Roadha Mihaaru
ރައީސް ސްކޮޓްލެންޑަށް ފުރާވަޑައިގެންފި

ކޮޕް26 އަށް ރައީސް ސްކޮޓްލެންޑަށް ފުރާވަޑައިގެންފި

29 އޮކްޓޯބަރ 2021

އދ. ގެ ތިމާވެއްޓާ ބެހޭ ކޮންފަރެންސް "ކޮޕް26" ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ސްކޮޓްލެންޑަށް ފުރާވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ގެ ތިމާވެއްޓާ ބެހޭ ކޮންފަރެންސް "ކޮޕް26" ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ސްކޮޓްލެންޑަށް ފުރާވަޑައިގެންފި އެވެ.

ގިނަ ގައުމުތަކުގެ ބައިވެރިވުން ހިމެނޭ ކޮންފަރެންސް ބާއްވަން ނިންމާފައި ވަނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 12 ނިޔަލަށް ސްކޮޓްލެންޑުގެ ގްލާސްގޯގަ އެވެ.

ރައީސް ސްކޮޓްލެންޑަށް ފުރާވަޑައިގަތީ ދުބާއީގައި މިހާރު ކުރިއަށްދާ "ދުބާއީ އެކްސްޕޯ" ގައި ބައިވެރިވެވަޑައިގަތުމަށް، ޔޫއޭއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެވެ.

ރައީސް އޮފީހުން ބުނީ ރައީސްއާ އެކު މި ދަތުރުފުޅުގައި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް، ސަބްރާ އިބްރާހީމް ނޫރައްދީންގެ އިތުރު ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ކޮންފަރެންސްގައި ރައީސް ތަގުރީރު ވެސް ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް މި ކޮންފަރެންސަށް މި ވަޑައިގަންނަވަނީ ރާއްޖެ އަށް ހުރި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކިޔައިދިނުމުގައި 1992 ވަނަ އަހަރުން ފެށިގެން އިސް ދައުރެއް އަދާކުރަމުން އައި ނަމަވެސް ރާއްޖޭގެ ރައީސަކު ކޮޕަށް ވަޑައިނުގަންނަވާތާ 12 އަހަރު ފަހުންނެވެ.

މި ދަތުރުފުޅުގައި ގައުމުތަކުގެ ލީޑަރުންނާ އެކު ބައްދަލުކުރެއްވުންތައް ބޭއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ކޮޕް26 ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާއިރު، އެމަނިކުފާނު ވަނީ މިއަދު ހެނދުނު ސްކޮޓްލެންޑަށް ފުރާވަޑައިގެންފަ އެވެ. އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މި ކޮންފަރެންސަށް ވަޑައިގަންނަވާނެ އެވެ.

މި ކޮންފަރެންސް އިންތިޒާމު ކުރަނީ އިޓަލީއާ ގުޅިގެން އިނގިރޭސިވިލާތުންނެވެ. މި ސަމިޓަކީ ޕެރިސް އެގްރީމެންޓާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ. ގެ ފްރޭމްވަކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ.

ދުނިޔޭގެ 190 އަށް ވުރެ ގިނަ ގައުމުތަކުން ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި ސަރުކާރުތަކުގެ މަންދޫބުންނާއި ވިޔަފާރިވެރިންނާއި އަދި އާންމުން ބައިވެރިވެ އެވެ.