ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި، ރޭ އެކަނި ވެސް ކަނޑުމަތީގެ ހަތް ހާދިސާއެއް ހިނގައިފި އެވެ.
30 ޖޫން 2022
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި، ރޭ އެކަނި ވެސް ކަނޑުމަތީގެ ހަތް ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާނުވި ނަމަވެސް، ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ.
ރޭ ގިނަ ހާދިސާތައް ހިނގާފައި ވަނީ 8-9 އާ ދޭތެރޭގަ އެވެ.
ސިފައިންނަށް އެންމެ ފުރަތަމަ ރިޕޯޓްކުރީ "ކުރޫޒާ 3" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުން ޖަހާލައި، އެއިން މީހަކު ގެއްލިގެންނެވެ. ނަމަވެސް، އޭގެ 20 މިނެޓް ފަހުން އެ މީހާ ފެނުނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މޫސުން ގޯސްވެ، ރޭ ހިނގި އެހެން ހާދިސާއެއްގައި ކ. ތުޅާގިރި ކައިރިން މާލެއަށް ދަތުރުކުރި "ޑެންގޫ" ނަމަކަށް ކިޔާ ލޯންޗެއް، ކަނޑުގަދަވެ ނުދުއްވިގެން ދިޔަވި އެވެ. ނަމަވެސް ކޯސްޓްގާޑުން ދިއުމުގެ ކުރިން އެ ލޯންޗުގެ ދިޔަވުން ކޮންޓްރޯލްކުރެވި، މިހާރު ހަދަމުން އަންނަ "ލޯބިގިލި" ރިސޯޓުގެ ބަނދަރަށް ވެއްދި ކަމަށް އެ އުޅަނދުގެ ކެޕްޓަން ވަނީ ސިފައިންނަށް ރިޕޯޓްކޮށްފަ އެވެ.
• ކ. ގިރާވަރު ކައިރިން ދަތުރުކުރި 22 ފޫޓްގެ "ލޮނު ޓެއިލްސް" ނަމަކަށް ކިޔާ ލޯންޗެއް ބަންޑުންޖަހާލި. އެ ލޯންޗުން ދަތުރުކުރި ހަތަރު މީހުން ރޭ ވަނީ މާލެ ގެނެސްފައި. އެ އެންމެންގެ ހާލު ވެސް ރަނގަޅު.
• ކ. ގާފަރު ކައިރިން ދަތުރުކުރި "ލަކީ ސްޓާ" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވި. އެ ލޯންޗު ދިޔަވުން ކޮންޓްރޯލްކޮށް، ކޯސްޓްގާޑުގެ އެހީއާ އެކު ގާފަރު ބަނދަރަށް ވެއްދި.
• އެމްޕީއެލް ސަރަހައްދުގައި އޮތް ދެ ބާޖެއްގެ ވާ ކަނޑައިގެން ގޮސް، އޮޔާ ފުނަދޫއާ ދިމާލަށް ދިޔަ. އެމްޕީއެލްގެ ޓަގް ބޯޓްތައް ނެރެ އެ ދެ ބާޖު ވަނީ އެމްޕީއެލް ސަރަހައްދަށް ވައްދައިފައި.
• އެމްޓީސީސީގެ "މަހާޖައްރާފާ"ގެ ނަގިލި ކަހާލައިގެން ފަރަކާ ކަރިވަމުން ދިޔަކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނު ނަމަވެސް، އެ އުޅަނދު ފަރަކަށް ނާރަ.
• ޓޫރިސްޓުން ގޮވައިގެން ކ. ރީތިރަށް ކައިރިން ދަތުރުކުރި ލޯންޗެއް ރީތިރަށް ކައިރީގައި އޮންނަ ފިނޮޅަކަށް ބީހުނު. އެ ލޯންޗުގައި ތިބި ފަތުރުވެރިން، ރީތިރަށް ރިސޯޓުން ފޮނުވި އެހެން ލޯންޗެއްގައި އެ ރިސޯޓަށް ވަނީ ގެންގޮސްފައި.
ދިރާސީ އަހަރުގެ ކިޔެވުން ނިމި ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިއަދު ފެށިފައި ވާއިރު ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށް މެޓް އޮފީހުން މިއަދު ބުންޏެވެ.
މެޓުން ބުނީ މިއަދުން ފެށިގެން މުޅި ރާއްޖެ އަށް ވެސް ވައިގަދަވެ، ވިލާގަނޑުގައި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލޭވެ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ލަފާކުރެވެ އެވެ. އަދި ސްކޫލް ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރާނެތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރި އެވެ.
ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވާން އެދެފި
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
މޫސުން ގޯސް؛ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް
ފެންބޮޑުވާނެ ކަމަށް ލަފާކޮށް، އޮރެންޖު އެލާޓް ނެރެފި
ކާށިދޫ ކަނޑުވި ދެ މީހުން ސަލާމަތްކަން ހޯދީ ޕެލެޓަކުން
ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި
ބޯޓެއް އަޑިއަށް ގޮސް މީހަކު ގެއްލިގެން ހޯދަން ފަށައިފި
ކުދި އުޅަނދުތަކުގައި ކަނޑުދަތުރު ނުކުރަން އެދެފި
ބޯވަ ނަގަން ގޮސް އުޅެނިކޮށް އޮޔާދިޔަ މީހަކު ސަލާމަތްކޮށްފި