Roadha Mihaaru
ޗައިނާގެ މިސައިލަކީ ރަޝިޔާގެ އުފެއްދުމަކާ ވައްތަރު

ޗައިނާގެ މިސައިލަކީ ރަޝިޔާގެ އުފެއްދުމަކާ ވައްތަރު: އެމެރިކާ

28 އޮކްޓޯބަރ 2021

ޗައިނާ އިން ދާދި ފަހުން އަޖުމަބެލި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލަކީ ރަޝިޔާގެ އުފެއްދުމެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް، އެމެރިކާ އިން ބުނެފި އެވެ.

ޗައިނާ އިން ދާދި ފަހުން އަޖުމަބެލި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލަކީ ރަޝިޔާގެ އުފެއްދުމެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް، އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާ ސިފައިންގެ އެންމެ އިސް ޖެނެރަލް، ޗެއާމަން އޮފް ދަ ޖޮއިންޓް ޗީފް އޮފް ސްޓާފްސް ޖެނެރަލް މާކް މިލޭ، ބްލޫމްބާގް ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ ހަތިޔާރުގެ ނިޒާމެއް ޗައިނާ އިން އަޖުމަބެލުމަކީ، ޓެކްނޮލޮޖީގެ ގޮތުން ވަރަށް ކުރިއަރާފައިވާ ކަމެއް ކަމަށެވެ.

"އަހަންނަކަށް ކަށަވަރުކޮށް ބުނާކަށް ނޭނގެ އެއީ، ސްޕުޓްނިކްގެ ހިނދުކޮޅެއް ކަމެއް. އެކަމަކު އެފަދަ ކަމަކާ ވަރަށް ގާތްކުރާ ގޮތަކަށް ހިނގި ކަމެއް އެއީ،" ޖެނެރަލް މާކް މިލޭ ވިދާޅުވި އެވެ.

ސްޕުޓްނިކް އަކީ ރަޝިޔާ އިން 1957 ވަނަ އަހަރު ޖައްވަށް އުދުއްސައިލި ފުރަތަމަ ސެޓެލައިޓަށް ދީފައިވާ ނަމެވެ. ޗައިނާގެ މިސައިލަށް ސްޕުޓްނިކްގެ ނަމުން އެ އިޝާރާތް ކުރެއްވީ، އެއީ ރަޝިޔާގެ އުފެއްދުމެއް ކަމަށް ބެލެވޭ ކަމަށް ވިދާޅުވުމުގެ ގޮތުންނެވެ.

ޗައިނާ އިން އަޖުމަބެލީ ރަޝިޔާގެ އުފެއްދުމަކަށް ވިޔަސް ނުވަތަ ނުވިޔަސް، އެ މިސައިލްގެ ސަބަބުން، ބޮޑެތި ބާރުތަކުގެ މެދުގައި އަސްކަރީ ޖައްވީ ޓެކްނޮލޮޖީގެ ވާދަވެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ އެވެ. އެހެންކަމުން ޖެނެރަލް މިލޭ ވިދާޅުވީ، ޗައިނާ އިން އެފަދަ މިސައިލެއް އަޖުމަބެލުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ރަޝިޔާ އިން އުފައްދާފައިވާ އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލެއް، ރަޝިޔާގެ މަނަވަރަކުން އުދުއްސައިލަނީ.

ރަޝިޔާ އިން އުފައްދާފައިވާ އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލެއް، ރަޝިޔާގެ މަނަވަރަކުން އުދުއްސައިލަނީ.

މިދިޔަ ހަފުތާގައި ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދާދި ފަހުން ޗައިނާ އިން އަޖުމަބެލީ އަޑަށް ވުރެ ބާރަށް ދަތުރުކުރާ އެންމެ މިސައިލެއް ނޫނެވެ. އެ ބާވަތުގެ މުޅިން އާ ދެ މިސައިލް އަޖުމަބެލި ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.

އަދި އެ ފަހަރު އަޖުމަބެލި މިސައިލަކީ، މިޒަމާނުގެ ރާޑަރު ނިޒާމުތަކުން ވެސް ދެނެނުގަނެވޭނެ އެއްޗެއް ކަމަށް އެ ނޫހުން ބުނެފައިވެ އެވެ. އަދި ވައިގެ ތެރެއިން ދަތުރުކުރާ މިސައިލްތަކާއި ރޮކެޓްތައް ދެނެގަތުމަށް އެމެރިކާ އިން ގެންގުޅޭ ޓެކްނޮލޮޖީ އަށް ވެސް، ޗައިނާގެ އެ މިސައިލް ދެނެނުގަނެވޭނެ އެވެ.

މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު ޗައިނާ އިން އަޖުމަބެލި މިސައިލަކީ، މިބިމުގެ ވައިގެ ފަށަލައިން ބޭރުވެ، ތިރީ އޯބިޓްގައި ދުނިޔެ ވަށައިގެން ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ، އަދި ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިގެންވާ މިސައިލެކެވެ. އޭގެ ފަހުން އޮގަސްޓް 13 ވަނަ ދުވަހު ވެސް ޗައިނާ އިން ހަމަ އެބާވަތުގެ އެހެން މިސައިލެއް އަޖުމަބެލި އެވެ.

އޮގަސްޓް 13 ވަނަ ދުވަހު ޗައިނާ އިން އަޖުމަބެލި މިސައިލާ ބެހޭ ގޮތުން އެމެރިކާ އިން ބުނީ، ކުއްލި ސިހުމެއް ލިބުނު ކަމަށެވެ. އަދި ޗައިނާގެ މިސައިލްގައި ހިމެނޭ އާ ޓެކްނޮލޮޖީއަކީ ކޮބައިކަން ދެނެގަތުމަށް ވަރަށް ގިނަ ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެމެރިކާ އިން ބުންޏެވެ.

ނަމަވެސް ޗައިނާ އިން ބުނި ގޮތުގައި، އެމެރިކާ އިން އެ ތުހުމަތު ކުރާ ބާވަތުގެ މިސައިލެއް އެ ގައުމުން އަޖުމަބަލައިފައެއް ނުވާނެ އެވެ. އޭގެ ބަދަލުގައި އަޖުމަބެލީ، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ގޮތަށް އުފެއްދި ޖައްވީ އުޅަނދެއް ކަމަށެވެ.