Roadha Mihaaru
ކުޅުދުއްފުށީގައި މީހެއްގެ އޯވަރީން ބޮޑު ސިސްޓެއް!

ކުޅުދުއްފުށީ ހޮސްޕިޓަލުގައި މީހެއްގެ އޯވަރީން ބޮޑު ސިސްޓެއް ނަގައިފި

07 ޖޫން 2020

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮޕަރޭޝަންކޮށް މީހެއްގެ އޯވަރީން ބޮޑު ސިސްޓެއް ނަގައިފި އެވެ. މިއީ މިހާތަނަށް އެ ހޮސްޕިޓަލުން ނެގި މި ފަދަ އެންމެ ބޮޑު އޯވޭރިއަން ސިސްޓެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮޕަރޭޝަންކޮށް މީހެއްގެ އޯވަރީން ބޮޑު ސިސްޓެއް ނަގައިފި އެވެ. މިއީ މިހާތަނަށް އެ ހޮސްޕިޓަލުން ނެގި މި ފަދަ އެންމެ ބޮޑު އޯވޭރިއަން ސިސްޓެވެ.

އެ ހޮސްޕިޓަލުގެ އަށް ޑޮކްޓަރުންގެ ޓީމަކުން ކުރި އޮޕަރޭޝަނުގައި ދެ ސިސްޓެއް ނަގާފައި ވެ އެވެ. އެންމެ ބޮޑު ސިސްޓުގައި 11 ސެންޓިމީޓަރު ހުރި އިރު، ދެ ވަނަ ސިސްޓުގައި ހުރީ ދެ ސެންޓިމީޓަރެވެ.

ސިއްހީ ގޮތުން ބަލާއިރު ބޮޑު ސިސްޓެއްގެ ގޮތުގައި ބަލަނީ ފަސް ސެންޓިމީޓަރަށް ވުރެ ބޮޑުވެއްޖެ ނަމަ އެވެ.

ކުޅުދުުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނި ގޮތުގައި މީގެ ކުރިން ވެސް އެތަނުން ވަނީ ސިސްޓް ނެގުމަށް އޮޕަރޭޝަންތައް ކޮށްފަ އެވެ. އެކަމަކު މިއީ މިހާތަނަށް ކުރި މި ފަދަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށް އެތަނުން ބުންޏެވެ.

ދެ ގަޑިއިރެއްހާއިރުގެ އޮޕަރޭޝަނުގައި ސިސްޓު ނަގާފައިވަނީ ފަޅައިނުލަ އެވެ. އަދި އޮޕަރޭޝަނަށް ފަހު އަންހެން މީހާގެ ހާލު ރަނގަޅުކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

"މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް،" އެތަނުން ވާހަކަ ދެއްކެވި އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ފަދަ އޮޕަރޭޝަންތައް ކުރުމަށް ކުރިން ފޮނުވާލަނީ މާލެ އެވެ. އެކަމަކު ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި މާލެ ލޮކްޑައުންކޮށްފައި އޮތުމުން، އެ ހޮސްޕިޓަލުގައި އޮޕަރޭޝަން ކުރަން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

އުތުރުގެ ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަރަށް ފަހުން ވަނީ، އެތަނުގައި ވިހެއި 28 ހަފުތާގެ ކުއްޖަކަށް ފަރުވާ ދީގެން އާއްމު ހާލަތަކަށް ގެނެސްފަ އެވެ. މިއީ އެ ހޮސްޕިޓަލުގެ އެންއައިސީޔޫގައި ފަރުވާ ދިން އެންމެ ހަގު ކުއްޖާ އެވެ.