Roadha Mihaaru
ޕްލާސްޓިކްގެ ލިސްޓް އިތުރުކުރާ ގާނޫނު ތަސްދީގުކޮށްފި

ސިންގަލް ޔޫޒް ޕްލާސްޓިކުގެ ލިސްޓް އިތުރުކުރާ ގާނޫނު ތަސްދީގުކޮށްފި

10 ނޮވެމްބަރ 2021

ސިންގަލް ޔޫޒް ޕްލާސްޓިކްގެ ލިސްޓް އިތުރުކުރާ ގާނޫނު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިންގަލް ޔޫޒް ޕްލާސްޓިކްގެ ލިސްޓް އިތުރުކުރާ ގާނޫނު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް ހުށަހެޅި ދެ ވަނަ އިސްލާހު މިދިޔަ އޮކްޓޯބަރު 20 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އޭގައިވާ ގޮތުން ސިންގަލް ޔޫޒް ޕްލާސްޓިކްގެ ލިސްޓަށް ބާވަތްތައް އިތުރުކުރުމުގެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވަ އެވެ.

މިދިޔަ މާޗު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅީ، މިހާރު އަމަަލުކުރާ ގާނޫނުގެ އަށް ވަަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށް، ސިންގަލް ޔޫޒް ޕްލާސްޓިކް ރާއްޖޭގައި އުފައްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށެވެެ. އެގޮތުން މަނާކުރާނެ ބާވަތްތަކަކީ ރައީސް އެކުލަވައިލައްވާ ލިސްޓެއްގައި ހިމެނޭނެ ބާވަތްތަކެވެ. އެކި މަރުހަލާތަކަކަށް ބަހާލައިގެން ލިސްޓް އެކުލަވައިލެއްވުމުގެ ފުރުސަތު ރައީސަށް ލިބިދޭ ގޮތަށް އޮތް އެ މާއްދާގައި ބުނެފައިވާ ގޮތުން، އެފަދަ ފުރަތަމަ ލިސްޓް މި އަަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ކުރިން އެކުލަވައިލާ ގެޒެޓްކުރަން ވާނެ ކަމަށްް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ. އެ ލިސްޓު ރައީސް ވަނީ އާއްމުކުރައްވައިފަ އެވެ.

މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އެ ބިލު ދިރާސާކުރި އިރު އެ މާއްދާއަށް ދެ ބަދަލެއް ގެނަ އެވެ. ފުރަަތަމަ ބަދަލަކީ ރައީސް އެކުލަވައިލާ ލިސްޓްގައިވާ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއް ކަމަށް ކަނޑައެޅުމެވެ. އަނެއް ބަދަލަކީ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ތެރެއިން މަނާކުރާ ބާވަތްތަކުގެ ފުރަަތަމަ ލިސްޓް އެކުލަވައިލުމުގެ މުހުލަތު އަންނަ ޖެނުއަރީ އާ ހަމައަށް އިތުރުކުރުމެވެ. ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގައި އެފަދަ ތަކެތި އުފައްދައި، ބޭނުން ނުކޮށް ހުރި މިންވަރާއި އެފަދަ ތަކެތި ބޭނުންކުރަމުންދާ ނިސްބަތަށް ބަލަންޖެހެ އެވެ. އޭގެ އިތުރުން ރާއްޖެއަށް އެތެރެކުރުން ނުވަތަ އުފެއްދުން ނުވަތަ ބާޒާރަށް ނެރުން މަނާކުރުމުން އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ތަކެތި ލިބެންހުރި މިންވަރަށް ބަލަންޖެހެ އެވެ.

އެ ގާނޫނު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެ އެވެ.