Roadha Mihaaru
ޗައިނާގެ މިސައިލް ދުނިޔެ ވަށައިގެން ބުރެއް ޖެހި

ޗައިނާގެ މިސައިލް ދުނިޔެ ވަށައިގެން ބުރެއް ޖެހި: އެމެރިކާ

18 ނޮވެމްބަރ 2021

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޗައިނާ އިން އަޖުމަ ބެލި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް، އޭގެ އަމާޒަށް ވާސިލުވީ ދުނިޔެ ވަށައިގެން ބުރެއް ޖެހުމަށް ފަހުގައި ކަމަށް، އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޗައިނާ އިން އަޖުމަ ބެލި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް، އޭގެ އަމާޒަށް ވާސިލުވީ ދުނިޔެ ވަށައިގެން ބުރެއް ޖެހުމަށް ފަހުގައި ކަމަށް، އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

ސީބީއެސް ނިއުސްގައި ވާހަކަ ދައްކަވަމުން، އެމެރިކާގެ އަސްކަރިއްޔާގެ ދެ ވަނަ އަށް އެންމެ އިސް ވެރިޔާ، ޖެނެރަލް ޖޯން ހީޓެން ވިދާޅުވި ގޮތުގައި ޗައިނާ އިން އެފަހަރު އަޖުމަބެލީ ދުރު ރާސްތާ މިސައިލެކެވެ.

"އެ މިސައިލް ދުނިޔެ ވަށައިގެން ޖައްވުގެ ތެރޭގައި ބުރެއް ޖެހި. އެއަށް ފަހު، އޭގެ ހަމަލާދޭ ބައި ބިމާ ދިމާއަށް ވައްޓައިލުމުން، ވައިގެ ތެރޭގައި ދަތުރުކުރަމުން ގޮސް ޗައިނާގެ ސަރަހައްދަށް، ޗައިނާގައި ކަނޑައަޅާފައި އޮތް އަމާޒަށް އޭތި ވެއްޓުނީ،" އެމެރިކާގެ ވައިސް ޗެއާމަން އޮފް ދަ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޖޯން ހީޓެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަހަކަށް އައިސް ޗައިނާގެ އަސްކަރީ ގާބިލުކަން އިތުރު ކުރަމުން އަންނަނީ ހައިރާންކުރުވަނިވި ގޮތަކަށެވެ. އަދި ޗައިނާ އިން އެ ގޮތުގައި ކުރިއަށް ދާ ނަމަ، އެމެރިކާ އަށް ކުއްލި ނިއުކްލިއާ ހަމަލާއެއް ދިނުމުގެ ގާބިލުކަން، ކޮންމެ ވެސް ދުވަހަކުން ޗައިނާ އަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ވައިސް ޗެއާމަން އޮފް ދަ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޖެނެރަލް ޖޯން ހީޓެން

އެމެރިކާގެ ވައިސް ޗެއާމަން އޮފް ދަ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޖެނެރަލް ޖޯން ހީޓެން

ޗައިނާ އިން އަސްކަރީ ގާބިލުކަން އިތުރުކޮށް، އެކި ބާވަތުގެ މިސައިލްތައް އަޖުމަބަލަމުން މިއަންނަނީ، ތައިވާނުން މިނިވަންކަން އިއުލާން ކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން، ޗައިނާ އާއި އެމެރިކާއާ ދެމެދު ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވާ ދުވަސްވަރެއްގަ އެވެ. ޗައިނާއާ އެމެރިކާއާ ދެމެދު އަސްކަރީ ގޮތުން އޮތް ބޮޑު ތަފާތު މިހާރު ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށް، އެމެރިކާ އިން ބުނެ އެވެ.

މި މަހު ކުރީކޮޅު އެމެރިކާގެ ހާރިޖިއްޔާ އިން އާންމު ކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ޗައިނާގެ ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން އިތުރުކުރަމުން އަންނަ ހަލުވިމިނަށް ބަލާއިރު، 2027 ވަނަ އަހަރު ނިމޭއިރު، ވަގުތުން ހަމަލާއެއް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ 700 ނިއުކްލިއާ ވޯހެޑް ހުންނާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު 1،000 އަށް އިތުރުވާނެ ކަމަށް ވެސް އަންދާޒާ ކުރެވެ އެވެ.

އެމެރިކާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، މީގެ އަހަރެއްހާ ދުވަސް ކުރިން ޗައިނާގައި ހުރި ނިއުކްލިއާ ވޯހެޑްގެ އަދަދުގެ 2.5 ގުނަ އިތުރު މިންވަރަކަށް، 2030 ވަނަ އަހަރު ޗައިނާގައި ނިއުކްލިއާ ވޯހެޑް ހުންނާނެ އެވެ. އެމެރިކާގެ އަސްކަރިއްޔާ އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ގައުމުގައި މިހާރުވެސް 3،750 ނިއުކްލިއާ ވޯހެޑް އެބަހުއްޓެވެ.

ޗައިނާ އިން އޮގަސްޓް މަހު އަޖުމަބެލި މިސައިލް އޭގެ އަމާޒަށް ދޫކޮށްލާފައިވަނީ، އެ މިސައިލް ހިފައިގެން ޖައްވަށް ދިޔަ ރޮކެޓް، ލޯ އާތު އޯބިޓްގައި ދުނިޔެ ވަށައިގެން ބުރެއް ޖެހުމަށް ފަހު އެވެ. ލޯ އާތު އޯބިޓަކީ މި ބިމުގެ ސަތަހައިން ފެށިގެން މައްޗަށް 2،000 ކިލޯމީޓަރުގެ ސަރަހައްދެވެ.

އެމެރިކާގެ ފައިނޭންޝަލް ޓައިމްސް ނޫހުން ބުނެފައިވާ ގޮތުގައި، ޗައިނާ އިން އަޖުމަބެލި، އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލް، ޖައްވުގެ ތެރެއަށް އުދުއްސައިލިކަން އެމެރިކާގެ ދިފާއީ ނިޒާމުގެ ރާޑަރުތަކަށް ފާހަގައެއް ނުކުރެވެ އެވެ.

ޗައިނާ އާއި ރަޝިޔާ އިން، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް އަމިއްލައަށް އުފައްދައި އަޖުމަބަލާފައިވާ އިރު، އެމެރިކާ އިން މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަނީ، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލެއް އަޖުމަބެލުމުގެ މަސައްކަތެވެ. މިދިޔަ މަހުގެ ތެރޭގައި އެމެރިކާ އިން އަޖުމަބެލި އެޒާތުގެ މިސައިލެއް ވަނީ ނާކާމިޔާބުވެފަ އެވެ. ނަމަވެސް އެމެރިކާ އިން ބުނެފައި ވަނީ، 2020ގެ ކުރީކޮޅުގެ އަހަރުތަކުގައި، އެޒާތުގެ މިސައިލެއް އަޖުމަބެލުމަށް ފަށާފައިވާ މަސައްކަތް ކުރިއަށް ދަނީ ރަނގަޅު މަގުން ކަމަށެވެ.