Roadha Mihaaru
ނުރައްކާތެރި ކުށްވެރިއަކު މިފަހުން ވެސް ދޫކުރި: ހަމީދު

ރަހީނުކުރި މީހާ ޖަލުން ދޫކުރި މައްސަލާގައި ހަމީދު ވިދާޅުވީ މި ފަހުން ވެސް ނުރައްކާތެރި މީހަކު ދޫކުރި ކަމަށް!

30 އޯގަސްޓް 2024

ރާއްޖެއަށާއި ރާއްޖެއިން ބޭރަށް ވެސް ނުރައްކަލަކަށް ވެދާނެ ފަދަ ކުށްވެރިއަކު ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ދޫކޮށްލާފައިވާ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖެއަށާއި ރާއްޖެއިން ބޭރަށް ވެސް ނުރައްކަލަކަށް ވެދާނެ ފަދަ ކުށްވެރިއަކު ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ދޫކޮށްލާފައިވާ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ނުރައްކާތެރި ކުށްވެރިއަކު މަޖިލިސް އިންތިހާބަށް ދޫކޮށްލި ކަމަށް ހަމީދު އެކްސްގައި ވިދާޅުވީ، މާލޭގައި ރޭ އަންހެނަކު ރަހީނުކުރި މީހާ، ޖަލު ހުކުމެއްގައި ވަނިކޮށް އަދަބު ލުއިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދޫކޮށްލުމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރަހީނުކުރި މައްސަލާގައި ހިމެނޭ އަހްމަދު އަތުހަރު، ހެޕީލޭންޑް، ށ. މިލަންދޫ، ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ހުކުމުގެ މުއްދަތު ލުއިކޮށް ދޫކޮށްލީ 2022 ގަ އެވެ.

ޖަލުގައި ހުކުމް ތަންފީޒުކުރަން ޖެހޭ މީހަކު ދޫކޮށްލާފައި ވުމުން ކަންބޮޑުވުންފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން ވަނީ، ނެޝެނަލް ސެކިއުރިޓީ ކައުންސިލްގައި ހަމީދު ހުންނެވި އިރު، ނުރައްކާތެރި ކުށްވެރިން ދޫކޮށްލުމާ ގުޅޭ ގޮތުން ދެއްވި ލަފާތަކާ މެދު ސުވާލު އުފައްދަވައިފަ އެވެ.

ހަމީދު ވިދާޅުވީ ނިޒާމްގެ ތެރޭގައި ސިޔާސީ މަންފާއަށް ސިސްޓަމްގެ ނާޖައިޒު ފައިދާ ނަގައިގެން ކުށްވެރިން ދޫކޮށްލައި މުޖުތަމައު ނުރައްކަލަކަށް ހުށަހެޅުމަކީ އޭނާގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

މި ސަރުކާރުގައި ވެސް ނުރައްކާތެރި ކުށްވެރިއަކު ދޫކޮށްލި ކަމަށާއި އެ ކުށްވެރިޔާއަކީ ރާއްޖެއަށް އަދި ބައިނައަލްގަވާމީ މުޖުތަމައުއަށް ނުރައްކަލަކަށް ވެދާނެ ފަދަ ތްރެޓެއް އޮތް މީހެއް ކަމަށެވެ. އޭނާ ދޫކޮށްލުމާ ދެކޮޅަށް ދެ ފަހަރެއްގެ މަތިން އަމިއްލައަށް މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

ނަމަވެސް ސިސްޓަމަށް ނުފޫޒު ފޯރުވައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދެ ދުވަހަށް ވެފައިވަނިކޮށް އެމީހާ ޖަލުން ދޫކޮށްލާފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ. ކުށްވެރިޔާގެ ތަފްސީލެއް އަދި އޭނާއަށް ކުރެވޭ ތުހުމަތެއް ހަމީދު ހާމައެއް ނުކުރައްވަ އެވެ.

ނިޒާމުގެ ތެރެއިން ކުށްވެރިން ދޫވާ މައްސަލަ އިސްލާހު ކުރަން އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

ނުރައްކާތެރި ކުށްވެރިއަކު ދޫކޮށްލާފައިވާ ކަމަށް ހަމީދު ކުރެއްވި ތުހުމަތާ ގުޅިގެން ހޯމް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު"ން ހޯދި ރައީސް އޮފީހުގެ މައުލޫމާތުން އެނގޭ ގޮތުގައި މި އަހަރުގެ ކުރީކޮޅު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް 13 ކުށްވެރިއަކަށް މާފުދީފައިވެ އެވެ. ކްލެމެންސީ ބޯޑުގެ ލަފާގެ މަތިން އެ މުއްދަތުގައި ރައީސް މުއިއްޒު މާފު ދެއްވާފައިވަނީ އެންމެ ކުށްވެރިއަކަށެވެ.

މާފުދީ ދުކޮށްލި މީހުންގެ ތަފްސީލް މީގެ ކުރިން ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖެއަށް ހަތިޔާރު އެތެރެކޮށް ގެންގުޅުނު މީހެއް ހިމެނެ އެވެ. އޭނާއަށް ލުއިދީ ބަންދުން ދޫކޮށްލީ އެ މައްސަލާގެ ހުކުމްގެ ބޮޑު ބައި ތަންފީޒުކޮށް ނިމި، ބާކީ އޮތް މަސްތުވާތަކެތީގެ ހުކުމަކީ ކުޑަ ހުކުމަކަށްވާތީ ކަމަށް ބުނެ އެވެ. އޭނާ ބަންދުން ދޫކޮށްފައިވަނީ ތިން އަހަރަށް ޝަރުތުތަކާ އެކު އެވެ.

އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތް ދުވަސްވަރު، އެ އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 274 މީހުންނަށް މާފު ދެއްވި އެވެ. އެއީ ކްލެމެންސީ ބޯޑުގެ ލަފާގެ މަތިން މާފު ދިން ދިން 18 މީހަކާއި ރައީސް އިބޫގެ އަމިއްލަ އިސް ނެންގެވުމުގެ މަތިން މާފު ދެއްވި 256 މީހެކެވެ.

އަދި ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ނޮވެމްބަރު 16 އާ ހަމައަށް ޕެރޯލް އަދި ކްލެމެންސީގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ 434 މީހުން މުޖުތަމައަށް ދޫކޮށްލައިފަ އެވެ. މީގެ ތެރޭގައި ތެރެއިން ޕެރޯލްގެ ދަށުން 53 މީހަކު ދޫކޮށްލި އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ ކުށްތަކުގައި ޖަލުގައި ތިބި މީހުންނެވެ.

ކުރީގެ ކޮމިޝަނާ ހަމީދު މީގެކުރިން ވެސް ވިދާޅުވެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި ކުށް ތަކުރާރު ކުރާ މީހުން ދޫކޮށްލުމާއި ބޮޑެތި، ނުރައްކާތެރި ކުށްވެރިންނަށް ޕެރޯލް އަދި ކްލެމެންސީ ކުރީގެ ސަރުކާރުން ވެސް އަދި މި ސަރުކާރުން ވެސް ދޭ ދިނުމަކީ ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އަދި މިއީ މިހާރު ރާއްޖޭގައި އާދައަކަށް ވެފައި އޮތް ކަމެއް ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުށްވެރިން އަބަދުވެސް ތިބެންޖެހޭނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ކަމަށް ދެކުމަކީ ވެސް ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި ޕެރޯލް އަދި ކްލެމެންސީއަކީ ނިޒާމުގެ ތެރޭގެ ބައެއް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ޒިންމާދާރުކަމާ އެކު ތަންފީޒު ކުރަން ޖެހޭނެ ކަމެއް ކަމަށް ހަމީދު ވިދާޅުވެފައިވެ އެވެ.

ޕެރޯލް އާއި ކްލެމެންސީގެ ފުރުސަތުގެ ދަށުން ދޫކުރާ މީހުންގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ބައެއް ކަހަލަ ކުށްތައް އިތުރުވެފައިވާ ކަމަށާއި އެ ފުރުސަތު ދެވޭ ގާނޫނީ އުސޫލު ހަރުކަށި ކުރަން ނިންމާފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ.