10 ނޮވެމްބަރ 2021
މާލެއަކީ ސިއްހީ ހިދުމަތުގެ މައި ހަބެވެ. ކޮންމެ ދުވަހަކު އެޑި ދޯނިފަހަރުގައި ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން ކަމާކަން ފަށައި ސިއްހީ ހިދުމަތް ހޯދުމަށް އެތައް ބަޔަކު މާލެ އާދެ އެވެ. ކޮވިޑްގެ ކުރިން އޭރު ގަބޫލުކުރެވިފައި އޮތީ އަތޮޅު ހޮސްޕިޓަލުތަކާއި ރީޖަނަލް ހޮސްޕިޓަލުތަކުން ވެސް އެކަށީގެންވާ ފަރުވާ ނުލިބޭނެ ކަމަށެވެ. އެހެންވެ މާލެ ބަންދުކުރުންވީ ހާސްކަމާއި ކަންބޮޑުވުން ގެނުވި ކަމަކަށެވެ.
މާލެއަކީ ސިއްހީ ހިދުމަތުގެ މައި ހަބެވެ. ކޮންމެ ދުވަހަކު އެޑި ދޯނިފަހަރުގައި ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން ކަމާކަން ފަށައި ސިއްހީ ހިދުމަތް ހޯދުމަށް އެތައް ބަޔަކު މާލެ އާދެ އެވެ. ކޮވިޑްގެ ކުރިން އޭރު ގަބޫލުކުރެވިފައި އޮތީ އަތޮޅު ހޮސްޕިޓަލުތަކާއި ރީޖަނަލް ހޮސްޕިޓަލުތަކުން ވެސް އެކަށީގެންވާ ފަރުވާ ނުލިބޭނެ ކަމަށެވެ. އެހެންވެ މާލެ ބަންދުކުރުންވީ ހާސްކަމާއި ކަންބޮޑުވުން ގެނުވި ކަމަކަށެވެ.
އެކަމަކު ކޮވިޑް-19 އާ އެކު މުޅި މާލެ ބަންދުކުރުމުން އިތުރު އެހެން ގޮތެއް ނެތި، ރީޖަނަލް ހޮސްޕިޓަލުތަކުން ހިދުމަތް ހޯދަން މަޖުބޫރުވި ވަގުތު، އެ ވިސްނުމަކީ ގޯސް ވިސްނުމެއްކަން އެންމެންނަށް ވެސް ގަބޫލު ކުރެވުނެވެ. އޭގެ އެއް މިސާލަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަކީ، ކޮވިޑްގެ ކުރިން ހަމައެކަނި ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅު ބަރޯސާވެފައިވެފައި އޮތް ތަނެއް ނަމަވެސް ކޮވިޑާ އެކު މުޅި ރާއްޖެ ކަހަލަ ގޮތަކަށް މި ހޮސްޕިޓަލަށް ބަރޯސާވި އެވެ. ފޮށިތަންމަތި ހަދައިގެން، އދ. އަތޮޅުގެ މީހުން ވެސް މި ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވި ގޮތުގައި މިއީ ހޮސްޕިޓަލުގެ ތާރީހުގައި ވެސް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.
މިދިޔަ އަހަރު އެއް ލައްކަ އަށް ވުރެ ގިނަ މީހުން އެ ހޮސްޕިޓަލުން ހިދުމަތް ހޯދިއިރު އޭގެ ތެރެއިން 55،000 މީހުންނަކީ ހދ. އަތޮޅުގެ މީހުންނެވެ. ބާކީ އެންމެން ހިދުމަތް ހޯދައިފައި ވަނީ އެހެން އަތޮޅުތަކުންނެވެ. ދާއޫދު، "މިހާރު" އަށް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި 184 ރަށެއްގެ މީހަކު އެ ހޮސްޕިޓަލުން ހިދުމަތް ހޯދި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް--
"އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ އއ. އދ. އަތޮޅު އަދި ކ. ކާށިދޫ، ޅ. ނައިފަރު، މާލެއިން އުތުރުގެ ރަށްތަކުން ފެރީ ޝެޑިއުލްކޮށްގެން ހިދުމަތް ހޯދަމުންދިޔަކަން. މިހާރު ވެސް އޭރު ފެށުނު ގޮތަށް ބައެއް ރަށްތަކުގެ ފެރީ ކޮންޓިނިއުސްކޮށް އެބަ ކުރިއަށްދޭ."
ކޮވިޑާ އެކު ކުޅުދުއްފުށި ވެސް އެތައް ފަހަރަކު މޮނިޓަރިންގެ ހާލަތަށް ގެންނަން ޖެހުމުން ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް މެދުކެނޑުނު ނަމަވެސް، އެ ހޮސްޕިޓަލުން ހިދުމަތް ހޯދި މީހުންގެ އަދަދުތަކާއި އެ މީހުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވުނީތީ އޭނާ ހުރީ ހިތްހަމަޖެހިވަޑައިގެންފަ އެވެ.
"ފަސޭހައިން އަވަހަށް ހިދުމަތް ލިބޭނެ އިންތިޒާމުތަކެއް ރަށްރަށުން އަންނަ މީހުންނަށް ހަމަޖައްސައިދެވުނު. އެއީ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މައިގަނޑު ސަބަބަކީ،" ރަށްރަށުން އަންނަ މީހުންނަށް ފޯރުކޮށްދޭ ހިދުމަތް ރަނގަޅުކުރުމުގެ ގޮތުން ކައުންސިލްތަކާ ގުޅިގެން ވެސް މަސައްކަތްތަކެއް ކުރެވުކަން ފާހަގަކުރައްވައި، ދާއޫދު ވިދާޅުވި އެވެ.
"ވަރަށް ބޮޑު ކާމިޔާބީއެއް މިއީ. އޭގެ ތެރެއިން ވެސް މާލެ ބަންދުކުރުމުން އަޅުގަނޑުމެންނަށް ހިދުމަތްތައް ބަރޯސާވެގެން މިއައީ. އެއީ ސަރުކާރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ލިބިގެންދިޔަ ކާމިޔާބީއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."
ކޮވިޑްގެ ތެރޭގައި ތަފާތު އެކި ތަޖުރިބާތައް ކުރުމުގެ ފުރުސަތު އެ ހޮސްޕިޓަލަށް ލިބުނެވެ. ރަށްރަށުގެ ސިއްހީ ނިޒާމާ މެދު މީހުން ދެކޭ ވިސްނުން ބަދަލު ކޮށްލި މައިގަނޑު ސަބަބަކަށްވީ ވެސް ބޮޑެެތި އޮޕަރޭޝަންތައް ކާމިޔާބުކަމާ އެކު ނިންމާލެވުމެވެ.
ދާއޫދު ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރު އައިއިރު ހޮސްޕިޓަލުގެ ހާލަތު ވަރަށް ދަށެވެ. އެކަމަކު މަޑުމަޑުން ހިދުމަތުގެ ފެންވަރު ރަނގަޅުކުރަމުން ގޮސް މިއަދު އެތަނުން މާލެ ފިޔަވައި އުތުރު އެހެން ހޮސްޕިޓަލަކުން ނުލިބޭ ބައެއް ހިދުމަތްތައް ވެސް އެބަ ލިބެ އެވެ. އޭގެ ތެރޭގައި ސްޕީޗް ތެރަޕީ، ނިއުރޯ ޑައިގްނޯސްޓިކްގެ ހިދުމަތް ހިމެނެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މެޑިކަލް އޮފިސަރުން ހިމެނޭ ގޮތަށް 45 ޑޮކްޓަރުން އަދި 27 ސްޕެޝަލިސްޓުންނާއި 96 ނަރުހުންގެ އިތުރުން 16 ލެބޯޓްރީ ޓެކްނީޝަނުން މަސައްކަތްކުރަމުން އެބަދެ އެވެ.
މިހާރު އެ ހޮސްޕިޓަލުން ލިބޭ ބައެއް ހިދުމަތްތަކަށް ބަލާއިރު އެމްއާރުއައި، މެމޯގްރާމް، ޑާމޮޓަލަޖީ، ކާޑިކް، ޕިޒީޝަން، އޮފްތޮމޮލޮޖީ، އީއެންޓީ ސާވިސް، އޯތޮޕީޑިޝަން، ގައިނޮކޮލޮޖީ، ރޭޑިއޮލޮޖީގެ ހިދުމަތް ހިމެނެ އެވެ.
"މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ އަދަދަކަށް ޑޮކްޓަރުން ވެސް ރެކްރޫޓްކޮށްފައިވޭ. ހިދުމަތްތައް ފުޅާކުރުމަށް އަދި އެހެން ރީޖަނަލް ހޮސްޕިޓަލުތަކުގައި ބައެއް ހިދުމަތްތައް މެދުކެނޑިފައި ހުރިއިރުގައި އަޅުގަނޑުމެންނަށް އެ އޭރިއާތަކުން ޑޮކްޓަރުން ރެކްރޫޓްކުރެވިފައި ހުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް."
ދާއޫދު ވިދާޅުވި ގޮތުގައި މައިގަނޑު ދާއިރާތަކުން މިހާރު މަދުވަނީ ނިއުރޮލޮޖިސްޓެއް އެކަންޏެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ ހޯދަން ގޮސް ތިބި މީހުންތަކެއް--
މާލެއެކޭ އެއް ފެންވަރަށް އެ ސަރަހައްދުން ހިދުމަތް ލިބުމަކީ ވަރަށް މުހިއްމުކަމެއްގެ ގޮތުގައި އޭނާ ދެކިވަޑައިގަންނަނަވަ އެވެ. ވަކިން ހާއްސަކޮށް ކުދިކުދި ކަންކަމުގައި މާލެއަށް ބަލި މީހުން ފޮނުވަންޖެހޭ ޖެހުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ. އަދި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ވެސް މާލެއަށް ބަރޯސާވުމުގެ ބަދަލުގައި ރާއްޖޭގެ އެކި ސަރަހައްދުގައި ކެންސަރުގެ ބަލި މީހުންނަށް ފަރުވާ ހޯދޭނެ އިންތިޒާމުތަކެއް ހަމަޖެހުމަށް ކުރާ އުއްމީދު ބޮޑެވެ.
ހޮސްޕިޓަލުގެ ހިދުމަތްތައް ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އައި ނަމަވެސް އެހެން ރަށްރަށެކޭ އެއްގޮތަށް މި ހޮސްޕިޓަލަށް ވެސް އެމްބިއުލާންސްގެ ދަތިކަން އެބަ އޮތެވެ.
ދާއޫދު ވިދާޅުވި ގޮތުގައި އެ ރަށުގައި އޮތީ އެންމެ ޕެރަމެޑިކް އެމްބިއުލާންސަކާއި އިތުރު އެހެން ވެހިކަލެކެވެ.
"ފުދޭވަރަކަށް ދުވަސްވެފައި އޮތް ދެ އުޅަނދު މިއީ. ކުޅުދުއްފުށި ކަހަލަ ރަށަކަށް ބަލާއިރު ސްޓާފް ވޭނެއް ވެސް ނޯންނާނެ. ބޮޑު އާބާދީއަކަށް އަޅުގަނޑުމެން ސާވްކުރާއިރު ފެރީއަށް ވެސް ކޮންމެވެސް އެއް އެމްބިއުލާންސް އިންތިޒާރުކުރަންޖެހޭ. ކޮވިޑުގެ ކަންކަމުގައި ވެސް އެމްބިއުލާންސް ބޭނުން މިކުރަނީ."
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް--
ހޮސްޕިޓަލަށް ކުރިމަތިވެފައިވާ އަނެއް ދައްޗަކީ މެޑިކަލް އޮފިސަރުންނާއި ނަރުހުންގެ ދަތި ކަމެކެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ މީހުން ހިދުމަތް ހޯދަމުން އަންނަ އެ ހޮސްޕިޓަލުގައި މި ވަގުތު ހިދުމަތް ފުޅާކުރެވިފައިވާ މިންވަރާއި އަލަށް ފެށުމަށް ތައްޔާރުވަމުން އަންނަ ހިދުމަތަށް ބަލާއިރު މެޑިކަލް އޮފިސަރުންނާއި ނަރުހުންގެ އަދަދު މަދު ކަމަށް އޭނާ ފާހަގަކުރައްވަ އެވެ.
"އެކި ޑިޕާޓްމަންޓްތަކަށް މެޑިކަލް އޮފިސަރުން ބަހާލާއިރު މިއީ އެންމެ އެކަށީގެންވާ އަދަދުތަކެއް ނޫން. މި ސަރުކާރު އައިއިރު މުޅި ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔައީ 208 މުވައްޒަފުން. މިހާތަނަށް އައިއިރުގައި 346 މުވައްޒަފުން އެބަ މަސައްކަތްކުރޭ. ހިއުމަން ރިސޯސް ގެޕް ފިލްކުރަން މަސައްކަތްތަކެއް އެބަ ކުރެވޭ."
ހޮސްޕިޓަލުން ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ހިދުމަތް ހޯދަމުން އަންނައިރު ޖާގައިގެ ދަތިކަން އިންތިހާ އަށް އެބަ އޮތެވެ. ހޮސްޕިޓަލުގެ އެނދުތައް ފުރި، ބައެއް ފަހަރު މީހުން ހިނގަން އޮންނަ މަގުގައި އެނދު ބަހައްޓައި ބަލި މީހުން ބާއްވަން ޖެހެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ ހޯދަން ގޮސް ތިބި ބައެއް--
މިދިޔަ ހަފްތާގައި އެތަނުން ފެނިގެންދިޔައީ އެކަހަލަ މަންޒަރެކެވެ. އެނދުތައް ފުރި، ބައެއް މީހުން ބާއްވާފައި އޮތީ، ބޭރުގައި ބަހައްޓާފައި ހުރި އެނދުތަކުގަ އެވެ. ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލުގެ ތެރޭގައި އޮތް ކިއު ވެސް އިންތިހާ އަށް ބޮޑެވެ. ބައެއް މީހުން މަޑުކޮށްގެން ތިބީ ހޮސްޕިޓަލުގެ ބޭރުގައި ޖަހާފައި ހުރި ގޮނޑިތަކެއްގަ އެވެ.
ދާއޫދު ވިދާޅުވީ އެ ހޮސްޕިޓަލުގައި އެއްވެސް މިންވަރަކަށް ޕްރައިވެޓް ރޫމް ނެތް ކަމަށެވެ. އަދި އޯޕީޑީ ކޮންސަލްޓޭޝަން ރޫމް މަދުވުމުގެ ސަބަބުން ވެއިޓިން ލިސްޓު މަދުކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑެތި މައްސަލަތަކެއް ދިމާނުވެ، އެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކާ އެކު އާންމުންގެ އިތުބާރު ލިބެން ފަށައިފި ކަމަށް ހޮސްޕިޓަލުން ގަބޫލުކުރެ އެވެ. އެކަމަކު މި ދަތުރުގައި އަދިވެސް ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ދާއޫދު ގަބޫލުކުރައްވަ އެވެ.
"މޭޖާ އިންސިޑެންޓެއް ހިނގާފައި ނުވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް."
އޭނާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލުން އެޕޮއިންޓްމަންޓް ނެގުމަށް ރަނގަޅު އިންތިޒާމެއް ނެތެވެ. އަދި އެނދުމަތިކޮށްފައި ތިބޭ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން އިތުރަށް ރަނގަޅުކޮށް ހިދުމަތުގެ ފެންވަރު އިތުރުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.
ތަފާތު ޕްރޮގްރާމުތައް މެދުވެރިކޮށް ހިދުމަތް ހޯދާ މީހުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ކަސްޓަމާ ރިލޭޝަންސް ޑެސްކެއް ގާއިމުކުރުމުގެ އިތުރުން ވެބްސައިޓް އަދި ވައިބާ މެދުވެރިކޮށް ވެސް ހޮސްޕިޓަލަށް ކޮންޓެކްޓް ކުރެވޭނެ ގޮތް މިވަނީ ހަމަޖައްސައިފަ އެވެ.
ހޮސްޕިޓަލުގެ އުއްމީދަކީ ސަރުކާރުން ވައުދުވެފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ނިމި، މިވަގުތު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ލިބިގެން ދިއުމެވެ. އަދި ހޮސްޕިޓަލުގެ ވަސީލަތްތައް އިތުރުވެ، އެ ސަރަހައްދުގެ ރައްޔިތުން މާލެއަށް ކުރަންޖެހޭ ދަތުރުތައް އެކީ ހުއްޓޭނެވަރުގެ ހިދުމަތެއް އެ ހޮސްޕިޓަލުން ފޯރުކޮށްދިނުމެވެ.
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ
ކުޅުދުއްފުށި ހޮސްޕިޓަލްގެ ފެންވަރު މަތިކުރަން އިސްކަމެއް
ކުޅުދުއްފުށީގައި މާބަނޑުމީހެއްގެ އޯވަރީން ބޮޑު ސިސްޓެއް
ކުޅުދުއްފުށީ ހޮސްޕިޓަލްގެ އާ ބޯޑު އެކުލަވާލައިފި
ކުޅުދުއްފުއްޓާއެކު އުތުރުގެ ހަ ރަށެއް މޮނިޓަރިން އަށް
އއ. އަތޮޅުންވެސް ޑޮކްޓަރަށް ދައްކަން ކުޅުދުއްފުއްޓަށް
ކުޅުދުއްފުށީގައި މަރުވި މީހަކު ކޮވިޑަށް ޕޮޒިޓިވް
ކާށިދޫ ބަލިމީހުން މާލެ ނައިސް ކުޅުދުއްފުއްޓަށް!
ކުޅުދުއްފުށީގައި މީހެއްގެ އޯވަރީން ބޮޑު ސިސްޓެއް!
ކުޅުދުއްފުށީގައި ހިތުގެ ޓެސްޓުތައް ހެދުން ހުއްޓިފައި!