Roadha Mihaaru
ކަނޑަށް ވެއްޓުނު އަންހެނަކު މަރުވެ ދަރިފުޅު ގެއްލިއްޖެ

ކަނޑަށް ވެއްޓުނު އަންހެނަކު މަރުވެ ދަރިފުޅު ގެއްލިއްޖެ

16 އޮކްޓޯބަރ 2021

މިއަދު ހަވީރު މާލެއިން ފުރައިގެން ވ. އަތޮޅަށް ދިޔަ ލޯންޗެއް ރާޅެއްގައި ޖެހި އޭގައި ތިބި ތިން މީހަކު ކަނޑަށް ވެއްޓި އޭގައި އިން އަންހެނަކު މަރުވެ އޭނާގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ގެއްލިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިއަދު ހަވީރު މާލެއިން ފުރައިގެން ވ. އަތޮޅަށް ދިޔަ ލޯންޗެއް ރާޅެއްގައި ޖެހި އޭގައި ތިބި ތިން މީހަކު ކަނޑަށް ވެއްޓި އޭގައި އިން އަންހެނަކު މަރުވެ އޭނާގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ގެއްލިއްޖެ އެވެ.

މަރުވީ މަރިޔަމް ނާހިދާ، 33، އެވެ. ގެއްލުނީ އޭނާގެ ހަގު ދަރިފުޅު ޖުޔަލް އެވެ.

އެމްއެންޑީއެފުން ބުނީ ލޯންޗަށް އެރި ރާޅަކާ އެކު ކަނޑަށް ވެއްޓުނީ އަންހެން މީހާ އާއި އޭނާގެ ދެ ކުދިން ކަމަށެވެ. މީގެ ތެރެއިން ދޮށީ ދަރިފުޅު ވަނީ ސަލާމަތްކުރެވިފަ އެވެ.

ހަވީރު 5:30 ހާއިރު އޮޅުވެލި ރިސޯޓް ކައިރީ ހިނގި މި ހާދިސާގައި، 12 މީހުން ތިބި ލޯންޗުން ކަނޑަށް ވެއްޓުނު ނާހިދާ އާއި އޭނާގެ ދޮށީ ދަރިފުޅު ކަނޑުން ނަގައިގެން ގެންދިޔައީ ކ. ގުރައިދޫ ހެލްތު ސެންޓަރަށެވެ.

ފުލުުހުން ބުނީ އަންހެން މީހާ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އެތަނުން ބުނެފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިފައިވާ ކުއްޖާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުންނާއި އެ ކުއްޖާގެ އާއިލާ ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ މާލެ އަތޮޅު އޮޅުވެލި ރިސޯޓުގެ އިރުދެކުނުން އެއް ނޯޓިކަލް މޭލު ދުރުން ކަމަށް ލަފާކުރެވޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ހިސާބުން ދަތުރުކުރާ މީހުންނާއި އެ ހިސާބުގެ ރަށްތަކުން ވެސް ކުއްޖާގެ ހަބަރެއް ވޭތޯ ބެލުމަށާއި އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އަވަހަށް އަންގަން ވަނީ އެދިފަ އެވެ. އެމްއެންޑީއެފުން ބުނީ ގެއްލުނު ކުއްޖާ ލައިގެން އިނީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށެވެ.

މީހަކު މަރުވި ލޯންޗުގައި ފިލްމީ ތަރިން ކަމަށްވާ އައިޝަތު ރިޝްމީ އާއި ފިރިމީހާ ރަވީ ފާރޫގްގެ އިތުރުން ރިޝްމީގެ ދަރިފުޅު ވެސް ދަތުރުކުރި އެވެ. ލިބިފައިވާ ޝޮކްގެ ސަބަބުން އެ މީހުންނަށް ވާހަކަ ދައްކަން ވެސް ތިބީ ދަތިވެފަ އެވެ.

މި ހާދިސާ ހިނގިއިރު އާދަޔާ ހިލާފަށް ވައި ގަދަވެ ކަނޑު ގަދަ އެވެ. ކޯސްޓް ގާޑުން ވެސް އޮތީ ދަތުރުކުރުމުގައި ސަމާލުވާން އަންގައިފަ އެވެ.