Roadha Mihaaru
އެސްޓީއޯގެ "މޯލްޑިވްސް ސިމެންތި" ވިއްކަން އެޕޯލޯއަށް

އެސްޓީއޯގެ "މޯލްޑިވްސް ސިމެންތި" ވިއްކަން އެޕޯލޯއަށް

12 ނޮވެމްބަރ 2021

އެސްޓީއޯގެ "މޯލްޑިވްސް ސިމެންތި" ވިއްކަން އެޕޯލޯ ހޯލްޑިންސްއާ ހަވާލު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯގެ "މޯލްޑިވްސް ސިމެންތި" ވިއްކަން އެޕޯލޯ ހޯލްޑިންސްއާ ހަވާލު ކޮށްފި އެވެ.

ސްޓްރެޓީޖިކް ޕާޓްނަރެއްގެ ގޮތުގައި އެސްޓީއޯ އިން އެޕޯލޯއާ އެކު ސޮއިކޮށްފައިވަނީ މޯލްޑިވްސް ސިމެންތީގެ ވިޔަފާރި ފުޅާކޮށް މާކެޓު ކުރުމުގެ ބޭނުމުގަ އެވެ. މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާން އެވެ. އަދި އެޕޯލޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރު މުހައްމަދު ވަހީދެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މިއީ ސިމެންތީގެ ވިޔަފާރީގައި ރާއްޖޭގައި މިހާތަނަށް ހެދުނު އެންމެ ބޮޑު އެއްބަސްވުމެވެ. އަދި މިއީ ދެ ކުންފުނީގެ ކޮންސްޓްރަކްޝަން ސަޕްލައިގެ ވިޔަފާރި ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން އެޕޯލޯ މެދުވެރިކޮށް މޯލްޑިވްސް ސިމެންތި އަތޮޅުތަކުގެ ކަސްޓަމަރުންނަށް އަގުހެޔޮކޮށް ފޯރުކޮށްދެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި އެޕޯލޯއަކީ ރިއަލްއެސްޓޭޓްގެ ބޮޑެތި ޕްރޮޖެކްޓުތަކެއް ހިންގާ ކުންފުންޏަކަށްވުމުން މި އުފެދުނު ޕާޓްނާޝިޕާ އެކު މި ސިމެންތިއަށް އާއްމުން ކުރާ އިތުބާރު ބޮޑުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވްސް ސިމެންތި އަކީ ފަންނީ ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ އިތުބާރު ހޯދާފައިވާ ސިމެންތިއެކެވެ. މިއީ އެސްޓީއޯ އިން އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީއާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި، ރޭސޫޓް މޯލްޑިވްސް ސިމެންޓް ޕްރައިވެޓް ލިމިޓެޑުން ތިލަފުށީގައި ގާއިމުކޮށްފައިވާ ފެކްޓްރީން އުފައްދާ ސިމެންތިއެކެވެ.