Roadha Mihaaru
މުޒާހަރާގެ ބައިވެރިން ބޭނުންވަނީ އަސްކަރީ އިންގިލާބެއް

މުޒާހަރާގެ ބައިވެރިން ބޭނުންވަނީ އަސްކަރީ އިންގިލާބެއް

17 އޮކްޓޯބަރ 2021

ސޫދާންގެ ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަން ވައްޓާލައި މިހާރު އުފައްދާފައި އޮތް އިންތިގާލީ ސަރުކާރުން، ޑިމޮކްރެސީ ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެކަމާ ދެކޮޅު ހަދާ ބަޔަކު އިއްޔެ އާއި މިއަދު މަގުތަކަށް ނުކުމެ މުޒާހަރާކޮށް، ސިފައިންގެ އިންގިލާބަކަށް ގޮވާލައިފި އެވެ.

ސޫދާންގެ ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަން ވައްޓާލައި މިހާރު އުފައްދާފައި އޮތް އިންތިގާލީ ސަރުކާރުން، ޑިމޮކްރެސީ ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެކަމާ ދެކޮޅު ހަދާ ބަޔަކު އިއްޔެ އާއި މިއަދު މަގުތަކަށް ނުކުމެ މުޒާހަރާކޮށް، ސިފައިންގެ އިންގިލާބަކަށް ގޮވާލައިފި އެވެ.

ވެރިރަށް ޚުރުތޫމްގެ މަގުތަކަށް މިއަދު އެއްވި މީހުން ގޮވަމުން ދިޔައީ، ސިފައިން އިސްވެ އިންގިލާބެއް ގެނެސް، މިހާރު ވެރިކަމުގައި ތިބި މީހުންގެ އަތުން ގައުމު ސަލާމަތް ކޮށްދިނުމަށެވެ. މިހާރު ވެރިކަން ކުރަމުންދާ ވަގުތީ އިންތިގާލީ ސަރުކާރު އެކުލަވާލާފައިވަނީ، ސިފައިންގެ އިސް ޖެނެރަލުންނާއި މަދަނީ ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށެވެ.

ހުސްވި އަހަރުން ފެށިގެން އިންތިގާލީ ސަރުކާރުން ވެރިކަން ކުރަމުން އަންނަނިކޮށް، ސިފައިންގެ ތެރޭގައި ހިމެނޭ، ކުރީގެ ރައީސް އުމަރުލް ބަޝީރަށް ވަފާތެރި ބައެއް އޮފިސަރުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ އިންގިލާބެއް ގެންނަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، އިންތިގާލީ ސަރުކާރުގައި ހިމެނޭ އަސްކަރީ ޖެނެރަލުން ވަނީ އެ އިންގިލާބު ނާކާމިޔާބު ކޮށްލައި އަޑީގައި ތިބި އޮފިސަރުން ހައްޔަރުކޮށްފަ އެވެ.

އެ ނާކާމިޔާބު އިންގިލާބަށް ފަހު، އިންތިގާލީ ސަރުކާރުގައި ހިމެނޭ އަސްކަރީ ވެރިންނާއި މަދަނީ ބޭފުޅުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ދެބަސްވުން އުފެދިފަ އެވެ. އަސްކަރީ ބޭފުޅުން ގޮވާލަމުން ގެންދަވަނީ، މަދަނީ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެއް ވެރިން ބަދަލުކުރުމަށެވެ. އަދި ކެބިނެޓަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވެސް އަސްކަރީ ޖެނެރަލުން ވިދާޅުވެ އެވެ.

މުޒާހަރާގެ ބައިވެރިން ރިއާސީ ގަނޑުވަރު ކުރިމަތީގައި: އަސްކަރީ އިންގިލާބަކަށް ގޮވާލައި އިއްޔެ އަޑު އުފުލަނީ. --އޭއެފްޕީ

މުޒާހަރާގެ ބައިވެރިން ރިއާސީ ގަނޑުވަރު ކުރިމަތީގައި: އަސްކަރީ އިންގިލާބަކަށް ގޮވާލައި އިއްޔެ އަޑު އުފުލަނީ. --އޭއެފްޕީ

ނަމަވެސް އިންތިގާލީ ސަރުކާރުގައި ހިމެނޭ މަދަނީ ބޭފުޅުން ވިދާޅުވާ ގޮތުގައި، އަސްކަރީ ޖެނެރަލުންގެ އެ ގޮވައިލުމަކީ މަގާމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ކަމަށެވެ.

މުޒާހަރާގެ ބައިވެރިން، ސިފައިންގެ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް ބުރުހާނީ އަށް ގޮވައިލަމުން ދިޔައީ، އިންތިގާލީ ސަރުކާރުގައި ހިމެނޭ ހުރިހާ މަދަނީ ބޭފުޅުން އެއްފަރާތްކޮށް ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ސަރުކާރު ގެނައުމަށެވެ. މިހާރުގެ ސަރުކާރު ވަނީ ރައްޔިތުންގެ މެދުގައި އިންސާފާއި ހަމަހަމަކަށް ގާއިމުކުރުމުގައި ފެއިލްވެފައި ކަމަށް، މުޒާހަރާގެ ބައިވެރިން ބުނެ އެވެ.

މުޒާހަރާގެ ބައިވެރިން މިއަދު އެއްވެ އަޑު އުފުލަމުން ދިޔައީ، ވެރިރަށް ޚުރުތޫމްގައި ހުންނަ ރިއާސީ ގަނޑުވަރު ކުރިމައްޗަށެވެ. މީގެ ކުރީ ފަހަރުތަކާ ހިލާފަށް، މިއަދު އެ ސަރަހައްދުގައި މުޒާހަރާ ކުރިޔަސް، އެސަރަހައްދުން މީހުން ދުރަށް ޖެއްސުމަށް ފުލުހުން މަސައްކަތެއް ނުކުރެ އެވެ. އިންތިގާލީ ސަރުކާރުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު މިހާރު ވަނީ އެ ގައުމުގެ ޑިމޮކްރެސީގެ ހަމަތަކުން އާ އިންތިހާބެއް ބާއްވައި އާ ސަރުކާރެއް އެކުލަވައިލުމުގެ ވަގުތު ތާވަލަކާއި މަގު ޗާޓެއް އެކުލަވާލައިފަ އެވެ. ހުޅަނގުގެ ގައުމުތަކުން ވަނީ އެ މަގު ޗާޓަށް މަރުހަބާ ކިޔައިފަ އެވެ.