Roadha Mihaaru
ނޫސްވެރިކަމުގެ އިނާމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި

ނޫސްވެރިކަމުގެ އިނާމު ދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފި

14 މާޗް 2019

މިދިޔަ މަހު އާންމުކުރި ނޫސްވެރިކަމުގެ އިނާމު ދޭ އުސޫލަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބަދަލުތަކެއް ގެނެސްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިދިޔަ މަހު އާންމުކުރި ނޫސްވެރިކަމުގެ އިނާމު ދޭ އުސޫލަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބަދަލުތަކެއް ގެނެސްފި އެވެ.

އެ އުސޫލަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، ނޫސްވެރިކަމުގެ އިނާމަށް ހުށަހަޅާ މީހުންނާ، ފަނޑިޔާރުންގެ ޕެނަލުން އިންޓަވިއު ކުރާ ގޮތަށް ނިންމުމެވެ. އަދި ހުށަހަޅާ ރިޕޯޓާއި ޚަބަރު ލިޔުނު ތާރީޚު ނުވަތަ ބްރޯޑްކާސްޓް ކުރި ތާރީޚު އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.

މި ބަދަލާ އެކު، އިނާމަށް ހުށަހެޅުމުގެ މުއްދަތު ވެސް އެމްއެމްސީން ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

އެ ކައުންސިލްގެ ނައިބު ރައީސް އަހްމަދު އާޒިފް ވިދާޅުވީ، ބަދަލުތައް ގެނައީ ބްރޯޑްކާސްޓިން ދާއިރާ އިން ހުށަހަޅާ އުފެއްދުންތައް އުފެއްދި ތާރީޚު ޔަގީން ކުރަން ދަތިތަކަކާ ކުރިމަތިވާތީ ކަމަށެވެ.

އެމްއެމްސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްސީގެ ބައެއް މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: އެމްއެމްސީ

އެމްއެމްސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްސީގެ ބައެއް މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: އެމްއެމްސީ

ފީޗާ އަދި ފޮޓޯގްރަފީ ނޫން ދާއިރާތަކަށް ހުށަހަޅަން ކަނޑައަޅާފައި ވަނީ ފަސް އުފެއްދުމެކެވެ. އެމްއެމްސީން ކުރިން ނިންމާފައި އޮތީ ތިން ޚަބަރާއި ދެ ރިޕޯޓެއް ހުށަހަޅާ ގޮތަށެވެ.

މިއީ ރާއްޖޭގެ މެއިންސްޓްރީމް މީޑިއާގެ އެޑިޓޯރިއަލްގެ އިސް ވެރިންގެ މަޝްވަރާ އާއި ޚިޔާލު ހޯދުމަށް ފަހު ގެނައި ބަދަލެއް ކަމަށް އެމްއެމްސީގެ މެމްބަރު އަހްމަދު އަމީން މުހައްމަދު ވިދާޅުވި އެވެ.

މީގެ އިތުރުން، މިދިޔަ މަހު ނެރުނު އުސޫލާ ޚިލާފަށް ފީޗާ އާއި ފޮޓޯގްރަފީގެ ދާއިރާ ފިޔަވައި މިހާރު ހުށަހަޅަން ކަނޑައަޅާފައި ވަނީ އެ ދާއިރާ އަކާ ގުޅޭ ފަސް އުފެއްދުމެކެވެ. ކުރީގެ އުސޫލުގައިވާ ގޮތުން އެ ދާއިރާތަކުން ހުށަހަޅަން ޖެހެނީ ތިން ޚަބަރާއި ދެ ރިޕޯޓެކެވެ.

އާޒިފް ވިދާޅުވި ގޮތުގައި، ފީޗާގެ ދާއިރާ އަށް ކުރިމަތިލާ މީހުން ތިން އުފެއްދުމެއް ހުށަހަޅަން ޖެހެ އެވެ. އަދި އެ ލިޔުންތައް ލިޔުނު ތާރީޚާއި ކުރި މަސައްކަތްތައް އަންގައިދޭ ލިޔުމެއް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ދާއިރާތަކުން ވާދަކުރުމަށް ނަން ހުށަހެޅި ނަމަވެސް، ފީޗާގެ ދާއިރާ އަށް ހުށަހެޅޭނެ އެވެ.

ފީޗާ ލިޔުމަކީ ނޫސްވެރިންގެ ލިޔުންތެރިކަމާއި ހުނަރު އަންގައިދޭ އެއް ދާއިރާ ކަމަށް ވުމުން، އެއީ މިހާރަށް ވުރެ ބޮޑަށް ތަރައްގީ ކުރަން ބޭނުންވާ ދާއިރާއެއް ކަމަށް އެމްއެމްސީގެ މެމްބަރު އަމީން ވިދާޅުވި އެވެ.

"ފީޗާ އަކީ އެމީހެއްގެ ވިސްނުމާއި ޚިޔާލާއި ތަޖުރިބާގެ އަލީގައި ބައްޓަން ކުރާ އުފެއްދުންތެރި އުފެއްދުންތަކެއް. [މި ބަދަލުތައް ގެނައީ] އެކަމަށް ހިތްވަރުދޭން،" އޭނާ ވިދާޅުވި އެވެ.

އިނާމަށް ހުށަހަޅާއިރު އެ މީހެއްގެ މަސައްކަތުގެ ވަނަވަރު، ނުވަތަ ސީވީ ވެސް މި ފަހަރު ހުށަހަޅަން ޖެހެ އެވެ.

ނޫސްވެރިކަމުގެ އިނާމުތަކަށް މާކްސްދޭ އޮނިގަނޑަށް ވެސް އެމްއެމްސީން މިހާރު ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

ފޮޓޯގްރަފީ އަދި އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހެޅޭ އުސޫލަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.