Roadha Mihaaru
އާތިޔާ އާއި ރާހުލްގެ ގުޅުން މިހާރު ކަށަވަރު

އާތިޔާ އާއި ރާހުލްގެ ގުޅުން މިހާރު ކަށަވަރު

07 ނޮވެމްބަރ 2021

އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާ ޝެޓީ އާއި އިންޑިއާގެ ކްރިކެޓް ތަރި ކޭއެލް ރާހުލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުން އެކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާ ޝެޓީ އާއި އިންޑިއާގެ ކްރިކެޓް ތަރި ކޭއެލް ރާހުލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުން އެކަށަވަރުކޮށް ދީފި އެވެ.

އެ ދެ މީހުންގެ ލޯބީގެ ވާހަކަ 2019 އިން ފެށިގެން ދެކެވެމުން އަންނަ އިރު، ފަހަކަށް އައިސް ދެ މީހުންގެ ވެސް އިންސްޓަގްރާމްގައި އާންމުކުރާ ޕޯސްޓްތަކުން އެ ގުޅުމުގައި އެކުވެރިކަމަށް ވުރެ ހާއްސަ ގުޅުމެއް އޮތް ކަމަށް މީޑިއާތަކުން ދިޔައީ ތުހުމަތު ކުރަމުންނެވެ. އަނެއްކޮޅުން ރާހުލްއާ ބެހޭ ގޮތުން ސުނިލް މިހާތަނަށް ދައްކާފައިވާ ބައެއް ވާހަކަތަކުން ވެސް ރާހުލް އާއި އާތިޔާގެ ގުޅުމަށް އޭނާ ވެސް ރުހޭކަން ހާމަވެ އެވެ.

އާތިޔާ އާއި ރާހުލްގެ ގުޅުން ކަށަވަރުކޮށް ދީފައި މި ވަނީ ހުކުރު ދުވަހު ފާހަގަކުރި އާތިޔާގެ 29 ވަނަ އުފަން ދުވަހާ ދިމާކޮށް ރާހުލް ކުރި ޕޯސްޓެއްގަ އެވެ. ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯގެ ކެޕްޝަނަކަށް ލިޔެފައި އިނީ "ހެޕީ ބާތު ޑޭ މައި ލަވް" އެވެ. ލަވް އިނީ ހިތުގެ އިމޯޖީއަކުންނެވެ. އެއަށް އާތިޔާ ރައްދު ދީފައި އިނީ ހުދު ކުލައިގެ ހިތަކާއި އާތު އިމޯޖީއަކުންނެވެ.

އާތިޔާ އާއި ރާހުލް ކައިވެންޏަކާ ހަމައަށް ދިއުންވެގެން ދާނީ އިންޑިއާގެ ބަތަލާއިންނާއި ކްރިކެޓް ތަރިންގެ ކައިވެނީގެ ލިސްޓަށް އިތުރުވާ ޖޯޑަކަށެވެ. މިހާރު އެފަދަ ޖޯޑުތަކުގެ ތެރޭގައި އަނުޝްކާ ޝަރުމާ އާއި ވިރާޓް ކޯލީ، ޔުވްރާޖް ސިންގް އާއި ހޭޒެލް ކީޗް، ހަރްބަޖަން ސިންގް އާއި ގީތާ ބަސްރާ، ޒަހީރު ޚާނާއި ސަގަރިކާ ގަޓްގީ އަދި ހާޑިކް ޕާންޑިއާ އާއި ނަތާޝާ ސްޓަންކޯވިކް ފާހަގަ ކޮށްލެވެ އެވެ.

އާތިޔާ އަކީ 2015 ގެ "ހީރޯ" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ. އެކަމަކު އޭނާ އަށް މިހާތަނަކަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައެއް ނުވެ އެވެ. ކުޅޭނެ ފިލްމެއް މިހާރު ނުވެސް ލިބޭ ބަތަލާ މިހާތަނަށް ކުޅުނީ އެންމެ ތިން ފިލްމެކެވެ. އެއީ "ހީރޯ" ގެ އިތުރުން 2019 ގެ "މޯޓީޗޫރް ޗަކްނަޗޫރް" އާއި 2016 ގެ "މުބާރަކަން" އެވެ.