Roadha Mihaaru
ޝާހްރުކް ކުޅެނީ ހުސް އެއްކަހަލަ ފިލްމުތަކެއް: މަހޭޝް

ޝާހްރުކް ކުޅެނީ ހުސް އެއްކަހަލަ ފިލްމުތަކެއް: މަހޭޝް

08 ނޮވެމްބަރ 2021

ޝާހްރުކް ޚާން މުޅިން ވެސް ކުޅެނީ އެއްކަހަލަ ފިލްމުތަކެއް ކަމަށާއި އެކަން އޭނާ ދެން ބަދަލުކޮށްގެން ނޫނީ ޝާހްރުކްގެ ފިލްމުތަކަށް ދެން ބެލުންތެރިން މާ ބޮޑު ސަމާލުކަމެއް ނުދޭނެ ކަމަށް އެކްޓަރު/ޑައިރެކްޓަރު މަހޭޝް މަންޖްރޭކަރް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ޚާން މުޅިން ވެސް ކުޅެނީ އެއްކަހަލަ ފިލްމުތަކެއް ކަމަށާއި އެކަން އޭނާ ދެން ބަދަލުކޮށްގެން ނޫނީ ޝާހްރުކްގެ ފިލްމުތަކަށް ދެން ބެލުންތެރިން މާ ބޮޑު ސަމާލުކަމެއް ނުދޭނެ ކަމަށް އެކްޓަރު/ޑައިރެކްޓަރު މަހޭޝް މަންޖްރޭކަރް ބުނެފި އެވެ.

މި މަހުގެ 26 ގައި ރިލީޒްކުރާ ސަލްމާން ޚާންގެ "އަންތިމް: ދަ ފައިނަލް ޓުރުތު" ގެ ޑައިރެކްޓަރު ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ޝާހްރުކްގެ މުޅި ކެރިއަރަށް ބަލައިފި ނަމަ މުޅިން ވެސް ހުރީ ދާދި އެއްކަލަ ފިލްމުތަކެއް ކަމަށެވެ. ޝާހްރުކް ބޮޑަށް މަޝްހޫރުވީ ލޯބީގެ ރޯލުތަކަށް ފައްކާ އެކްޓަރެއްގެ ގޮތުގަ އެވެ. އޭނާގެ ކެރިއަރުގެ އެންމެ ފާހަގަ ކޮށްލެވޭ ގިނަ ފިލްމުތަކީ ވެސް ލޯބީގެ ފިލްމުތަކެވެ.

މަހޭޝް ބުނި ގޮތުގައި އުމުރުން މިހާރު 56 އަހަރުގެ އެކްޓަރުގެ ހޮވުންތައް ދެން ބަދަލު ކޮށްގެން ނޫނީ، ބެލުންތެރިން ކުރިން ދިން ވަރުގެ ސަޕޯޓެއް ޝާހްރުކަކަށް ނުލިބޭނެ އެވެ.

"އަދިވެސް ރަންބީރް ކަޕޫރާއި ރަންވީރު ސިންގް ކަހަލަ އެކްޓަރުންގެ ސްޓައިލްގެ ރޯލުތަކަށް ޝާހްރުކް ބޮޑަށް އިސްކަން ދެނީ. އެކަން ބަދަލުކުރަން ޖެހޭ. އަހަންނަށް ހީވާ ގޮތުން އަބަދު އެއްކަހަލަ ފިލްމުތަކެއް ކުޅޭތީ އެކަމަށް އާދަވެ، ޝާހްރުކް ޖެހިލުންވޭ ތަންކޮޅެއް ތަފާތު އެއްޗިއްސާ ހަވާލުވާން ވެސް." މަހޭޝް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި ސަބަބާ ހުރެ، ޝާހްރުކަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އޭނާގެ އަސްލު ހުނަރު އަދިވެސް ނުދެއްކި ހުރި އެކްޓަރެކެވެ.

"އަމިއްލަ ޓެލެންޓް ނެރެ، އެކްޓަރެއްގެ ގޮތުގައި ހުރި ހަގީގީ ފެންވަރު ދައްކައިލަން ޝާހްރުކް އެބަޖެހޭ އޭނަގެ ކޮންފަޓް ޒޯނުން ވެސް ނުކުންނަން. އެކަމަކު އެކަން ކުރަން ޖެހިލުންވެ، އޭނާގެ އަސްލު ހުނަރު އިންސާފުކޮށް ނުދެވި އޮތް ކަމަށް އަހަރެން ގަބޫލު ކުރަނީ." މަހޭޝް ބުންޏެވެ.

އޭނާ ބުނީ ކާމިޔާބު އެތައް ފިލްމެއް މިހާތަނަށް ކުޅެފައިވާ ޝާހްރުކަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ މާ ސީދަލަށް ނޫން މަހޭޝް ބުނެފައި ވަނީ ޝާހްރުކް އާންމުކޮށް ކުޅެނީ އޭނާގެ އަސްލު އުމުރާ ވެސް ނުގުޅޭ ކަހަލަ ރޯލުތައް ކަމަށެވެ.

"ރަންބީރް އާއި ރަންވީރު ކަހަލަ އެކްޓަރުންނާ ގުޅޭ ކަހަލަ ރޯލުތައް ޝާހްރުކް ކުޅޭ ކަމަށް ވަންޏާ ބެލުންތެރިން ހަގީގަތުގައި އޭނަގެ ފިލްމުތައް ބަލަން ޝައުގުރިވާނެ ސަބަބެއް ވެސް ނެތް،" މަހޭޝް ބުންޏެވެ. "އަހަރެންގެ ނަޒަރުގައި ބެލުންތެރިން މިހާރު ދެން ޝާހްރުކްގެ ފަރާތުން އުންމީދު ކުރާނީ ތަންކޮޅެއް ތަފާތު އެއްޗިއްސަށް. އެހެންވެ އެބަޖެހޭ އެކަމާ ދޭތެރޭ އޭނަ ފުންކޮށް ވިސްނާލަން."

ޝާކްރުކްގެ މި ފަހުން ރިލީޒްވި ހުރިހާ ފިލްމުތަކަކީ ވެސް ވަރަށް ނާކާމިޔާބު ފިލްމުތަކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ޒީރޯ" އެވެ.

އޭގެ ފަހުން އެކްޓިންއާ ދުރުގައި ހުންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މިހާރު އޮތީ ދެ ފިލްމެއްގެ މަސައްކަތް ފަށައިފަ އެވެ. އެއީ ޑައިރެކްޓަރު ސިދާތު އާނަންދުގެ އެކްޝަން ތުރިލާ "ޕަތާން" އާއި ތަމަޅަ ޑައިރެކްޓަރު އެޓްލީގެ މަސާލާ ފިލްމު އަދި ޑަބަލް ރޯލެއް ކުޅޭ "ލަޔަން" އެވެ.

މި ދެ ފިލްމަށް ފަހު ޝާހްރުކް ކުޅެން އޮތީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ސޯޝަލް ކޮމެޑީއެކެވެ.