Roadha Mihaaru
އިރާގުގެ އިރްބީލަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް

އިރާގުގެ އިރްބީލަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް

13 މާޗް 2022

އިރާގުގެ އުތުރުގައި ކުރުދީންގެ ބާރުގެ ދަށުގައި އޮންނަ އިރްބީލް ކިޔާ ސަރަހައްދަށް، އިރާގުން ބޭރުން އިއްޔެ ފޮނުވައިލި ބެލިސްޓިކް މިސައިލްތަކެއް އަމާޒުވެއްޖެ އެވެ.

އިރާގުގެ އުތުރުގައި ކުރުދީންގެ ބާރުގެ ދަށުގައި އޮންނަ އިރްބީލް ކިޔާ ސަރަހައްދަށް، އިރާގުން ބޭރުން އިއްޔެ ފޮނުވައިލި ބެލިސްޓިކް މިސައިލްތަކެއް އަމާޒުވެއްޖެ އެވެ.

ކުރުދީންގެ ސަރަހައްދީ ސަރުކާރުން ބުނި ގޮތުގައި އެ ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. މިއީ އީރާނުން ދިން ހަމަލާއެއް ކަމަށް އެމެރިކާ އިން ބުނި ނަމަވެސް، އެއްވެސް ހަނގުރާމަވެރި ޖަމާއަތަކުން މި ހަމަލާގެ ޒިންމާ މިހާތަނަކަށް ނުއުފުލަ އެވެ.

އިރްބީލްގެ ގަވަރުނަރު އިމަދު ޚެޝްނޫ ވިދާޅުވި ގޮތުގައި އިރްބީލްގައި ހުންނަ އެމެރިކާގެ ކޮންސުލޭޓަށް އިއްޔެ ވަނީ ޓެރަރިސްޓް ހަމަލާއެއް ދީފަ އެވެ. އެމެރިކާގެ ހާރިޖިއްޔާ އިން ބުނި ގޮތުގައި އިރްބީލްގައި ހުންނަ އެމެރިކާގެ ކޮންސުލޭޓަށް އަމާޒުކޮށް ދިން ބެލިސްޓިކް މިސައިލްގެ ހަމަލާއަކީ ވަރަށް ފިނޑި އަމަލެކެވެ.

މި ހަމަލާގައި ކޮންސުލޭޓްގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އަދި ކޮންސުލޭޓް ހުންނަ އިމާރާތަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށް އެމެރިކާގެ ހާރިޖިއްޔާ އިން ބުންޏެވެ.

ކުރިދީންގެ ސަރަހައްދީ ސަރުކާރާ ހަވާލާދީ އިރާގު ސަރުކާރުން ބުނި ގޮތުގައި އިރާގުން ބޭރުން އައި 12 ބެލިސްޓިކް މިސައިލެއް އިރްބީލަށް އިއްޔެ އަމާޒުވި އެވެ. ނަމަވެސް އެ މިސައިލްތައް ގޮވީ ކޮންކޮން ތަންތަނަކަށް ކަމެއް އިރާގު ސަރުކާރުން ނުބުނެ އެވެ.

އިރާން ސަރުކާރުގެ ރަސްމީ ޓީވީން ބުނި ގޮތުގައި އިއްޔެ އިރާގަށް ފޮނުވައިލި މިސައިލްތައް އަމާޒުކުރީ، އިރްބީލްގައި ހުރި އިޒްރޭލުގެ ސިއްރު މަރުކަޒުތަކަކަށެވެ. ނަމަވެސް އެ ހަމަލާތަކުގެ އިތުރު ތަފްސީލެއް އީރާން ޓީވީން ނުދެ އެވެ.

ކުރުދީންގެ ސަރަހައްދީ ސަރުކާރުގެ ބޮޑުވަޒީރު މަސްއޫދު ބަރަޒާނީ، އެ ހަމަލާތައް ކުށްވެރި ކުރައްވައި ވިދާޅުވީ، ފިނޑި ޖާހިލުން ދޭ އެފަދަ ޓެރަރިސްޓު ހަމަލާތަކުގެ ކުރިމަތީގައި ކުރުދީން އިސް ދަށަށް ނުޖަހާނެ ކަމަށެވެ.

އިރްބީލްގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދޭތެރެ ދޭތެރެ އިން ހަމަލާތައް ދެ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި އެ ހަމަލާތައް ދެނީ އީރާނަށް ތާއީދުކުރާ ޝީއީ ހަނގުރާމަވެރިންނެވެ.

އިރްބީލްގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް އެންމެ ފަހުން ބެލިސްޓިކް މިސައިލްގެ ހަމަލާތަކެއް ދީފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ ހަމަލާގައި އެމެރިކާ ސިފައިންގެ މީހަކު މަރުނުވިޔަސް، ބައެއް މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބުނެވެ.