Roadha Mihaaru
ފިނޮޅެއްގައި ހާލުގަ ޖެހިފައި ތިބި ބަޔަކު ސަލާމަތްކޮށްފި

ފިނޮޅެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކު ސަލާމަތްކޮށްފި

29 މާޗް 2021

ނ. ހުރަވަޅި ކައިރީގައި އޮންނަ ފިނޮޅެއްގައި، ހާލުގައި ޖެހިފައި ތިބި ބަޔަކު ސިފައިން މިއަދު ސަލާމަތްކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ނ. ހުރަވަޅި ކައިރީގައި އޮންނަ ފިނޮޅެއްގައި، ހާލުގައި ޖެހިފައި ތިބި ބަޔަކު ސިފައިން މިއަދު ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ، ތިން ބިދޭސީން ތިބީ ފިނޮޅުގައި ވެލި ނަގަން ކަމަށެވެ. ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑު ވެސް ގަދަވެފައި ވަނިކޮށް، ފިނޮޅުގައި އެ މީހުން ތިބީ އެނބުރި ރަށަށް އާދެވޭނެ ގޮތެއް ނެތިފަ އެވެ.

އެ މީހުން ފެނުނީ، ޅ. ހިންނަވަރަށް ދިޔަ ސިފައިންގެ ފަޔާ ޓީމުގެ ބަޔަކަށް، މިއަދުު 2:20 ހާއިރު އެވެ.

ސިފައިން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހުން ސަލާމަތް ކުރީ، ފިނޮޅަށް ވަލެއް އެއްލައިގެންނެވެ. މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ސިފައިންގެ ލޯންޗެއް ވެސް ފިނޮޅަކާ އެހާ ކައިރި ކުރެވޭ ގޮތެއް ނުވި އެވެ. އޭރު، ހަނި އެ ފިނޮޅުގެ ދެ ފަރާތުން ވެސް ދިިޔައީ ވަރަށް ބޮޑަށް ރާޅު އަރަމުންނެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދު މޫސުން ގޯސްވެފައިވާ އިރު، ކަނޑުމަތީގެ ބައެއް ހާދިސާތައް ވެސް ވަނީ ހިނގައިފަ އެވެ. މިއަދު ހެނދުނު ދޯންޏެއް އަޑިއަށް ގޮސްފައިވާއިރު މާލޭގެ މަގުތަކުގައި ހުރި ގިނަ ގަސްތަކެއް މޫގަނޑުން ނެއްޓި، ވެއްޓިފައިވާ އިރު، ފުވައްމުލަކަށް ވެސް އެކިވަރުގެ ގެއްލުންވެފައިވެ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް)އިން ލަފާ ކުރާ ގޮތުން، ރާއްޖެ ސަރަހައްދުގައި މި ވަގުތު އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން ކުރިއަށް އޮތް 48 ގަޑިއިރު ވެސް ގަދަޔަށް ވައި ޖެހޭނެ އެވެ. އަދި ރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެ ކަމަށް އެތަނުން ބުންޏެވެ.