ރާއްޖޭގެ އެންމެ ރީތި އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅު ކަމަށްވާ ބ. ކުޑަރިކިއްޔަށް ޒިޔާރަތް ކުރާ ނަމަ އެ ރަށުގެ ތާރީހީ ހުކުރު މިސްކިތަކީ ހަމަގައިމު ވެސް ބަލާލުން މުހިއްމު ތަނެކެވެ. ފެންނަ ފެނުމަށް މިއީ ވާހެދިފައިވާ، އޭގެ މާބޮޑު އަގެއް ނެތް ތަނެއްގެ ގޮތުގައި ހީވެދާނެ އެވެ. އެކަމަކު ހަގީގަތުގައި މިއީ މުޅި ރާއްޖެ އަށް ބެލި ނަމަވެސް އިމާރާތް ކުރުމުގެ ފަންނުގައި ފާހަގަކޮށްލެވޭ ފަދަ ތަނެކެވެ. މިހާރު މި މިސްކިތުގައި ނަމާދު ނުކުރިޔަސް އަދި ބާ މިސްކިތޭ މީހުން ކީ ނަމަވެސް މިއީ ސަގާފީ ގޮތުންނާއި ތާރީހީ ގޮތުން ނުހަނު އަގުހުރި ތަރިއެކެވެ. "މިހާރު" ގެ ފޮޓޯގްރާފަރު ނިޝާން އަލީގެ ކެމެރާ ލެންސުން ކިޔުންތެރިންނަށް މި ފޯރުކޮށްދެނީ މި މިސްކިތުގެ ވާޗުއަލް ޓުއާއެކެވެ.
ރާއްޖޭގެ އެންމެ ރީތި އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅު ކަމަށްވާ ބ. ކުޑަރިކިއްޔަށް ޒިޔާރަތް ކުރާ ނަމަ އެ ރަށުގެ ތާރީހީ ހުކުރު މިސްކިތަކީ ހަމަގައިމު ވެސް ބަލާލުން މުހިއްމު ތަނެކެވެ. ފެންނަ ފެނުމަށް މިއީ ވާހެދިފައިވާ، އޭގެ މާބޮޑު އަގެއް ނެތް ތަނެއްގެ ގޮތުގައި ހީވެދާނެ އެވެ. އެކަމަކު ހަގީގަތުގައި މިއީ މުޅި ރާއްޖެ އަށް ބެލި ނަމަވެސް އިމާރާތް ކުރުމުގެ ފަންނުގައި ފާހަގަކޮށްލެވޭ ފަދަ ތަނެކެވެ. މިހާރު މި މިސްކިތުގައި ނަމާދު ނުކުރިޔަސް އަދި ބާ މިސްކިތޭ މީހުން ކީ ނަމަވެސް މިއީ ސަގާފީ ގޮތުންނާއި ތާރީހީ ގޮތުން ނުހަނު އަގުހުރި ތަރިއެކެވެ. "މިހާރު" ގެ ފޮޓޯގްރާފަރު ނިޝާން އަލީގެ ކެމެރާ ލެންސުން ކިޔުންތެރިންނަށް މި ފޯރުކޮށްދެނީ މި މިސްކިތުގެ ވާޗުއަލް ޓުއާއެކެވެ.
މިސްކިތް އިމާރާތްކޮށްފައިވަނީ ހިޖުރީ ސަނަތުން 1325 (މީލާދީން 1907) ގަ އެވެ. މިސްކިތް ފަރުމާކުރެއްވީ ކުޑަރިކިލު ނައިބު މުހައްމަދު ކަލޭފާނު ނުވަތަ "ހުދު ކަތީބު" އެވެ. އޭނާއަކީ ކުޑަރިކިލުގެ ކަތީބުކަމާއި އަތޮޅުގެ އެހެން ބައެއް ރަށްރަށުގެ ނާއިބުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ކުޑަރިކިލު ނައިބު މުހައްމަދު ކަލޭފާނު އިދާރީ އަދި ޝަރުއީ ދާއިރާގެ ގާބިލު ބޭފުޅެއްގެ އިތުރުން، އުވައިން އިމާރާތްކުރުމުގެ މަސައްކަތުގައި ވެސް މުޅި ރާއްޖޭގައި އޭރު ހުރި އެންމެ ކުޅަދާނަ އެކެކެވެ. އޭނާގެ އެހެނިހެން މަޝްހޫރު މަސައްކަތްތަކުގެ ތެރޭގައި މާލޭ އަތޮޅު ފިހާރަ ބަރި އާއި ބ. ކެންދޫ މަގާމުފުޅު އަދި މާލޭ މެދުޒިޔާރަތުގެ އުވައިގެ މަސައްކަތް ހިމެނެ އެވެ.
ކުޑަރިކިލު ހުކުރު މިސްކިތުން ފެންނަ ފަންނުވެރިކަމުގެ ތެރޭގައި ލަކުޑިން ބިންވަޅު ކަނޑައި ވޮފަނަގައި ކުރެހުން އަޅާފައިވާ ބޮޑެތި އަދި ކުދި ދޮރުތައް ފާހަގަކޮށްލެވެ އެވެ. ޖާލިތައް ވެސް ލަކުޑިން ބިންވަޅު ކަނޑައި ވެޔޮ ގަނޑު އަޅާފައިވާކަން ފާހަގަކުރެވެ އެވެ. މިސްކިތުގެ ދޮރުތައް ތައްޔާރު ކޮށްފައިވަނީ ކާނި އާރާއި ހައިވަކަރު ލަކުޑިން ކަމަށް ވުމަކީ ވެސް ހާއްސަ ސިފައެކެވެ.
އެކަމަކު މި މިސްކިތުގެ އެންމެ ފާހަގަކޮށްލެވޭ ހާއްސަ ސިފަތަކުގެ ތެރޭގައި ހިމެނެނީ މިސްކިތަށް ވަންނަ ދޮރުމަތީގައި ހުރި ދެ ދާލަ އާއި ވަށައިގެން އެނބުރޭ ގޮތަށް ނަމާދު ވަގުތުތައް ލިޔެ ވަގުތު ކަށި ހަރުކޮށްފައިވާ ބުރު، އަދި ހަމައެފަދައިން ވަށައިގެން އެނބުރޭ ގޮތަށް ބަންގި ލިޔެ ކުރެހުން އަޅާފައިވާ ބުރެވެ.
ކުކުޅު ބިހެއްގެ ސިފައިގައި ފެންނަ މި ގާ ބަހައްޓާފައިވަނީ، އޭގެ ބައްޓަމަށް ހާއްސަކޮށް ކަނޑާފައިވާ ޖާގައެއްގަ އެވެ. މި ގާ އެ ޖާގައިގައި ހަރުކޮށްފައިވަނީ ފެންނަ ފެނުމަށް އިތުރު އެއްވެސް އާލާތެއް ބޭނުންނުކޮށް، ނަމަވެސް އެ ޖާގަ އަށް ފުރިހަމަ އަށް ފެތި، ހުރިހާ ދިމާލަކަށް އެނބުރޭ ގޮތަށެވެ.
މި ގަލާ މެދު ދެ ހިޔާލެއް އޮވެއެވެ. އެއް ބަޔަކު ދެކޭގޮތުގައި މިއީ ހިރިގަލުގެ މަސައްކަތެކެވެ. އަނެއް ބަޔަކު ދެކޭގޮތުގައި މިއީ އުވަ ގަލެކެވެ. މި ގާ ބެހެއްޓުމާ ގުޅޭގޮތުން، މިސްކިތް ރާނާ ނިމުމަށް ފަހު ގާ ބެހެއްޓީތޯ ނުވަތަ ގާ ބަހައްޓާފައި ދެން ރޭނީތޯ އާ މެދު ވެސް ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވެ އެވެ.
މި ހާއްސަ ގަލުގެ ފަރުމާއިން ގެފުޅުގެ ހަޖަރުލްއަސްވަދުގެ ސިފަ ފެންނަ ކަމަށް ބައެއް މީހުން ފާހަގަކުރެ އެވެ. ބައެއް މީހުންގެ ނަޒަރުގައި، މިއީ ހައްޖަށް ގޮސް ހަޖަރުލްއަސްވަދު ދެކެ، އޭގެ ފަރުމާ އަށް ތައްޔާރުކޮށްފައިވާ ގަލެކެވެ.
ކުޑަރިކިލު އަރުތަ އިބްރާހީމް އަބޫބަކުރުފުޅުގެ ވިދާޅުވާ ގޮތުގައި އެނބުރޭ ގާ ރާނާފައިވަނީ ހަތާ ގާ ބޭނުންކޮށްގެން، އޭގެ ބޭރުން އުވަ ޖަހައިގެންނެވެ. އުވަ ތައްޔާރު ކޮށްފައިވަނީ ސާގާއި ދިޔާ ހަކުރުފެން ބޭނުންކޮށްގެންނެވެ. އުވައިގެ ތެރެއަށް ބްލޫނީ އަޅާފައިވާ ކަމަށާއި ގަލަށް އަރާފައިވާ ނޫ ކުލައަކީ ބްލޫނީގެ އަސަރު ކަމަށް އޭނާ ވިދާޅުވި އެވެ. އެނބުރޭ ގަލާ އެއްވަރަށް މިސްކިތުގެ ފާރު ވެސް ރާނަމުން ދިޔަ ކަމަށާއި ގަލުގެ ލޮއިގެ ދެ ރޮޑު ޖަހާފައި ހުންނާނެ ކަމަށާއި އެނބުރެނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މައުލޫމާތު އިބްރާހީމްފުޅަށް ލިބިވަޑައިގެންފައިވަނީ މުހައްމަދު ކަލޭފާނުގެ އަރިހުންނެވެ.
މި ގަލުގެ ނަމޫނާއެއް ދިވެހިބަހުގެ އެކެޑަމީގެ ރިސެޕްޝަނުގައި ބަހައްޓާފައި ހުރެ އެވެ. މިއީ ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ފަންނުގެ މާސްޓާޕީސްއެއް ކަމުން، މި ނަމޫނާ އިން ވެސް އެ ގަލުގެ ހާއްސަ ކަމާއި އަޖާއިބުކަން ފާހަގަކުރެވޭނެ އެވެ.
ނަމަވެސް ހިތާމައަކީ 1993 ވަނަ އަހަރު ކުޑަރިކިލުގައި އާ މިސްކިތެއް ބޭނުންކުރަން ފެށުމާ އެކު، މި ތާރީހީ މިސްކިތް ބޭނުންކުރުން ހުއްޓާލައި، އޭގެ ފަހުން މިސްކިތް ބާވެ ހަލާކުވާން ދޫކޮށްލާފައިވާ ކަމެވެ. ސަރުކާރުން 2019 ވަނަ އަހަރު މިސްކިތުގެ މަތީ ފުރާޅު ބަދަލުކުރި ނަމަވެސް މިހާރު މިސްކިތް ވަނީ ވާހެދި، ބާވެ، ގެއްލުން ލިބިފައިވާ ހާލަތެއްގަ އެވެ. މިސްކިތުގެ ހަރިންމަގެ ތެރޭގައިވާ މަހާނަ ގާތަކަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.
މި ފަދަ ތާރީހީ އަދި ސަގާފީ އަގުހުރި ތަރިކައެއް ހިމާޔަތްކޮށް ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ ގައުމީ ޒިންމާއެކެވެ. މި މިސްކިތް މަރާމާތުކޮށް، އޭގެ އަސްލު ސިފަ ދަމަހައްޓައި، ޓޫރިޒަމްގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަކީ ވިސްނާލަންޖެހޭ ކަމެކެވެ.
ވާދޫގައި "އަނދިރިއަނދިރިންގެ މަންމަ"
ކުޑަރިކިލު ގޮނޑުދޮށުގައި ގޮވި 'ރިހި ސިލިންޑަރު'
ޑަބްލިއުޑީސީން ހޯދީ މިރަށު ހުރިހާ އަންހެނުންނަށް ވަޒީފާ
ނިކަމެތި ހާލާ މެދު ދުއާ ކުރަނިކޮށް ލިބުނު ނިއުމަތް
ކުނިގޮނޑަކުން އުފަންވި "ކަދުރު ޕާކް" ގެ ވާހަކަ
ރިނބުދޫ އިން އެހެން މަންޒަރެއް
ތޮއްޑޫން ފެހިކަމާއި ކުރިއެރުން: ނަމޫނާ ރަށެއް
ދާލުގެ ހިތުގައި މި ފަށަނީ ޓޫރިޒަމްގެ ވިންދު
މާފަރު ދަނޑުތައް ފައްކާވެފައި، ނެތީ ވިއްކޭނެ ގޮތެއް!
އެސްޓީއޯއިން ހޯލްސޭލުކޮށް ކާށި ވިއްކަނީ