީ" ގައި ބަތަލާ ޕަރިނީތ ޗޯޕްޅާ ކުޅެނީ ޓުއާ ގައިޑެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނޭޕާލުގައި މިހާރު ޝޫޓްކުރަމުން އަންނަ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އާ ފިލްމު "އޫޗާއީ" ގައި ބަތަލާ ޕަރިނީތ ޗޯޕްޅާ ކުޅެނީ ޓުއާ ގައިޑެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމުގެ ޝޫޓިން މި މަހުގެ 4 އިން ފެށިގެން ކުރިއަށް ދިޔަ ނަމަވެސް ފިލްމު އިއުލާން ކުރުން ފިޔަވައި، މިއާ ބެހޭ އެއްވެސް އިތުރު އެއްވެސް ތަފުސީލެއް ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި ރާޖްޝްރީ ޕްރޮޑަކްޝަނުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސީނިއާ ތަރިންތަކެއްގެ ބޮޑު ކާސްޓެއް ހިމެނޭ ފިލްމުގައި ޕަރިތީނީ ފެންނާނީ ނޭޕާލްގެ ވަރަށް ކުޅަދާނަ ޓުއާ ގައިޑެއްގެ ގޮތުގަ އެވެ. އެގޮތުން ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނޭ އަމީތާބް ބައްޗަނާއި އަނޫޕަމް ކޭރާއި ބޮމަންގެ އިރާނީގެ އިތުރުން ޑެނީ ޑެންޒޯންގްޕާ އެ ގައުމަށް ކުރާ ދަތުރެއްގެ ތެރޭގައި އެ މީހުންނަށް މަގުދައްކައިދޭން އުޅޭނީ ޕަރިނީތީ އެވެ. ޓުއާ ގައިޑެއްގެ ގޮތުގައި އޭނާ ކުޅޭ ކެރެކްޓާ އަކީ ވަރަށް ހާއްސަ އަދި ތަފާތު ރޯލެއް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

އަމީތާބް، ސޫރަޖް އަދި ޕަރިނީތީ.

އަމީތާބް، ސޫރަޖް އަދި ޕަރިނީތީ.

ދުވަސްވި އެކުވެރިންތަކަކާއި އެ މީހުންގެ އާއިލީ ގުޅުންތަކުގެ ވާހަކަ ކިޔައިދޭ "އޫޗާއީ" ގެ ކާސްޓްގައި ނީނާ ގުޕްތާ އާއި ސާރިކާ ވެސް ހިމެނެ އެވެ.

މި ފިލްމަކީ ސޫރަޖާ އެކު ޕަރިނީތީ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ސޫރަޖަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސް ދީފައިވާ ޑައިރެކްޓަރެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.

މިދިޔަ އަހަރު "ދަ ގާލް އޮން ދަ ޓްރެއިން" އާއި "ސައިނާ" އަދި "ސަންދީޕް އޯރް ޕިންކީ ފަރާރު" އިން ފެނިގެން ދިޔަ ޕަރިނީތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ގާލް އޮން ދަ ޓްރެއިން" ގެ ޑައިރެކްޓަރު ރިބޫ ދާސްގުޕްތާގެ ފިލްމެއް ވެސް ހިމެނެ އެވެ. ނަން އަދި އިއުލާން ނުކުރާ އެ ފިލްމުގެ މަންޒަރުތަކެއް މި އަހަރު މެދުތެރޭގައި ތުރުކީގައި ނަގާފައިވެ އެވެ.