Roadha Mihaaru
ޑްރަގް މައްސަލާގައި އެންސީބީގެ ރާޑަރަށް އަނަންޔާ

ޑްރަގް މައްސަލާގައި އެންސީބީގެ ރާޑަރަށް އަނަންޔާ

23 އޮކްޓޯބަރ 2021

މަސްތުވާތަކެތީގެ މައްސަލައެެއްގައި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިއަން ޚާން ހައްޔަރު ކޮށްފައި ވަނިކޮށް، އެ މައްސަލައާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ އާ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީީ) އިން ސުވާލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަސްތުވާތަކެތީގެ މައްސަލައެެއްގައި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިއަން ޚާން ހައްޔަރު ކޮށްފައި ވަނިކޮށް، އެ މައްސަލައާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ އާ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީީ) އިން ސުވާލުކޮށްފި އެވެ.

މަޝްހޫރު އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅުގެ ގެ ބުރާސްފަތި ދުވަހު މެންދުރުގެ ވަގުތެއްގައި ރެއިޑްކޮށް، ފަހުން އަނަންޔާ އެންސީބީގެ އޮފީހަށް ހާޒިރުކޮށް، ދެ ގަޑިއެއްހާ އިރު ސުވާލުކޮށް ބަޔާން ނަގާފައިވެ އެވެ. އަދި އޭނާގެ ފޯނާއި ލެޕްޓޮޕް ވެސް އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. ހުކުރު ދުވަހު ހެނދުނުގެ ވަހުތެއްގައި ވެސް އަަންޔާއާ އަލުން އެންސީބީ އަށް ހާޒިރުކޮށް ތުހުމަތު ކުރެވޭ މައްސަލައާ ބެހޭ ގޮތުން ސުވާލު ކޮށްފައިވެ އެވެ.

އަނަންޔާ އެންސީބީ އަށް ހާޒިރުވަނީ.

އަނަންޔާ އެންސީބީ އަށް ހާޒިރުވަނީ.

މީޑިއާތަކުން ބުނީ އެންސީބީގެ ރާޑަރަށް އަނަންޔާ އެރީ އަރިޔަންއާ އެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެއްގެ ވަޓްސްއެޕް ޗެޓްތަކެއްގައި މަސްތުވާތަކެއްޗާ ގުޅުން ހުރި ވާހަކަތަކެއް ދެކެވިފައި ހުރިކަން އެނގުމާ ގުޅިގެންނެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އެންސީބީ އާއި އަނަންޔާގެ ފަރާތުން ވެސް އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެ އެވެ.

މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ކްރޫޒްލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ބަޔަކު ޕާޓީކުރާ ކަމަށް އެންސީބީ އަށް ލިބުނު ރިޕޯޓާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އަރިޔަން، 23، އާ އެކު އިތުރު ހަތް މީހަކު ހައްޔަރުކުރި އެވެ. މި އެންމެންނަކީ ވެސް އަރިޔަންގެ އުމުރުގެ ޒުވާނުންނެވެ. އަދި މިކަމާ ގުޅިގެން މުޅި ފޯކަސް ހުއްޓުފައި އޮތީ އޭނާއަށެވެ. ސަބަބަކީ އިންޑިއާގެ މަޝްހޫރު ތަރިއެއްގެ ދަރިއަކަށް ވުމެވެ.

އަރިއަން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު އޭނާގެ ކަފާލާތުގެ މައްސަލަ ކޯޓުން ވަނީ ތިން ފަހަރެއްގެ މަތިން ބަލައިނުގަނެ ބޭރުކޮށްފަ އެވެ. އެންމެ ފަހުން ކަފާލާތުގެ މައްސަލާގައި ގޮތެއް ނިންމީ ބުދަ ދުވަހު އެވެ.

މަސްތުވާތަކެތީގެ މި މައްސަލައިގެ ތެރެއަށް މިހާރު އަނަންޔާގެ ނަން ވަދެފައިވާ އިރު އޭނާ އަކީ އަރިއަނާއި އޭނާގެ ކޮއްކޮ ސުހާނާ ޚާންގެ ވަރަށް ގާތް އެކުވެރިއެކެވެ. އަދި އަނަންޔާގެ މަންމަ ބާވްނާ ޕާންޑޭ އަކީ އަރިޔަންގެ މަންމަ ގޯރީ ޚާންގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން އެކެކެވެ.

ބޮލީވުޑްގެ އުންމީދީ ބަތަލާއެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ އަނަންޔާ، 22، އަކީ 2019 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ.