Roadha Mihaaru
"މައްސަލަަތައް ތަހުގީގުކުރުމުގައި ޒާތީ ކަމެއް ނޯންނާނެ"

މައްސަލަަތައް ތަހުގީގު ކުރުމުގައި ޒާތީ ކަމެއް ނޯންނާނެ: އެޗްއާރުސީއެމް

29 އޮކްޓޯބަރ 2021

މައްސަލަަތައް ތަހުގީގު ކުރުމުގައި އެއްވެސް ޒާތީ ކަމެއް ނޯންނާނެ ކަމަށާއި ގޮތް ނިންމަނީ ހެއްކަށް ބަލައި އަދުލުވެރިކަމާއެކު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މައްސަލަަތައް ތަހުގީގު ކުރުމުގައި އެއްވެސް ޒާތީ ކަމެއް ނޯންނާނެ ކަމަށާއި ގޮތް ނިންމަނީ ހެއްކަށް ބަލައި އަދުލުވެރިކަމާއެކު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި މިހެން ބުނީ، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކުދިންގެ މެދުގައި 2017 ގައި ހިންގި ހަރަކާތްތަކެއްގެ ތެރެއިން ހިނގި ހާދިސާތަކަކާ ގުޅިގެން އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ހެޑް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ހިމެނިވަޑައިގަންނަވާ ގޮތަށް 30 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލައިގައި ބޮޑެތި ފާޑުކިޔުންތަކެއް އެޗްއާރުސީއެމަށް އަމާޒު ވެފައި ވަނިކޮށެވެ.

އެހެންވެ، އެ ފާޑުކިޔުންތަކުން ދިފާއުވެ، އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ، އެންޓި ޓޯޗާގެ ގާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ދަށުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމާއި ހުށަހަޅޭ މައްސަލަތައް ތަހުގީގު ކުރުމުގައި އެއްވެސް ފަރާތްތަކާ މެދު ޒާތީ ތައައްސުބެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.

"މައްސަލަތަކުގައި ގޮތް ނިންމާނީ ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ބުރަވެ، އިންސާފުވެރިކަމާއި އަދުލުވެރިކަމާ އަދި ނަޒާހަތްތެރިކަމާއެކުގަ އެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

އެ ކޮމިޝަނުން ބުނީ ދައުވާކޮށްދިނުމަށް އެދުނީ "ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" އިން އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން ތަހުގީގުކޮށް، ހުށަހެޅި މައްސަލައެކެވެ.

އެއީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގި ހަރަކާތްތަކެއްގައި އެ މުއައްސަސާތަކުގެ ބައެއް މުވައްޒަފުން އެ ކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮޮށް ބައެއް ކުދިންގެ އަތުގައި ބިޑި އަޅުވައި ޖިސްމާނީ އަދި ނަފުސާނީ އަނިޔާތަކެއް ދީފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެކެވެ.

އެންޓި ޓޯޗާގެ ގާނޫނުގައި އަނިޔާކުރުމާއި ރަހުމް ކުޑަ އަމަލާއި ލާއިންސާނީ އަދި އިހާނެތި އަމަލު ހިންގުމުން ފިޔަވަޅުތައް އެޅުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވަނީ އެޗްއާރުސީއެމަށެވެ.

މީގެ ހަތަރު އަހަރު ކުރީގެ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވައި އަދި ކުޑަކުދިންގެ މައްސަލަތަކުގެ ހާލަތު މިހާރު އޮތް ގޮތް ރަނގަޅު ކުރަން އެޗްއާރުސީއެމުން އެއްވެސް މަސައްކަތެއް ނުކުރާތީ ވެސް އެ ކޮމިޝަނަށް މީހުން ގެންދަނީ ފާޑުކިޔަމުންނެވެ.

އެޗްއާރުސީއެމުން އެންމެ ފަހުން ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވި މައްސަލައާ ގުޅިގެން ޒެނީޝާ ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގާނޫނާ ހިލާފު އެއްވެސް އަމަލެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އެޗްއާރުސީއެމުގެ ތަހުގީގާއި މުޅި މައްސަލައަކީ ޒާތީވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"[އެޗްއާރުސީއެމުން] ވިދާޅުވާ މި މައްސަލައަކީ ޒާތީ ތައައްސުބުން އުފަންވެފައިވާ، ސައްހަ ނޫން އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ހިފައިގެން ހިންގުވާފައިވާ އަދި ގާނޫނީ ހަމަތަކާ މުޅިން ހިލާފަށް ހިންގާފައިވާ ހަރަކާތެއް ކަން މާތްﷲގެ ވާގިފުޅާއެކު ސާބިތުވެގެންދާނެ ކަމާ މެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަމެވެ،" ޒެނީޝާގެ ބަޔާނުގައިވެ އެވެ.