Roadha Mihaaru
ޖަޕާނުގެ އާ ބޮޑުވަޒީރުގެ އިމްތިހާނީ އިންތިހާބު ކުރިއަށް

ޖަޕާނުގެ އާ ބޮޑުވަޒީރު ވަކަރަށް ޖަހައިލުމުގެ އިންތިހާބު ކުރިއަށް

31 އޮކްޓޯބަރ 2021

ދާދި ފަހުން މަގާމާ ހަވާލުވެވަޑައިގެންނެވި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާގެ ސިޔާސީ ގާބިލުކަމާ މެދު ރައްޔިތުން ދެކޭ ގޮތް ދައްކައިދޭނެ ވޯޓެއްގެ ގޮތުގައި ބެލެވޭ، އާންމު އިންތިހާބުގެ ވޯޓުލުން ޖަޕާނުގެ ހުރިހާ ސަރަހައްދެއްގައި މިހާރު އެބަ ކުރިއަށް ދެ އެވެ.

ދާދި ފަހުން މަގާމާ ހަވާލުވެވަޑައިގެންނެވި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާގެ ސިޔާސީ ގާބިލުކަމާ މެދު ރައްޔިތުން ދެކޭ ގޮތް ދައްކައިދޭނެ ވޯޓެއްގެ ގޮތުގައި ބެލެވޭ، އާންމު އިންތިހާބުގެ ވޯޓުލުން ޖަޕާނުގެ ހުރިހާ ސަރަހައްދެއްގައި މިހާރު އެބަ ކުރިއަށް ދެ އެވެ.

ބޮޑުވަޒީރު ފުމިއޯ ކިޝީޑާގެ އިތުރުން، މިއަދުގެ އިންތިހާބަކީ، ދިގު މުއްދަތަކަށް ވެރިކަން ކުރަމުން އަންނަ ކޮންޒަވޭޓިވް ޕާޓީ އަށް ވެސް ކުރިމަތިވާނެ ވަރަށް ވަރުގަދަ އިމްތިހާނަކަށް ވާނެ އެވެ. މިއަދުގެ އިންތިހާބަކީ، މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ވަބާއިން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށް ބުނެ، އެ ޕާޓީއަށް ކުރިމަތިކުރަމުން އަންނަ ފާޑިކިޔުންތަކާ މެދު، ރައްޔިތުން ދެކޭ ގޮތް އެނގިގެންދާނެ އިންތިހާބެކެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލުން ކުރިއަށް ދަނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ 465 ގޮނޑި އަށް މެމްބަރުން ހޮވުމަށެވެ. ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ދެ ގޭގެ ތެރެއިން، އެންމެ ބާރު ގަދަ ގެއަކީ ތިރިގެ އެވެ.

ކުރީގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސޫގާގެ ބަދަލުގައި، މިމަހުގެ ކުރީކޮޅު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފުމިއޯ ކިޝީޑާ، އިންތިހާބެއް އިއުލާން ކުރެއްވީ، އޭނާގެ ކޮންޒަވޭޓިވް ޕާޓީ އާއި އޭނާގެ ސަރުކާރަށް ރައްޔިތުންގެ މެދުގައި އިތުބާރު އޮތް މިންވަރު ދެނެގަތުމަށެވެ.

އުމުރުން 64 އަހަރުގެ ބޮޑުވަޒީރު ވައުދުވެވަޑައިގެންފައިވަނީ، ކޮވިޑް ވަބާ އިން ލިބުނު ގެއްލުންތައް ފޫބެއްދުމުގެ ގޮތުން އިގްތިސާދު އިއާދަކުރުމުގެ ޕެކޭޖެއް އިއުލާން ކުރެއްވުމަށެވެ. އަދި މިހާރަށް ވުރެ އިންސާފުވެރި ގޮތަކަށް ރައްޔިތުންގެ މެދުގައި ދައުލަތުގެ މުއްސަނދިކަން ބެހިގެންދާނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ވެސް އޭނާ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ދޮޅު އަހަރެއްހާ ދުވަހު، ކޮންޒަވޭޓިވް ޕާޓީގެ ސަރުކާރުން ކޮވިޑާ ދެކޮޅަށް ކުރި މަސައްކަތުން ނަތީޖާއެއް ހާސިލްނުކުރެވުނު ކަމަށް ރައްޔިތުން ދެކޭއިރު، މިއަދުގެ އިންތިހާބުގައި އެ ޕާޓީއަށް ކާމިޔާބު ލިބުނަސް، ގައުމަށް އަންނާނެ މާ ބޮޑު ބަދަލެއް ނެތް ކަމަށް، ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަ އެވެ. މިހާތަނަށް ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، މިއަދުގެ އިންތިހާބުގައި، ކޮންޒަވޭޓިވް ޕާޓީ އަށް މާ ބޮޑު ކާމިޔާބެއް ނުލިބޭނެ އެވެ.

ނަމަވެސް، އެ ޕާޓީއާ ގުޅިފައިވާ ކޮމެއިޓޯ ޕާޓީގެ މަދަދާއެކު، ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ފުރިހަމަ ކޮންޓްރޯލް، ކޮންޒަވޭޓިވް ޕާޓީން ހޯދާނެ ކަމަށް ބެލެވެ އެވެ.

މިފަހަރުގެ އިންތިހާބުގެ ކެމްޕޭން ވެސް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި އޮތީ ކޮވިޑުން ރައްކާތެރިވުމަށް ގެންގުޅޭނެ ސިޔާސަތުގެ މައްޗަށެވެ. އޭގެ އިތުރުން، ގައުމުގެ އިގްތިސާދު ރަނގަޅުކުރުމަށް ގެންގުޅޭނެ ސިޔާސަތުގެ މައްޗަށެވެ.

އިރުމަތީ އޭޝިޔާގައި އެންމެ ކުރިއަރަމުން އައި ޖަޕާނުގެ އިގްތިސާދަށް މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ބޮޑު ހީނަރުކަމެއް އައީ، ކޮވިޑް ވަބާގެ ސަބަބުންނެވެ. އެހެންކަމުން، ވޯޓުލުމުގައި ވެސް ބޮޑަށް އިސްކަން ދޭނީ، ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެންމެ ރަނގަޅު ސިޔާސަތެއް ގެންގުޅޭ ބަޔަކަށް ކަމަށް، އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަ އެވެ.