Roadha Mihaaru
އިންޑިއާ ސިފައިންގެ ފަރާތުން މިނިވަންކަމަށް ހުރަހެއްނެތް

އިންޑިއާ ސިފައިންގެ އަތަކު ހަތިޔާރެއް ނެތް، އިސްތިގުލާލެއް ނުގެއްލޭނެ: މާރިޔާ

03 ނޮވެމްބަރ 2021

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ހަތިޔާރު ނުގެންގުޅޭ ކަމަށާއި، އެ މީހުން ތިބެގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގުޑުމެއް ވެސް ނާންނާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ހަތިޔާރު ނުގެންގުޅޭ ކަމަށާއި، އެ މީހުން ތިބެގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގުޑުމެއް ވެސް ނާންނާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

"ރާއްޖެޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު އިދިކޮޅު ފަރާތްތަކުން ވެސް އިސްތިގުލާލު ގެއްލެނީއޭ ގޮވަގޮވާ ތިބީ ވެސް ހަމަ މިނިވަން ކަމާ އެކު އެވެ. އަދި އިންޑިއާ ސިފައިންގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުމެއް އަރާތަން ފެނިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭއިރު އެ މީހުންނެއް ހަތިޔާރެއް ނުގެންގުޅޭ. އެ މީހުން ކުރާ މަސައްކަތެއް ވެސް އެ ކުރަނީ އަޅުގަނޑުމެންގެ ރާއްޖެއިން އެ ހުއްދަ ދިނީމަ. އެ މީހުން ރާއްޖޭގައި އެ ތިބޭ މުއްދަތަކީ ވެސް އަޅުގަނޑުމެން ހުއްދަ ދިނީމަ ތިބެވޭ މުއްދަތެއް،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާއިން ހުރިހާ ހަރަދެއް ކޮށްގެން ދިވެހި ސިފައިން އިންޑިއާ އަށް ގޮސް ތަމްރީނު ވަނީ ވެސް ރާއްޖޭގެ ފައުޖުތައް ވަރުގަދަވެ، އެހެން ގައުމުތަކުގެ މީހުން އައިސް ރާއްޖެ އަށް ނުފޫޒު ނުފޯރުވޭގޮތަށް ހަދަން އިންޑިއާއިން ބޭނުންވާތީ އެވެ.

"އެންމެ ފަހުން އަޅުގަނޑު އިންޑިއާ އަށް ކުރި ދަތުރުގައި، އިންޑިއާގެ ޑިފެންސް މިނިސްޓަރު އަޅުގަނޑު ގާތު ވިދާޅުވީ ރާއްޖޭގެ ފައުޖުތައް ވަރުގަދަވެ ރާއްޖޭގެ ސަލާމަތްތެރިކަން އިތުރުވުމަކީ، އިންޑިއާގެ ސަލާމަތްތެރިކަން ރައްކާތެރިވުމޭ،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ވެސް އޮޕަރޭޓްކުރަނީ އެމްއެންޑީއެފްގެ ކޮމާންޑަށް އެކަނި ކަމަށެވެ. ރާއްޖެ އަށް އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އިންޑިއާގެ އެހީގައި އަތުލައިގަންނަމުންދާކަން ފާހަގަކުރައްވައި، "އިންޑިއާ އައުޓް" ހަރަކާތަކީ ވަކި ފަރާތަކުން ފަންޑުކޮށްގެން ހިންގާ ހަރަކާތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ޑްރަގް އެތެރެކުރާ މީހުން ކަންބޮޑުވާނެ މަތިންދާ ބޯޓެއް ވެސް ބޭނުންކޮށްގެން އަޅުގަނޑުމެން ބޭނުން ވަރަކަށް ސަވޭލަންސް ހެދެންޏާ. ހީނުކުރާ ވަރަށް ބޮޑެތި މީޑިއާތަކުން ވެސް ހަމައެކަނި އެއް ވާހަކައެއް ދައްކާލަދައްކާލާ ތިބެވެނީ ކޮންމެވެސް ވަރެއްގެ ފަންޑެއް ލިބޭތީ،" މާރިޔާ ވިދާޅުވި އެވެ.