Roadha Mihaaru
ރާޅު އަރައިގެން ދިޔައީ މީހުންނާއި ލަގެޖުތައް ހިފައިގެން

ރާޅު އަރައިގެން ދިޔައީ މީހުންނާއި ލަގެޖުތައް ހިފައިގެން

17 އޮކްޓޯބަރ 2021

މިއަދު މީހަކު މަރުވެ ކުއްޖަކު ގެއްލުނު ހާދިސާ ހިނގި ލޯންޗުން ދަތުރުކުރި އެކަކު އެ ހާދިސާ ސިފަކުރަމުން ބުނީ އެއީ ހަޔާތުގައި މިހާތަނަށް އެންމެ ބިރުވެރި ހާދިސާ ކަމަށެވެ. ނަން ނުޖަހަން އެދި ވާހަކަ ދެއްކި މީހާ ކިޔައިދިން ގޮތުގައި ރާޅު އެރީ ލޯންޗު ފުރި އިރަށް ވުރެ ވެސް ކަނޑު ގަދަވެ ރާޅުތައް ބޮޑުވުމުން ދެން ދަތުރު ނުކުރެވޭނެކަން އެނގުމުން ހިކިފަސްތަނެއް އަތުޖެހޭތޯ ލޯންޗު އަނބުރާލި ވަގުތު އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިއަދު މީހަކު މަރުވެ ކުއްޖަކު ގެއްލުނު ހާދިސާ ހިނގި ލޯންޗުން ދަތުރުކުރި އެކަކު އެ ހާދިސާ ސިފަކުރަމުން ބުނީ އެއީ ހަޔާތުގައި މިހާތަނަށް އެންމެ ބިރުވެރި ހާދިސާ ކަމަށެވެ. ނަން ނުޖަހަން އެދި ވާހަކަ ދެއްކި މީހާ ކިޔައިދިން ގޮތުގައި ރާޅު އެރީ ލޯންޗު ފުރި އިރަށް ވުރެ ވެސް ކަނޑު ގަދަވެ ރާޅުތައް ބޮޑުވުމުން ދެން ދަތުރު ނުކުރެވޭނެކަން އެނގުމުން ހިކިފަސްތަނެއް އަތުޖެހޭތޯ ލޯންޗު އަނބުރާލި ވަގުތު އެވެ.

"ޑްރީމް ސްޕީޑް 2" ލޯންޗުން މާލެއިން ވ. ކެޔޮދޫއަށް ދާން އެރި މީހާ ކިޔައިދިން ގޮތުގައި ހަވީރު 4:15 ހާއިރު ދަތުރަށް ފެށިއިރު ވެސް ކަނޑު ވަރަށް ގަދަ އެވެ. އެކަމަކު ރިސޯޓުން ޗުއްޓީ ނަގައިގެން އައިސް ހުރުމުން އަވަހަށް ރަށަށް ދާން ބޭނުންވެފައި ހުރުމުން އޭނާ ގަސްތުކުރީ އޭގައި ދިއުމަށެވެ.

"ކައްޕި ދަތުރުކުރަން ހުރީމަ އިތުބާރުކޮށްފައި ލޯންޗަށް އެރީ. މީގެ ކުރިން ވެސް ކަނޑު ގަދަ ދުވަސް ދުވަހު ދަތުރު ކުރިން. ބިރެއް ވެސް ނުގަނޭ ގަދަ ކަނޑުގައި ދަތުރުކުރާ ކަށް. އެކަމަކު މި ދަތުރަށް ފަހު ދެން ވާނެ ގޮތެއް ނޭނގެ،" ލޯންޗު ކެޕްޓަނާ ކައިރީގައި އިން ސީޓެއްގައި އިނދެގެން ދަތުރުކުރި މީހާ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި ކ.އޮޅުވެލި ރިސޯޓާ ހަމައަށް ދެވުނު ހިސާބުން އާދަޔާ ހިލާފަށް ވައި ގަދަވެ، ބޮޑެތި ރާޅުތައް ނަގަން ފެށި އެވެ. ދެން ލޯންޗު ނުދުއްވޭނެކަން ކެޕްޓަނަށް ވެސް އެނގިގެން ލޯންޗު އަނބުރާލީ އެންމެ ކައިރީއޮތް ހިކި ފަސް ތަނަކަށް ދިއުމަށެވެ.

ލޯންޗު އަނބުރާލި ވަގުތަކީ ބޮޑު ރާޅެއް އައިސް ލޯންޗާ ހަމަވި ވަގުތެވެ. އެ ބިޔަ ރާޅު ލޯންޗުގެ މަތިން އަރައި ލޯންޗު އެއްކޮށް ދިޔަ ބޮޑުކޮށްލި އެވެ. ރާޅުގެ ގަދަ ބާރުން ލޯންޗުގެ އެއް ފަޅީގެ ސަތަރި ގަނޑު ފޫއަޅުވާލައި ލޯންޗު އެއް ފަރާތަށް ވަރަށް ބޮޑަށް އަރިވި އެވެ.

މި ހުރިހާ ކަމެއްވީ ފަހުން އެންމެ ލައިފް ޖެކެޓް އެޅީ. އޭގެ ކުރިން އެކަކު ވެސް ނާޅާ: ދަތުރުކުރި މީހެއް

އޭނާ ވެސް ރާޅާ އެކު ލޯންޗުން ބޭރަށް، ކަނޑަށް ވެއްޓުނީ އެވެ.

"ވަރަށް ކުއްލިއަކަށް ހުރިހާ ކަމެއްވީ. ވީނުވީ އެނގުނު އިރު އޮތީ ކަނޑުތެރޭ،" އޭނާ ބުންޏެވެ.

ބިޔަރާޅުތަކުގެ ތެރޭ ފެންމަތީ އޮވެ ސަލާމަތް ވެވުނީ ލޯންޗުން ވެއްޓުނު ބެކްޕެކެއް ހިފަހައްޓައިގެން އޮތުމުން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ލޯންޗުގައި ދަތުރުކުރި މީހުންގެ ފޮށިތައް ވެސް އެ ރާޅާ އެކު ކަނޑަށް ދިޔަ ކަމަށެވެ.

ފުރާނަ ސަލާމަތްވާނެ ކަމުގެ އުންމީދު ގެއްލިފައި އޭނާ ކަނޑުގައި 15 ވަރަކަށް މިނެޓް އޮތެވެ.

"އެވަގުތު ހިތަށް އެރި ދެން ސަލާމަތެއް ނުވާނެއޭ. އޭރު ކުރެވުނު އިހުސާސްތައް ކިޔައިދޭން ވެސް ނޭނގެ،" ހަޔާތުގެ އެންމެ ބިރުވެރި ތަޖުރިބާ އޭނާ ކިޔައިދިނެވެ.

ކަނޑުވި މީހުން ހޯދަނިކޮށް އޭނާ ވެސް ފެނި ލޯންޗަށް ނެގި އިރު ބޯ ވެސް އޮތީ ފެޅިފަ އެވެ. އެއީ ރާޅާ އެކު ވިއްސައިގެން ދިޔައިރު ލޯންޗުން ތަނެއްގައި ޖެހި ލިބުނު ޒަހަމެއް ކަމާާއި އެ ޒަހަމް އިންކަން އެނގުނީ ވެސް ލޯންޗަށް ނެގި ފަހުންނެވެ.

އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާ މަރުވެ އަދި އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ގެއްލުނު މި ހާދިސާ ހިނގީ އާދާ ހިލާފަށް ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަނިކޮށް ކަމަށް ވިޔަސް، "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުނީ އެއްވެސް މީހަކު ދަތުރުމަތީގައި ލައިފްޖެކެޓް ނާޅާ ކަމަށެވެ.

"މި ހުރިހާ ކަމެއްވީ ފަހުން އެންމެ ލައިފް ޖެކެޓް އެޅީ. އޭގެ ކުރިން އެކަކު ވެސް ނާޅާ،" އޭނާ ބުންޏެވެ.

އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅު ހާދިސާ އަށް ފަހު ލޯންޗު ދިޔައީ ކ. ގުރައިދޫއަށެވެ. އެ ރަށަށް 6:30 ހާއިރު ގޮސް، ކަނޑުވި ނާހިދާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

"މިހާރު" އަށް ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި ލޯންޗުން ދަތުރުކުރި އެންމެން ވެސް ތިބީ ވަރަށް ބޮޑު ޝޮކެއްގަ އެވެ.