Roadha Mihaaru
އެެއް މާބަނޑެއް ނޫން، އެކަމަކު އުފަން ދުވަސް އެކީގައި

އެެއް މާބަނޑެއް ނޫން، އެކަމަކު ތިން ކުދިންގެ އުފަން ދުވަސް އެކީގައި

25 އޮކްޓޯބަރ 2021

އާންމުކޮށް އެއް ތާރީހެއްގައި އުފަން ދުވަސް ފާހަގަކުރަނީ އެކީގައި ވިހާ އެއްމާބަނޑު ކުދިންނެވެ. އެކަމަކު އެމެރިކާގެ މި ދެމަފިރިންގެ ތިން ކުދިންނަކީ އެއްމާނޑު ކުދިންނެއް ނޫނެވެ. ނަމަވެސް ތިން ކުދިންގެ ވެސް އުފަން ދުވަހަކީ ހަމަ އެއް ދުވަހެކެވެ. އެއީ އޮގަސްޓް މަހުގެ 25 އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމުކޮށް އެއް ތާރީހެއްގައި އުފަން ދުވަސް ފާހަގަކުރަނީ އެކީގައި ވިހާ އެއްމާބަނޑު ކުދިންނެވެ. އެކަމަކު އެމެރިކާގެ މި ދެމަފިރިންގެ ތިން ކުދިންނަކީ އެއްމާނޑު ކުދިންނެއް ނޫނެވެ. ނަމަވެސް ތިން ކުދިންގެ ވެސް އުފަން ދުވަހަކީ ހަމަ އެއް ދުވަހެކެވެ. އެއީ އޮގަސްޓް މަހުގެ 25 އެވެ.

މި ގޮތަށް ދިމާވެފައި ހަމަ ނަސީބަކުންނެވެ. ފާއިތުވި ހަ އަހަރުގެ ތެރޭގައި ބަލިވެ އިން ތިން ފަހަރު ވެސް އޯލަންޑޯގައި ދިރިއުޅޭ ކްރިސްޓިން ލެމާޓް ވިހެއީ އޮގަސްޓް 25 ގަ އެވެ. އޭނާ އާއި ފިރިމީހާ ނިކް ލެމާޓަށް ލިބުނު ފުރަތަމަ ދަރިފުޅު ސޯފިއާ އުފަންވީ އޮގަސްޓް 25، 2015 ގަ އެވެ. ދެވަނަ އަށް ލިބުނު ޖީލާނާ އުފަންވީ އޮގަސްޓް 25، 2018 ގަ އެވެ. ތިން ވަނަ ދަރިފުޅު މިއާ އުފަންވީ މި އަހަރުގެ އޮގަސްޓް 25 ގަ އެވެ.

ތިން ކުދިންގެ އިތުރަށް ކްރިސްޓިންގެ އާއިލާގެ ކުއްތާ ކޯޑާ ބެއާގެ އުފަން ދުވަހަކީ ވެސް އޮގަސްޓް 25 އެވެ. އެހެންވެ އަންނަ އަހަރަކީ އެއާ އެ އާއިލާގެ ކުދިންގެ އުފަން ދުވަހުގެ ސެލެބްރޭޝަން ވަކިން ބޮޑުވާނެ އަހަރެކެވެ. ސަބަަބަކީ ތިން ކުދިން އެކީގައި އުފަން ދުވަސް ފުރަތަމަ ފާހަގަ ކުރާނީ އަންނަ އަހަރަށް ވުމެވެ.

ކްރިސްޓިންގެ ތިން ކުދިންނަކީ ވެސް އަންހެން ކުދިންނެވެ. އޭނާ ބުނީ ގޮތުގައި އެއް ތާރީހެއްގައި ތިން ކުދިން އުފަން ވުމަކީ ވަރަށް ވެސް ހާއްސަ ކަމެކެވެ.

"މިކަން އެންމެ ހާއްސަ ވަނީ ތިން ކުދިންގެ އުފަން ދުވަސް ވެސް އެއް ދުވަހެއްގައި ފާހަގަ ކުރެވޭނެތީ،" ކްރިސްޓިން ބުންޏެވެ. "މިއީ ކިހާ ބޮޑު އުފަލެއް."

ކްރިސްޓިން އާއި ނިކް ތިން ކުދިންނާ އެކު.

ކްރިސްޓިން އާއި ނިކް ތިން ކުދިންނާ އެކު.

އޭނާ ކިޔައިދިން ގޮތުގައި ތިން ވަނަ ދަރިފުޅުގެ އުފަން ދުވަސް ކުރީގެ ދެ ކުދިންނާ އެއް ދުވަހަކަށް ލައްވާލީ ހަމަ އިއްތިފާގަކުންނެވެ. ކްރިސްޓިން ވިހާ ގޮތަށް އޮތީ ސެޕްޓެމްބަރު މަހުގެ 1 ގަ އެވެ. އެކަމަކު އޭގެ ކުރިން ވިހެއީ އެވެ.

އޭނާ ބުނި ގޮތުގައި ތިން ވަނަ ދަރިފުޅަށް ބަލިވެ އިނުމަކީ އެންމެ އުނދަގޫ ދުވަސްތަކެވެ. ސަބަބަކީ ކޮވިޑް ޖެހިގެން ފަރުވާ ހޯދަން ޖެހުމާއި ސިއްހީ އިތުރު މައްސަލަތަކެއް ވެސް ދިމާވުމެވެ.

"އެހެންވެ ޑޮކްޓަރުން ވިދާޅުވެފައި އޮތީ ޑިއު ޑޭޓަށް ވުރެ އަވަހަށް ވެސް ވިހާފާނޭ. ދެން އުންމީދު ކުރެވުނު އަނެއް ދެ ކުދިންގެ އުފަން ދުވަހާ އެއް ދުވަހަކަށް. އެގޮތަށް އުންމީދު ކޮށްގެން ތިއްބައި ދިމާވީމަ ވަރަށް ވެސް އުފާވި،" ކްރިސްޓިން ބުންޏެވެ. "ޔަގީނުން ވެސް އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ފަންސަވީހަކީ އާއިލާ އަށް އަންނާނެ ވަރަށް ބޮޑު ސެލެބްރޭޝަނަކަށް ވާނެ."