Roadha Mihaaru
މަރުގެ އެތިފަހަރަކުން އިރާގުގެ ބޮޑުވަޒީރު ސަލާމަތްވެއްޖެ

މަރުގެ އެތިފަހަރަކުން އިރާގުގެ ބޮޑުވަޒީރު ސަލާމަތްވެއްޖެ

07 ނޮވެމްބަރ 2021

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ އަވަހާރަ ކޮށްލަން ދިން ނުރައްކާތެރި ހަމަލާއަކުން، އޭނާ ސަލާމަތްވެއްޖެ ކަމަށް، އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން މިއަދު ބުނެފި އެވެ.

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ އަވަހާރަ ކޮށްލަން ދިން ނުރައްކާތެރި ހަމަލާއަކުން، އޭނާ ސަލާމަތްވެއްޖެ ކަމަށް، އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން މިއަދު ބުނެފި އެވެ.

އިރާގުގެ ސަރުކާރުން ބުނީ، މިއަދު ފަތިސްވާން ކައިރިވެފައި ހުއްޓައި ދިން އެ ހަމަލާގައި، ބޮޑުވަޒީރު އަވަހާރަކޮށްލަން އުޅުނީ، ގޮވާތަކެތި ހަރުކޮށްފައި އޮތް ޑްރޯންއެއް ބޭނުންކޮށްގެން ކަމަށެވެ. ވެރިރަށް ބަގުދާދުގައި އޮންނަ ގްރީން ޒޯނުގައި ހުންނަ ގެކޮޅުގައި ކާޒިމީ އުޅުއްވަނިކޮށް، އެ ގެ މައްޗަށް ޑްރޯން ވައްޓާލައި ގޮއްވައިލި ނަމަވެސް، ބޮޑުވަޒީރު ކާޒިމީ އަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް އިރާގުގެ ސަރުކާރުން ބުންޏެވެ.

"ކުރިން ވެސް އަދި މިއަދު ވެސް މި ހުރީ އިރާގު ރައްޔިތުންނަށްޓަކައި ފިދާވާން ތައްޔާރަށް. ގަދަރުވެރިންގެ އެފަދަ ހަމަލާއަކުން މުއުމިނުންގެ އަޒުމެއް ނުގުޑާނެ. އަދި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް އިރާގު ސިފައިން ކުރަމުން އަންނަ މަސައްކަތަށް ވެސް ގުޑުމެއް ނާރާނެ،" ބޮޑުވަޒީރު ކާޒިމީ ކުރެއްވި ޓުވީޓެއްގައިވެ އެވެ.

"މާތް ﷲ އަށް ހަމްދު ހުރި. އަހަރެން މި ހުރީ ގަދަވެ ސަލާމަތުން. އެއްވެސް ރައްޔިތަކު ކަންބޮޑުވެ ހާސްވާނެ ކަމެއް ނެތް. އިރާގަށްޓަކައި ހުރިހާ ރައްޔިތުން ވެސް ހަމަޖެހިގެން ތިބުމަށް ގޮވައިލަން."

މި ހާދިސާއާ ގުޅިގެން އިރާގުގެ ސިފައިން މިހާރު ވަނީ ގްރީން ޒޯން ހިމެނޭ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކޮށްފަ އެވެ.

އަލްޖަޒީރާ އިން ބުނާގޮތުގައި، ކާޒިމީ އަވަހާރަ ކޮށްލަން މަސައްކަތް ކުރީ، ގޮވާތަކެތި ހަރުކޮށްފައިވާ ދެ ޑްރޯން ބޭނުންކޮށްގެންނެވެ. އޭގެ ތެރެއިން އެއް ޑްރޯން، ކާޒިމީ ދިރިއުޅުއްވާ ގެކޮޅު މައްޗަށް ވައްޓާލައި ގޮއްވައިލި އެވެ. އެއްޗެއް ގޮވި ބާރުގަދަ އަޑާއެކު، ދެން އިވެން ފެށީ ބަޑީގެ ހަމަލާތަކެއް ދޭން ފެށި އަޑެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އިރާގުގެ ސިފައިން ވަނީ ދެ ވަނަ ޑްރޯން އަށް ހަމަލާދީ ވައިގެ ތެރެއަށް ގޮއްވާލައިފަ އެވެ. މި ހަމަލާ ދިން އިރު، ބޮޑުވަޒީރު ގެކޮޅުގައި ނޫޅުއްވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ގްރީން ޒޯންގެ ތެރޭގައި ހުންނަ ބޭރު ގައުމުތަކުގެ ސަފީރުންގެ ގެތަކުގައި އުޅޭ ބައެއް މީހުން ބުނި ގޮތުގައި ބާރުގަދަ އެއްޗެއް ގޮވި އަޑު އިވުނެވެ. އަދި ބަޑީގެ ހަމަލާތަކެއްގެ އަޑު އިވުނެވެ.

އިރާގުގެ ސިފައިން ބުނިގޮތުގައި ގްރީން ޒޯން ތެރެއަށް ޑްރޯން ހަމަލާއެއް ދިން ނަމަވެސް، ގްރީން ޒޯންގެ ތެރެއަށް ވަދެގަންނަން ބަޔަކު މަސައްކަތެއް ނުކުރެ އެވެ. އަދި އެ ހިސާބުން ހަނގުރާމަވެރި ބައެއްގެ ހިލަމެއްވެސް ނުވާ ކަމަށް އިރާގުގެ ސިފައިން ބުންޏެވެ.

ބޮޑުވަޒީރު އަވަހާރަކޮށްލަން ދިން ހަމަލާ މި ނާކާމިޔާބުވީ، މިދިޔަ މަހުގެ ތެރޭގައި އިރާގުގައި ބޭއްވި އާންމު އިންތިހާބުގެ ނަތީޖާއާ ދެކޮޅު ހެދުމުގެ ގޮތުން ވެރިރަށް ބަގުދާދުގައި، މިދިޔަ ހުކުރު ދުވަހު އެއްވުންތަކެއް ބޭއްވުމުން، ގްރީން ޒޯންގެ ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފައި ވަނިކޮށެވެ. އީރާނުގެ މަދަދު ލިބޭ ޝީއީ ޖަމާއަތްތަކުން ބޭއްވި މި އެއްވުމުގެ ބައިވެރިންނާއި ގްރީން ޒޯންގެ ސަލާމަތީ ކަންތައް ބަލަހައްޓާ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމުގައި، އެކަކު މަރުވެ އެތައް ބަޔަކު ޒަހަމްވި އެވެ.