Roadha Mihaaru
ޝާހްރުކްގެ ފިލްމުން ނަޔަންތަރާ ވަކިވެއްޖެ

ޝާހްރުކްގެ ފިލްމުން ނަޔަންތަރާ ވަކިވެއްޖެ

27 އޮކްޓޯބަރ 2021

ދަރިފުޅު އަރިއަން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމުން ޝާހްރުކް ޚާން ފިލްމީ މަސައްކަތްތައް މަޑުޖައްސައިލުމާ ގުޅިގެން، އޭނާ ޝޫޓިން ފަށާފައި އޮތް ފިލްމު "ލަޔަން" ގެ ލީޑް ބަތަލާ ނަޔަންތަރާ އެ ފިލްމުން ވަކިވެފައިވާ ކަމަށް ރިޕޯތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދަރިފުޅު އަރިއަން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމުން ޝާހްރުކް ޚާން ފިލްމީ މަސައްކަތްތައް މަޑުޖައްސައިލުމާ ގުޅިގެން، އޭނާ ޝޫޓިން ފަށާފައި އޮތް ފިލްމު "ލަޔަން" ގެ ލީޑް ބަތަލާ ނަޔަންތަރާ އެ ފިލްމުން ވަކިވެފައިވާ ކަމަށް ރިޕޯތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ސޮއިކުރި ފުރަތަމަ ހިންދީ ފިލްމު ދޫކޮށްލީ ކުރިން ރޭވި ގޮތަށް މި މަހާއި އަންނަ މަހުގެ ތެރޭގައި ވެސް "ލަޔަން" ގެ ޝޫޓިން ނުފެށޭނެތީ، ސޮއި ކޮށްފައި ހުރި އެހެން ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ބުރޫ އަރާނެތީ އެވެ. ނަޔަންތަރާ، 36، ކުރިން އެއްބަސްވެފައި އޮތީ އޭނާގެ ޝޫޓިންތަކަށް މި މަހާއި އަންނަ މަހު ތެރޭގައި ވަގުތު ދޭ ގޮތަށެވެ. ނަމަވެސް ޝާހްރުކަށް ދިމާވި ކަންތަކާ ހެދި އަލުން "ލަޔަން" ގެ ޝޫޓިން ފެށޭނެ އިރެއް ވެސް ނޭނގި އެވެ.

އޭނާގެ ދޮށީ ދަރިފުޅު މަސްތުވާތަކެތީގެ މައްސަލައެއްގައި މި މަހުގެ ކުރީކޮޅު ހައްޔަރުކުރި އިރު، އޮގަސްޓް މަހުގެ ފަހުކޮޅާއި ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ފިލްމުގެ މަންޒަރުތަކެއް ޕޫނޭގައި ނަގާފައިވެ އެވެ.

"ލަޔަން" ގެ އިތުރުން ޝާހްރުކް އޮތީ ޑައިރެކްޓަރު ސިދާންތު އާނަންދުގެ "ޕަތާން" ގެ މަސައްކަތް ވެސް ފަށައިފަ އެވެ. އޭނާގެ ފިލްމީ މަސައްކަތްތައް މި ދަނޑިވަޅުގައި މަޑުޖައްސައިލަން ޖެހުނީ އެ ފިލްމުގެ މަންޒަރުތަކެއް ނަގަން މި މަހުގެ ތެރޭގައި ސްޕެއިނަށް ދާން ވެސް ހުރިހާ ކަމެއް ރޭވިފައި ވަނިކޮށެވެ.

އަރިއަން، 23، މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރި ފަހުން އޭނާގެ ކަފާލާތުގެ މައްސަލަ ވެސް ހަތަރު ފަހަރެއްގެ މަތިން ކޯޓުން ވަނީ ބޭރުކޮށްފަ އެވެ. އެންމެ ފަހުން ކަފާލާތުގެ މައްސަލަ ބޮމްބޭ ހައި ކޯޓުން ބަލައިނުގަނެ، ބޭރުކޮށްލީ އަންގާރަ ދުވަހު އެވެ.

ކޯޓުން ބުނެފައި ވަނީ އަރިއަން މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ވަރަށް ފުޅާކޮށް ކުރާކަން ތަހުގީގަށް ސާބިތުވާ އެތައް ހެއްކެއް މިހާތަނަށް ލިބިފައިވާ ކަމަށާއި މިކަމުގައި އޭނާއާ އިންޓަނޭޝަނަލް ނެޓްވޯކަކާ ވެސް ގުޅުން އޮތް ކަމަށެވެ. އެހެންވެ އަރިއަންގެ މައްސަލަ އޮތީ ވަރަށް ސީރިއަސް މަރުހަލާއެއްގަ އެވެ. ބައެއް މީޑިއާތަކުން ބުނީ ހުކަމަކުން އޭނާ ސަލާމަތްވުމުގެ ފުރުސަތު ވެސް މިހާރު ވަރަށް ކުޑަ ކަމަށެވެ. އަރިއަން އާއި ރައްޓެހިންތަކެއް ހައްޔަރުކުރީ މަސްތުވާތަކެއްޗާ އެކު ޕާޓީކުރަނިކޮށް ކްރޫޒް ލައިނާއަކުންނެވެ.

މީގެ ހުރިހާ އަސަރެއް މިހާރު ކޮށްފައި އޮތީ ޝާހްރުކްގެ ފިލްމީ ކެރިއަރަށެވެ. "ލަޔަން" ގެ ލީޑް ބަތަލާ ފިލްމު ދޫކޮށްލި އިރު، ދެން އެ ފިލްމާއި "ޕަތާން" ގެ މަސައްކަތް އަލުން ފެށޭނެ އިރެއް ވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. އަދި އެންމެ ބޮޑު ސުވާލަކީ ދަރިފުޅު ޖަލުގައި އޮއްވައި ޝާހްރުކް ފިލްމީ މަސައްކަތްތަކަށް ވަގުތު ހުސްކޮށްފާނެ ކަމާ މެދު އެވެ.

އޭނާ މަސައްކަތް ފަށާފައި އޮތް ދެ ފިލްމަކީ އެކްޓިންއާ ދުރުގައި ހުންނަތާ ތިން އަހަރު ފަހުން ސޮއިކުރި ފިލްމުތަކެވެ. ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ޒީރޯ" އެވެ.

އޭނާ ޑަބަލް ރޯލެއް ކުޅޭ "ލަޔަން" ގެ ކާސްޓްގައި ޕްރިޔަމަނީ އާއި ސާނިއާ މަލްއުތުރާ އާއި ސުނިލް ގްރޯވާ އާއި ރާނާ ދަގޫބަތޫގެ އިތިރުން އާކަންކްޝާ ސިންގް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ނަޔަތަންރާ ފިލްމު ދޫކޮށްލާފައި ވާތީ އޭނާގެ ބަދަލުގައި ފިލްމަށް ނަގާނެ ކަމަށް މިހާރު ބެލެވެނީ ދެކުނުގެ ބަތަލާ ސަމަންތާ އެވެ. އޭނާ އަކީ އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ރޯލެއް ކުޅެފައިވާ ދެކުނު އެކްޓަރު ނާގާ ޗައިތަނިއާގެ ކުރީގެ އަންހެނުންނެވެ. މަޝްހޫރު އެކްޓަރު ނާގުރްޖުނާ އަކިނޭނީގެ ދަރިފުޅު ނާގަ އާއި ސަމަންތާ 2017 ގައި ކުރި ކައިވެނި މި މަހުގެ ކުރީކޮޅު ވަނީ ރޫޅާލައިފަ އެވެ.