Roadha Mihaaru
ކުށްވެރިންގެ ފައިގައި އަލުން ޓެގު އަޅުވަން ފަށައިފި

ކުށްވެރިންގެ ފައިގައި އަލުން ޓެގު އަޅުވަން ފަށައިފި

23 ޖޫން 2023

ޓެރަރިޒަމް މަނާ ކުރުމުގެ ގާނުނުގެ ދަށުން ކުށްވެރިންގެ ފައިގައި މިއަދު އަލުން އެންކަލް ބްރެސްލެޓް (ޓެގު) އަޅުވަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޓެރަރިޒަމް މަނާ ކުރުމުގެ ގާނުނުގެ ދަށުން ކުށްވެރިންގެ ފައިގައި މިއަދު އަލުން އެންކަލް ބްރެސްލެޓް (ޓެގު) އަޅުވަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބޮޑެތި ކުށްތައް ކޮށްފައިވާ ބައެއް މީހުންގެ ފައިގައި މީގެ ކުރިން ވެސް ޓެގު އަޅުވާފައިވެ އެވެ.

އިމްރާން ވިދާޅުވީ ޒަމާނީ ވަސީލަތްތަކާއެކު ޓެގު އަޅުވަން ފެށީ މައިގަނޑު ގޮތެއްގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ވިޔަސް، ސަރުކާރުގެ އަމާޒަކީ އަދުލުގެ ނިޒާމުގައި (މޮނިކޮން) ބޭނުންކުރެވޭނެ އިތުރު އިޖުރާއާތްތައް ތައާރަފުކުރުން ކަމަށެވެ.

ޓެގު އަޅުވަން ފެށީ ޖަލުގައި މީހުން ބަންދުކުރާ މިންވަރު މަދުކުރަން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމަށް ކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް މިފަހަރު ދިމާ ނުވާނެ ކަމަށެވެ.

ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނު ދަށުން މީހުންގެ ފައިގައި ޓެގް އެޅުވޭނީ ހައި ކޯޓުން ނެރޭ އަމުރެއްގެ ދަށުންނެވެ. އަދި އެ އަމުރު ނެރުމަށް ހައި ކޯޓުގައި އެދެނީ ފުލުހުން ހޯމް މިނިސްޓަރަށް ދެންނެވުމުން މިނިސްޓަރު ނިންމަވާ ގޮތެއްގެ މަތީންނެވެ.

ޓެގު އަޅުވަން ފަށާފައިވާއިރު، ފުރަތަމަ ޓެގު އެޅުވީ އަހުމަދު ރިލްވާން އާއި ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން ބަންދުން ދޫކޮށްލި އަހްމަދު އިސްމާއިލް (އަހަނދު) ފައިގަ އެވެ.

ދައުލަތުން ބުނާ ގޮތުގައި އަހުމަދު އިސްމާއިލްއަކީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމު ކުރުމުގެ އިތުރުން، ޔާމީން މަރާލުމަށް އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމު ކުރި މީހެކެވެ. އަދި ޔާމީން އާއި ރިލްވާންއަށް ފާރަލައި އެ ދެ މީހުން މަރާލުމަށް އިސްމާއިލް އަބްދުއްރަހީމް އެހީތެރިވެދީފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.