Roadha Mihaaru
ސޫރަޖްގެ ފިލްމެއް ލިބުމަކީ ޝަރަފެއް: ޕަރިނީތީ

ސޫރަޖްގެ ފިލްމެއް ކުޅެން ލިބުމަކީ ޝަރަފެއް: ޕަރިނީތީ

13 އޮކްޓޯބަރ 2021

ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމެއް ކުޅެން ލިބުމުން ވަރަށް އުފަލުން ހުރި ކަމަށާއި މިއީ ބޮޑު ޝަރަފެއް ކަމަށް ވެސް ބަތަލާ ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމެއް ކުޅެން ލިބުމުން ވަރަށް އުފަލުން ހުރި ކަމަށާއި މިއީ ބޮޑު ޝަރަފެއް ކަމަށް ވެސް ބަތަލާ ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.

މި މަހުގެ ފުރަތަމަ ހަފުތާ އިން ފެށިގެން ނޭޕާލްގައި ޝޫޓިން ކުރިއަށްދާ "އޫޗާއީ" ގެ މަސައްކަތުގެ ތެރެއިން ސޫރަޖާ އެކު ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް ޕަރިނީތީ ބުނީ އިންޑިއާގެ އެންމެ ކާމިޔާބު އަދި އައިކޮނިކް ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރާ އެކު މަސައްކަތް ކުރުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ.

އޭނާ ވެސް ސިފަކުރި ގޮތުގައި ސޫރަޖަކީ އާއިލީ ފިލްމުތައް ގެނެސްދިނުމުއި އިންޑިއާގައި އެންމެ އަރާހުރި ޑައިރެކްޓަރެވެ. ސޫރަޖް، 57، މަޝްހޫރު ވެފައި ވަނީ ވެސް އާއިލީ ލޯބީގެ ފިލްމުތައް ހަދަން ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

"ވަރުގަދަ ކާސްޓަކާ އެކު ސޫރަޖްގެ ފިލްމުގައި މަސައްކަތްކުރަން ކެތްމަދުވެފައި މި ހުރީ." މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޕަރިނީތީ ބުންޏެވެ.

"އޫޗާއީ" ގެ މަސައްކަތް ފެށިކަން ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަނުން މި މަހުގެ 4 ގައި އިއުލާންކުރި ނަމަވެސް ރަސްމީކޮށް ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން މީގައި ޕަރިނީތީ ކުޅެނީ ނޭޕާލްގެ ޓުއާ ގައިޑެއްގެ ރޯލެވެ. މި ފިލްމަކީ އޭނާ މިހާތަނަށް ބޮލީވުޑްގެ އެންމެ ފުންނާބު އުސް ޑައިރެކްޓަރަކާ އެކީ މަސައްކަތްކުރާ ފުރަތަމަ ފަހަރު ވެސް މެ އެވެ.

ދުވަސްވީ ރަހުމަތްތެރިންތަކެއްގެ ވާހަކައެއް ކިޔައިދޭ "އޫޗާއީ" ގެ ކާސްޓްގައި އަމީތާބް ބައްޗަނާއި އަނޫޕަމް ކޭރާއި ބޮމަން އިރާނީ އާއި ޑެނީ ޑެންޒޯންގްޕާ އާއި ނީނާ ގުޕްތާގެ އިތުރުން ސާރިކާ ހިމެނެ އެވެ.

"މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" އާއި "ހަމް ސާތު ސާތު ހޭ" އަދި "ވިވާ" ފަދަ ފިލްމުތައް ގެނެސްދިން ސޫރަޖްގެ އެންމެ ފަހުގެ ފިލްމަކީ 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.