Roadha Mihaaru
ބޯޑަ ސެކިއުރިޓީން ހަނަފީ މާސްޓާސް ހާސިލުކޮށްފި

ބޯޑަ ސެކިއުރިޓީން ހަނަފީ މާސްޓާސް ހާސިލުކޮށްފި

14 އޮކްޓޯބަރ 2021

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ބޯޑަ އެންޑް ބަޔޯސެކިއުރިޓީގެ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލްކުރައްވައިފި އެވެ. މިއީ ސީދާ ބޯޑަ ސެކިއުރިޓީ ދާއިރާއިން ދިވެއްސަކު ހާއްސަވި ފުރަތަމަ ފަހަރެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ބޯޑަ އެންޑް ބަޔޯސެކިއުރިޓީގެ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލްކުރައްވައިފި އެވެ. މިއީ ސީދާ ބޯޑަ ސެކިއުރިޓީ ދާއިރާއިން ދިވެއްސަކު ހާއްސަވި ފުރަތަމަ ފަހަރެވެ.

ނިއު ޒީލެންޑުގެ މަސޭ ޔުނިވާސިޓީން "ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އިންޓަނޭޝަނަލް ސެކިއުރިޓީ ވިތު މެރިޓް އިން ބޯޑަ އެންޑް ބަޔޯސެކިއުރިޓީ" ކޯސް ފުރިހަމަ ކުރެއްވިއިރު، މިއީ ހަނަފީގެ ދެ ވަނަ މާސްޓާސް އެވެ. މީގެ ކުރިން އޭނާ ވަނީ އިންޓަނޭޝަނަލް މެނޭޖްމަންޓުން ވެސް މާސްޓާސް ހާސިލްކުރައްވަފަ އެވެ. އެއީ 2012 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުންނެވެ.

ބޯޑަ އެންޑް ބަޔޯސެކިއުރިޓީ ދާއިރާއިން ހަނަފީ މާސްޓާސް ހާސިލްކުރެއްވި ކޯހުގައި ބޯޑަރާ ގުޅުންހުރި ހުރިހާ ޓެކްނިކަލް ކަންތައްތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ފަދަ ހާއްސަ ދާއިރާތައް ވެސް ހިމެނެ އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ).-- ފައިލް ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ).-- ފައިލް ފޮޓޯ: އިމިގްރޭޝަން

މި ކާމިޔާބީ ފާހަގަކުރައްވައި ހަނަފީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ކޯސް ފުރިހަމަ ކުރެއްވުމާ އެކު އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށެވެ. މި ކޯސް ފުރިހަމަ ކުރެއްވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް ހިތްވަރު ދެއްވީތީ އެކަމަށް އޭނާ ޝުކުރު އަދާކުރައްވާފައިވެ އެވެ.

އިމިގްރޭޝަންގެ މީޑިއާ އިން މައުލޫމާތު ދިން ގޮތުގައި ބޯޑަ އެންޑް ބަޔޯސެކިއުރިޓީ ދާއިރާއިން ހަނަފީ މާސްޓާސް ހާސިލް ކުރެއްވުމަކީ، ބާރު ދުވެއްޔެއްގައި ޓެކްނޮލޮޖީ ކުރިއަރައިގެން ދާއިރު، އެ ކުރިއެރުންތަކާ އެއްވަރަށް ރާއްޖޭގެ ބޯޑަ ހަރުދަނާކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.

ކޮންޓްރޯލާގެ މަގާމާ ހަނަފީ ހަވާލުވެވަޑައިގެން ފަހުން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އިމްގްރޭޝަނުން ވަރަށް ގިނަ ކާމިޔާބީތައް ހާސިލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ކޮވިޑާ ގުޅިގެން ތިން މަހަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ބޯޑަރު ހުޅުވިއިރު، ފަސިންޖަރުންގެ މައުލޫމާތު "އިލެކްޓްރޯނިކަލީ" ހޯދޭނެ ގޮތަށް ތައާރަފްކުރި "އިމުގާ" ޕޯޓަލް އަކީ ބޯޑަރު ހުޅުވުމަށް ކުރެވުނު ބޮޑު އަދި އެހާމެ މުހިންމު މަސައްކަތެއް ކަމަށާއި މިއީ ހަނަފީގެ ތަސައްވުރާ އެއްގޮތަށް އެޅުނު ވަރަށް މުހިންމު ބިންގަލެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ބޯޑަރު ބަންދުކުރުމުން ރާއްޖޭގެ ޓޫރިޒަމަށް އައި ހީނަރުކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގައި، އެއްފަހަރަށް ވުރެ ގިނަ ފަހަރު ޓޫރިސްޓުން ރާއްޖެ އައުމަށް ޝައުގުވެރިކުރުމުގެ ގޮތުން "މޯލްޑިވްސް ބޯޑާ މައިލްސް"ގެ ނަމުގައި ލޯޔަލްޓީ ޕްރޮގުރާމެއް ވެސް ފެއްޓެވީ ހަނަފީގެ ވިސްނުމުގެ ދަށުންނެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ).-- ފައިލް ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ).-- ފައިލް ފޮޓޯ: އިމިގްރޭޝަން

ހަނަފީ "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭނާގެ ތަސައްވުރަކީ ރޭވުންތެރިކަމާ އެކު، ޒަމާނީ އާލާތްތަކުގެ އެހީގައި ރައްޔިތުންނަށް ލުއިފަސޭހަވާނޭހެން އިމިގްރޭޝަންގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. މިދިޔަ އަހަރު އެކުލަވާލި އިމިގްރޭޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނަކީ އެކަން ހާސިލްކުރުމަށް ކުރެވުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށް ފާހަގަކުރެއްވި އެވެ.

ހަމަ އެއާ އެކު އިމިގްރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ތައުލީމީ، ގާބިލު ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޯގަނައިޒޭނަޝަނަލް ރިފޯމުގެ ތެރެއިން ކިޔައިވައިގެން ތިބި، ގާބިލް ބޭފުޅުންނަށް ފުރުސަތު ދޭން އަޅުގަނޑު ވަރަށް ބޮޑަށް އިސްކަންދެން،" އޭނާ ވިދާޅުވި އެވެ.