Roadha Mihaaru
ރަށްގިރުމުގެ މައްސަލައަށް އަވަސްހައްލެއް ނެތް: އަސްލަމް

ރަށްގިރުމުގެ މައްސަލައަށް އަވަސްހައްލެއް ނެތް: އަސްލަމް

13 އޮކްޓޯބަރ 2021

ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަަލައަށް ރަނގަޅު އަދި އަވަސް ހައްލެއް ނެތް ކަަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަަލައަށް ރަނގަޅު އަދި އަވަސް ހައްލެއް ނެތް ކަަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ތޮށިލުމަކީ ހައްލެއް ނޫން ކަމަށެވެ. ގިރަމުންދާ ސަރަހައްދެއްގައި ތޮއްޓެއް ލުން ފަދަ ފިޔަވަޅެއް އެޅީމާ އެ މަސައްކަތުގެ ސަބަބުން ނުކުންނަ ނަތީޖާ އަދި މާ ގޯސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރަށްރަށުގައި ބަނދަރު ހެދީމާ ރަށްރަށަށް ވާ ގޮތް އެބަ އެނގޭ. ބިން ހިއްކީމާ ވާ ގޮތް އެބައެނގޭ. ތޮއްޓެއް ލީމާ ދެެން އޮންނަތަން އެބަ ގިރާކަން އެބަ އެނގޭ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮނޑުދޮށް ހިމާޔަތްކުރަން ކުރާ މަސައްކަތްްތަކުގެ ނަތީޖާ އެނގޭ ވަރަށް ރާއްޖޭގައި މިހާރު އެފަދަ މަސައްކަތްތައް ހިންގިއްޖެ ކަމަށާއި ނަމަވެސް ރާއްޖޭގައި ވިސްނުން ހުންނަނީ އެ ވަގުތަކު ބޭނުންވާ ކަމެއް އަވަހަށް ކުރާ ގޮތަށް ކަމަށެވެ. އޭގެ ސަބަބުން ފަހުން ވާނެ ގޮތަކާ މެދު ވިސްނުމެއް ރާއްޖޭގައި ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރާ މަސައްކަތުން ނުކުމެދާނެ ނަތީޖާތައް ދެނެގަތުމަށް ކުރަން ޖެހޭ ދިރާސާތައް ކުރުމުގައި ރާއްޖޭގެ ގާބިލުކަން ވަރަށް ކުޑަ އެވެ. އޮންނަ ހަމަ އެކަނި ކަމަކީ އެންވަޔަރްމެންޓަލް އިމްޕެކްޓް އެެސެސްމެންޓް ހެދުން ކަމަށާއި އެކަމަކު އެއީ ވެސް "ކަޓް ޕޭސްޓް" އުސޫލުން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަސައްކަތް، ދުނިޔޭގެ މޫސުމަށް އަަންނަ ބަދަލުތަކުގެ ސަބަބުން އިތުރަށް އުނދަގޫވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބ.ދަރަވަންދޫގެ އަތިރިމަތި ގިރާލާފައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބ.ދަރަވަންދޫގެ އަތިރިމަތި ގިރާލާފައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑުމެންނެއް ފިިޒިކަލް މޮޑެލިން އެއް ނުހަދަން. ނިއުމެރިކަލް މޮޑެލިން އެއް ނުހަދަން. ދެން އަޅުގަނޑުމެންގެ އީއައިއޭ ޕްރޮސެސްއެއް އޮވޭ. ގިނަ ފަހަރަށް އެއީ ކަަޓްޕޭސްޓް އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

ގޮނޑޮދޮށްތައް ހިމާޔަތްކުރުމަށް ޓަކައި ތޮށިލުމަކީ އެކަމަށް ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ގޮނޑުދޮށްތައް އެގޮތަށް ހިމާޔަތްކުރަން ހަ ބިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަރަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަސްލަމް މިއަދު މަޖިލީހަށް ވަޑައިގެންނެވީ ކ. ދިއްފުށީގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އޮތް ހިސާބެއް ބައްލަވަން ތުލުސްދޫ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.