Roadha Mihaaru
ފިލިޕީންސް ނަރުހުގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

ފިލިޕީންސް ނަރުހުގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

11 ނޮވެމްބަރ 2021

ދަންޖެހިގެން މަރުވި ކަމަށް ބުނި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަންޖެހިގެން މަރުވި ކަމަށް ބުނި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައިޖީއެމްއެޗްގައި ނަރުހަކަށް އުޅުނު މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް އިއްޔެ ފޮނުވާލާފައިވާ ކަމަށެވެ. ހަށިގަނޑު ހަވާލުކުރީ މަރުގެ ސަބަބު ދެނެގަތުމަށް އިންޑިއާއިން ޕޯސްޓްމޯޓަމް ހެދުމަށް ފަހު އެވެ.

ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުނީ މޭރީ މަރުވީ ބޮލަށް ލިބިފައިވާ ބޮޑެތި ޒަހަމްތަކެއްގެ ސަބަބުން ކަމަށެވެ.

އޭނާގެ މަރު، މިދިޔަ މަހުގެ ފަހުކޮޅު ފުލުހުންނަށް ރިޕޯޓުކުރީ ދަންޖެހިގެން ކަމަށް ބުނެ އެވެ. ނަމަވެސް އެ ކަމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، އެއީ މަރާލާފައި އޮތް މީހެއް ކަމަށް ބެލެވިގެން ފުލުހުން ތަހުގީގު ފެށި އެވެ. އޭގެ ދުވަސްކޮޅެއް ފަހުން މޭރީގެ ފިރިމީހާ، މާވިން ހައްޔަރުކުރި އެވެ.

އޮފިޝަލް ވިދާޅުވީ 29 އަހަރުގެ ފިރިހެން މީހާގެ ބަންދަށް މީގެ ކުރިން ޖެހި 15 ދުވަސް ހަމަވުމުން އެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަސް މިއަދު ދީފައިވާ ކަމަށެވެ.

ދަންޖެހިގެން މަރުވީ ކަމަށް ބުނެ މޭރީ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ މާވިން އެވެ. އޭނާ އަކީ ވެސް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިލިޕިންސް ނަރުހެކެވެ.

އެކަން ހިނގީ މާވިން، އައިޖީއެމްއެޗްގެ ދިވެހި ނަރުހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ދެމަފިރިންގެ މެދުގައި ބޮޑެތި މައްސަލަތަކެއް ޖެހިފައި އޮއްވަ އެވެ.

މާވިން ހައްޔަރުކޮށްފައި ހުރި އިރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދިވެހި ނަރުހުގެ ފޯނު ވެސް ފުލުހުންގެ ތަހުގީގަށް އަތުލާފައިވާކަން ވަނީ އެނގިފަ އެވެ.