Roadha Mihaaru
ކާށިދޫ ބަލިމީހުން މާލެ ނައިސް ކުޅުދުއްފުއްޓަށް!

ކާށިދޫ ބަލިމީހުން މާލެ ނައިސް ކުޅުދުއްފުއްޓަށް!

20 އޯގަސްޓް 2020

ބަލިމީހުން ޑޮކްޓަރަށް ދައްކަން ރާއްޖޭގެ އެންމެ އުތުރަށް މިސްރާބު ޖަހަން ޖެހިދާނެ ކަމަށް، ކާށިދޫގައި ލޯންޗު ފެރީގެ ހިދުމަތް ދޭ "މައިދޫ ސްޕީޑް"ގެ ވެރިޔާ ލިނީން މުހައްމަދަށް، ކޮވިޑް-19ގެ މި ހާލަތުގެ ކުރިން ހިޔާލަށް ވެސް ގެނެވިފައެއް ނުވެ އެވެ. އެކަމަކު މާލެ އައުމުގެ ބަދަލުގައި އޭނާގެ ލޯންޗުން މިހާރު ވަނީ ޑޮކްޓަރަށް ދައްކަން ހދ. ކުޅުދުއްފުއްޓަށް ބަލިމީހުން ގޮވައިގެން އެއް ދަތުރު ކޮށްފަ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ބަލިމީހުން ޑޮކްޓަރަށް ދައްކަން ރާއްޖޭގެ އެންމެ އުތުރަށް މިސްރާބު ޖަހަން ޖެހިދާނެ ކަމަށް، ކާށިދޫގައި ލޯންޗު ފެރީގެ ހިދުމަތް ދޭ "މައިދޫ ސްޕީޑް"ގެ ވެރިޔާ ލިނީން މުހައްމަދަށް، ކޮވިޑް-19ގެ މި ހާލަތުގެ ކުރިން ހިޔާލަށް ވެސް ގެނެވިފައެއް ނުވެ އެވެ. އެކަމަކު މާލެ އައުމުގެ ބަދަލުގައި އޭނާގެ ލޯންޗުން މިހާރު ވަނީ ޑޮކްޓަރަށް ދައްކަން ހދ. ކުޅުދުއްފުއްޓަށް ބަލިމީހުން ގޮވައިގެން އެއް ދަތުރު ކޮށްފަ އެވެ.

މާލެ އަތޮޅުގެ ރަށެއްގެ ބަލިމީހުން ޑޮކްޓަރަށް ދައްކަން ކުޅުދުއްފުއްޓަށް ދިއުމަކީ އޭގެ ޒާތުގައި ބޮޑު ކަމެކެވެ. ނަމަވެސް މިހާރު މާލެއަށް އައިސް ގޮސް ހެދުމަކީ، ލޯންޗެއްގައި ހަތަރު ގަޑިއިރުގެ ދަތުރަކަށް ފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިއުމަށް ވުރެ ވެސް އުނދަގޫ ކަމެކެވެ. އެ ސަބަބަށްޓަކައި ކާށިދޫ މީހުން ކުޅުދުއްފުށީގެ އިތުރުން ޅ. ނައިފަރާއި ރ. އުނގޫފާރު ހޮސްޕިޓަލަށް ވެސް ދެ އެވެ.

ލިނީން ބުނީ ބަލިމީހުން ގޮވައިގެން މިދިޔަ މަހު ކުރި ދަތުރަށް ފަހު މި މަހު 30 ގައި އޭގެ ދެވަނަ ދަތުރު ކުރަން ރާވާފައިވާ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ކުރިން މައިދޫ ސްޕީޑްގެ ދަތުރުތައް ހަފުތާއަކު ހަ ދުވަހު މާލެއަށް ބޭއްވި އެވެ. އޭގެ ދަތުރަކަށް ދެކޮޅަށް 500ރ ނެގި އިރު ކުޅުދުއްފުއްޓަށް ކަނޑައެޅި ފީއަކީ މީހަކަށް 1،000ރ އެވެ.

ލިނީން ބުނި ގޮތުގައި ކުޅުދުއްފުއްޓަށް ގޮސް ބަލިމީހުން ދެ ރޭ މަޑުކުރެ އެވެ.

"ދާ މަގުމަތީގައި އެހެން ރަށަކަށް ދާން ބޭނުންވާ މީހުން ވެސް އެބަ ގެންގޮސްދެން. އެއީ ދާނެ އިތުރު ގޮތެއް ނެތިފައި ތިބި މީހުންނަށް،" އޭނާ ބުންޏެވެ.

އުތުރުގެ އަތޮޅުތަކުގެ ބަލިމީހުންނަށް ކުޅުދުއްފުށި

ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާވޫދު ވިދާޅުވީ ކޮވިޑްގެ ހާލަތް ދިމާވުމުގެ ކުރިން އެ ހޮސްޕިޓަލުން އާންމުކޮށް ހިދުމަތް ހޯދަމުން އައީ އެންމެ އުތުރުގެ ހއ، ހދ. އަދި ށ. އަތޮޅުގެ ރަށްރަށުގެ މީހުން ކަމަށެވެ. މަދު ފަހަރެއްގައި ނ، ބ. އަދި ރ. އަތޮޅުގެ މީހުން އެ ހޮސްޕިޓަލަށް ދިޔަސް، ޅ، އާއި ކ. އަތޮޅުގެ މީހުން ޑޮކްޓަރަށް ދައްކަން މީގެ ކުރިން އެ ރަށަށް ޒިޔާރަތްކޮށްފައެއް ނުވެ އެވެ.

"އޭދަފުށީ ހޮސްޕިޓަލުންނާއި އުނގޫފާރު ހޮސްޕިޓަލުން ނުލިބޭ ހިދުމަތްތައް ހޯދަން މީހުން އާންމުކޮށް އަންނަނީ. ސީޓީ ސްކޭން ހަދާށާއި އެތެރެ ހަށީގެ ޑޮކްޓަރަކަށް ދައްކަން އަންނަނީ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ މަހުގެ 28 އިން މިއަދާ ހަމައަށް ކ. އަތޮޅުން 42 މީހަކު އެ ހޮސްޕިޓަލުން ހިދުމަތް ހޯދާފައިވާ ކަމަށެވެ. ޅ. އަތޮޅުން 31 މީހުން، ރ. އަތޮޅުން 30 މީހުން އަދި ބ. އަތޮޅުން 19 މީހަކު، އެ މުއްދަތުގައި ކުޅުފުއްދުށީ ރީޖަނަލް ހޮސްޕިޓަލަށް ދިޔަ އެވެ.

އަހުމަދު ވިދާޅުވީ މި ދުވަސްވަރު ވީހާ ވެސް ގިނަ ބަޔަކަށް ސިއްހީ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހަދަން އެކި ރަށްރަށުގެ ހެލްތު ސެންޓަރުތަކާއި ލޯންޗު ފެރީތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ރަށްރަށުން މާލެ އައުމަށް ފަހު އަނބުރާ ރަށަށް ދެވޭނީ ހާއްސަ ހުއްދައެއް ނަގައިގެންނެވެ. ރަށަށް ދިއުމަށް ފަހު 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަން ޖެހެ އެވެ. އެކަމަކު އެ ފިޔަވަޅުތައް އަޅާފައި ވިޔަސް ރަށްރަށުގައި ކޮވިޑް ފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި މާލެއިން އެނބުރި ގޮސް ކަރަންޓީންގައި ތިބި މީހުން ވެސް ހިމެނެ އެވެ.