Roadha Mihaaru
ޑޯނިއާ އާއި ހެލިކޮޕްޓަރަށް އިންޑިއާގެ 75 ސިފައިން

ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވަން އިންޑިއާގެ 75 ސިފައިން ތިބޭނެ: އެމްއެންޑީއެފް

13 ނޮވެމްބަރ 2021

އިންޑިއާގެ އެހީގައި އެމްއެންޑީއެފްގައި ބޭނުންކުރާ ޑޯނިއާ މަތިންދާބޯޓުގެ މައްސަލައަކީ ފަހަކަށް އައިސް ހޫނުވެފައި އޮތް ބޮޑު މައްސަލަ އެކެވެ. ޑޯނިއާ މަތިންދާބޯޓާ އެކު އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާކަމުގެ ފާޑުކިޔުންތައް ބޮޑެވެ. ޑޯނިއާ މަތިންދާބޯޓުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮޮމެޓީގައި ރޭ ބޭއްވި ބައްދަލުވުމަކީ އެކަމާ ބެހޭގޮތުން ގިނަ ސުވާލުތަކެއް އަމާޒުވި ކޮމެޓީއަކަށެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިންޑިއާގެ އެހީގައި އެމްއެންޑީއެފްގައި ބޭނުންކުރާ ޑޯނިއާ މަތިންދާބޯޓުގެ މައްސަލައަކީ ފަހަކަށް އައިސް ހޫނުވެފައި އޮތް ބޮޑު މައްސަލަ އެކެވެ. ޑޯނިއާ މަތިންދާބޯޓާ އެކު އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާކަމުގެ ފާޑުކިޔުންތައް ބޮޑެވެ. ޑޯނިއާ މަތިންދާބޯޓުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮޮމެޓީގައި ރޭ ބޭއްވި ބައްދަލުވުމަކީ އެކަމާ ބެހޭގޮތުން ގިނަ ސުވާލުތަކެއް އަމާޒުވި ކޮމެޓީއަކަށެވެ.

ޑިފެންސް މިނިސްޓަރު މާރިިޔާ އަހުމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލާއި ސިފައިންގެ އިސްވެރިން ބައިިވެރިިވެ ވަޑައިގަތް އެ ކޮމެޓީއަކީ ޑޯނިއާ އެއްބަސްވުމުގެ އިތުރުން އިންޑިއާ ސަރުކާރާ އެކު ހަދާ ހައިޑްރޯގްރެފީ ސާވޭ ހެދުމުގެ އެއްބަސްވުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެކެވެ. އެ ކޮމެޓީގައި ގިނަ ގިނަ ސުވާލުތަކެއް އެމްއެންޑީއެފްއަށް އަމާޒުވީ ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމާ ބެހޭގޮތުންނެވެ.

ޑޯނިއާ ދުއްވެނީ އެމްއެންޑީއެފްގެ ހުއްދަ ލިބިގެން

އެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ހަސަން އާމިިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބައިނަލްއަގްވާމީ މަސްތުވާތަކެތީގެ ވިޔަފާރީގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ސަރަހައްދެއް ކަމަށާއި އަދި ގާނޫނާ ޚިލާފަށް މަސްވެރިިކަން ކުރާ ބޭރުގެ އުޅަނދުތަކުގެ މައްސަލަ ވެސް ރާއްޖޭގެ ކަނޑު ސަރަހައްދުގައި ބޮޑު ކަމަށެވެ. އަދި ކަނޑު ފޭރޭ މީހުންގެ ނުރައްކަލާއި ނުރައްކާތެރި ޓެރަރިސްޓް ހަމަލާތައް ހުއްޓުވުމުގައި ވެސް ވައިގެ މަގުން ބަލަންޖެހޭ ބެލުންތައް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހާލުގައި ޖެހޭ އުޅަނދުތަކާއި ރަށްތަކަށް އެހީ ފޯރުކޮށް ދިނުމުގެ އިތުރުން ބަލި މީހުން އުފުލަން ވެސް ވައިގެ އުޅަނދުތައް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑޯނިއާ މަތިންދާބޯޓު ދިނުމަށާއި އެކަމަށް ބޭނުންވާ ދިވެހިން ތަމްރީނު ކުރުމުގެ މަސައްކަތް ފެށުނީ 2015 ވަނަ އަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ކަމަށާއި އެކަމަށް ހިނގާނެ ޚަރަދު އިންޑިއާ ސަރުކާރުން ހަމަޖައްސައި ދިނަސް، އެ ބޯޓަށް ރާއްޖޭގައި ދަތުރު ކުރެވޭނީ އެމްއެންޑީއެފްގެ ހުއްދަ ލިބިގެން ކަމަށް ވިދާޅުވި އެވެ.

"މެއިންޓަނަންސް ފްލައިޓެއް ވިޔަސް ނޫނީ މެޑިކަލް އިވެކުއޭޝަނެއް ކަމަށް ވިޔަސް، ކޮންމެ ކަމެއްގައި ވެސް އެމްއެންޑީއެފްގެ ފަރާތުން ސީދާ ކްލިއާ ޓާސްކިން އޯޑަރެއް ޑޯނިއާއަށް ލިބިގެން މެނުވީ ޑޯނިއާ ރާއްޖޭގެ ސަރަހައްދުގައި އޮޕަރޭޓެއް ނުކުރެވޭނެ." ހަސަން އާމިރު ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވެސް އެ ބައްދަލުވުމުގައި ވިދާޅުވީ ޑޯނިއާ މަތިންދާބޯޓަކީ ހަދިޔާ ކޮށްފައިވާ މަތިންދާބޯޓެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ބޭނުންތަކަށް ހަވާލު ކޮށްފައިވާ އެއްޗެއް ކަމަށެވެ. އެކަމަކު ރާއްޖެއަށް ހަދިޔާ ނުކުރިޔަސް، ބޮޑެތި ޚަރަދުތަކެއް ދައުލަތުން ސަލާމަތްވުމުގެ އިތުރުން އެ ބޯޓު ރާއްޖޭގައި ދުއްވޭނީ އެމްއެންޑީއެފްގެ ފުރިހަމަ ބާރާއި ކޮންޓްރޯލްގެ ދަށުން ކަމަށާއި އަދިި ދިވެހި ޕްލައިޓުން ތަމްރީނު ކުރާ ވެސް މިހާރު ހަމަޖައްސާފައިިވާ ކަމަށް ޝަމާލް ވިދާޅުވި އެވެ.

"ފުރިހަމަ ކޮމާންޑާއި ކޮންޓްރޯލް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ދޭ ގޮތަށް މި އޮންނަނީ. ވަކިން ޚާއްސަކޮށް ޓާސްކިން ވެސް. އެއްވެސް ކަހަލަ އޮޕަރޭޝަނެއް ނުހިންގޭނެ ދިވެހި ގައުމީ ދިފާއީ ބާރުގެ ޓާސްކިން ނުދީ ނުވަތަ ކޮމާންޑް އެންޑް ކޮންޓްރޯލެއް ނެތިއެއް." ޝަމާލް ވިދާޅުވި އެވެ.

ދިވެހި ޕައިލެޓުންނަށް ފުރުސަތު ދޭން ހިމެނީ މިދިޔަ އަހަރު

އާމިރު ވިދާޅުވި ގޮތުގައި ޑޯނިއާ ދުއްވުމަށްޓަކައި ދިވެހި ޕައިލެޓުން ތަމްރީނު ކުރަންޖެހޭ ގޮތަށް އެއްބަސްވުމަށް ބަދަލު ގެނައީ މިދިޔަ އަހަރު އެ އެއްބަސްވުން ރިވިއު ކުރުމަށްފަހު އެވެ. އަދި ޑޯނިއާ ބެލެހެއްޓުމަށްޓަކައި ރާއްޖޭގައި ބައިތިއްބާފައި ތިބޭ އިންޑިއާ ސިފައިންގެ ހުރިހާ ޚަރަދެއް ވެސް ބަލަހައްޓަނީ އެ ގައުމުގެ ސަރުކާރުން ކަމަށެވެ. އަދި އެ މީހުންނަށް ޑިޕްލޮމެޓިކް އިމްތިޔާޒް ދީފައިވާ ކަމަށާއި އެކަމަކު އެ މީހުން ބަދަލު ކުރެވޭނީ ދިވެހި ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ ހެލިކޮޕްޓަރު ގެނައިއިރު ހެދި އެއްބަސްވުމުގައި ދިވެހި ޕައިލެޓުން ތަމްރީނު ކުރުމުގެ ވާހަކަ ނެތް ކަމަށާއި އެކަމަކު ޑޯނިއާގެ އެއްބަސްވުން ހެދިއިރު، އެ ވާހަކަ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޯނިއާގެ ލެޓާ އޮފް އެކްސްޗޭންޖް ހެދިއިރު، އޭގައި ވަރަށް ސާފުކޮށް އެބަ ބުނޭ ޕައިލެޓުން ޓްރެއިން ކުރުން އަދި ފްލައި ކުރަން ފުރުސަތު ހޯދުމުގެ ވާހަކަ." ޝަމާލް ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ އިސް ބޭފުޅުންނާ އެކު ޑިފެންސް މިނިސްޓަރު، މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ރޭ މައުލޫމާތު ދެއްވަނީ-- ފޮޓޯ: މަޖިލިސްގެ އިދާރާ

އެމްއެންޑީއެފްގެ އިސް ބޭފުޅުންނާ އެކު ޑިފެންސް މިނިސްޓަރު، މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ރޭ މައުލޫމާތު ދެއްވަނީ-- ފޮޓޯ: މަޖިލިސްގެ އިދާރާ

ޝަމާލް ވިދާޅުވީ އެމްއެންޑީއެފްއަށް މަތިންދާބޯޓެއް ހޯދުމަކީ ޒަމާނުއްސުރެން ފެށިގެން ކުރަމުން އައި ކަމެއް ކަމަށާއި އެގޮތުން ފުރަތަމަ ހެލިކޮޕްޓަރު ގެނައިއިރު ވެސް ތެޔޮ އެޅުން ފަދަ ކަންކަން އެމްއެންޑީއެފް އިން ކުރާ ގޮތަށް ހަމަޖެއްސިޔަސް، ޚަރަދު ބޮޑުވުމުން އެކަން އިންޑިއާ އިން ކުރާ ގޮތަށް ހަމަޖެއްސީ ދިވެހި ސަރުކާރުން އޭރު އެދިގެން ކަމަށާއި އަދިި ވައިގެ މަގުން ސަރަހައްދު ބެލެހެއްޓުމުން އޭގެ ފައިދާ ލިބެނީ އެންމެ ގައުމަކަށް އެކަނި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއަން އޯޝަން ތެރޭގައި އެންމެ ކަައިރީގައި ސްރީލަންކާ، އިންޑިއާ އަދި ރާއްޖެ އޮޮތްއިރުގައި ތިން ގައުމުގެ ވެސް މަސްލަހަތު ހިމެނޭ ކަންކަން ސަލާމަތީ ނަޒަރަކުން ބަލައިފިއްޔާ." ޝަމާލް ވިދާޅުވި އެވެ.

ދިވެހި ޕައިލެޓުން ނުލިބޭ، އިންޑިއާ ސިފައިން ތިބޭނެ

ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އެމްއެންޑީއެފްގެ މަތިންދާބޯޓުތައް ހޯދުމަށްޓަކައި އިންޑިއާގެ އިތުރުން ޕާކިސްތާނާއި ޗައިނާއާ ކުރިން މަޝްވަރާ ކުރެވުނު ކަމަށާއި އެގޮތަށް އެކަން ކުރަން ޖެހުނީ އިންޑިއާއިން ދިން ހެލިކޮޕްޓަރުތަކުގެ ބޭނުން ރަނގަޅަށް ނުހިފޭތީ ކަމަށެވެ. އަދިި ޑޯނިިއާ ދުއްވުމަށްޓަކައި ދިވެހި ޕައިލެޓުން ތަމްރީނު ކުރުމަށް ފަހު އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭނެތޯ އާއި އެއީ ކިހާ އަދަދެއްގެ ސިފައިން ކަން ހާމަކޮށްދޭން އޭނާ އެދިވަޑައިގަތެވެ.

ޖަވާބުގައި ޝަމާލް ވިދާޅުވީ ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް އެކަށީގެންވާ ޕައިލެޓުން ނުލިބުމުގެ މައްސަލަ ބޮޑު ކަމަށެވެ. އެގޮތުން އަމިއްލަ އެއާލައިންތަކުގައި ޕައިލެޓުންނަށް ލިިބޭ މުސާރައަށް ބަލާއިރު އެމްއެންޑީއެފްއަށް ޕައިލެޓުން ލިބުމުގެ ދަތިިކަން އެބަހުރި ކަމަށާއި އެހެންވެ، ދެން ޖެހެނީ އެމްއެންޑީއެފްގެ ތެރެއިން ޕައިލެޓުން ތަމްރީނު ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދާދިފަހުން ވެސް ޕައިލެޓުންނަށް ދަތުރު ކުރެވޭނެ ގަޑި ހަމަވެގެން ޑޯނިއާ ނުދުއްވި ބާއްވަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި ޕައިލަޓުންނަށް ވަރަށް ބޮޑު ފައިނޭޝަލް ބެނިފިޓެއް ދީފި ކަމަށް ވަންޏާ އެކަން ކުރެވިދާނެ. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިބި ލޯޔަރުން ވެސް، ޑޮކްޓަރުން ވެސް އިންޖިނިއަރުން ވެސް. އެހެންވީމަ ބެލެންސެއް ވެސް އެބަ ޑްރޯ ކުރަންޖެހޭ." ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވި ގޮތުގައި ޑޯނިއާއަށް ތަމްރީނުކުރި އެމްއެންޑީއެފްގެ ޕައިލެޓަކު ބޮޑު މުސާރައަށްޓަކައި މިހާރު ވެސް ވަނީ ވަޒީފާއިން ވަކިވާން ނިންމައިފަ އެވެ. އަދިި އެމްއެންޑީއެފުން ބޭނުންވަނީ ދެ ތިން އަހަރުގެ އެއާފޯސް ޕައިލެޓް ތަމްރީނު ފުރިހަމަ ކުރުމަށް ޕައިލެޓުންނަށް މަތިންދާބޯޓު ދުއްވަން ފަށަން ކަމަށް ވިޔަސް، ހާލަތަށް ރިއާޔަތްކޮށް، އެ މުއްދަތު ހަމަނުވިޔަސް، ދިވެހިި ޕައިލެޓުންނަށް އެ ފުރުސަތު ދޭން ޖެހުނީ ކަމަށް ޝަމާލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކައިރީގައި ރިކުއެސްޓްކުރި ހުރިހާ ކަމެއް އަޅުގަނޑުމެން ދިފާއީ ބާރުން ކޮށްދިނިން. ފުރަތަމަ ކޯޕްރަލަކަށް ހުއްޓާ ވޮރަންޓް އޮފިސަރަކަށް ގެނެސް އަދި ބޭނުންވާ ހުރިހާ ބެޖްތަކެއް ދީ އަދި ފަހުން ކޮމިޝަންޑް އޮފިސަރަކަށް ހެދިން." ވަކިވެގެންދާ ޕައިލެޓާ ބެހޭގޮތުން ޝަމާލް ވިދާޅުވި އެވެ.

ޑޯނިއާ ދުއްވަން އިންޑިއާގެ 25 މީހުން ތިބޭނެ ކަމަށާއި ހެލިކޮޕްޓަރާ އެކު، ޖުމްލަ 75 މީހުން ތިބޭނެ ކަމަށް އެމްއެންޑީއެފް އިން އެ ކޮމެޓީގައި ބުންޏެވެ. އަދި އެއްބަސްވުމުގައި އޮތީ ދެ ގައުމު ގުޅިގެން ޑޯނިއާ ދުއްވަން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ އަމިއްލަ އުޅަނދުތައް ގެންގުޅުމުގެ ވިސްނުން އެމްއެންޑީއެފް އިން އަބަދުވެސް ގެންގުޅޭ ކަމަށާއި އެކަމަކު ބަޖެޓްގެ ދަތިތަކާ މެދު އެކަންކަން ހާސިލް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ގިނަ އަދަދެއްގެ ސީއެމްބިއުލާންސް ވެސް ހުރީ ހަލާކުވެފައި ކަމަށާއި އެކަމުގެ ޝަކުވާ ވަރަށް ބޮޑު ކަމަށާއި އަދި އާ ސީ ސީއެމްބިއުލާންސް ގެނައުމުގެ މަސައްކަތް ކުރަން ޖެހެނީ ވެސް ވަރަށް ގިނަ ދަތިތަކާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީއެމްބިއުލާންސްގެ ހަ ސީއެމްބިއުލާންސް މި ގެނައީ ޕެންޑަމިކް ދުވަސްކޮޅުގައި. އެހެންވީމަ ބަޖެޓްގެ ދަތިކަން ހުރޭ. އަޅުގަނޑުމެން ވެސް ވިސްނުން ގެންގުޅެން އަމިއްލަ އެއްޗެހި ގެންގުޅެން. އެކަމަކު އަޅުގަނޑުމެންގެ ބަޖެޓަށް ކެރިކުޅަދާނަ މިންވަރަށް އެއްޗެހި ހޯދޭނީ." މާރިޔާ ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި އެ އެގްރިމެންޓްގެ ބެލުމުގެ ފުރުސަތު ކޮމެޓީގެ މެމްބަރުންނަށް ދިނީ ބައްދަލުވުން ސިއްރު ކޮށްގެންނެވެ. އެއްބަސްވުން ބެއްލެވުމަށްފަހު ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ޑޯނިއާ އެއްބަސްވުން ސިއްރު ކުރެވޭނެ ކަމަށް އެ އެއްބަސްވުމުގައި ބުނެފައި ނެތް ކަމަށެވެ. އެހެންވީއިރު، ސަރުކާރުން އެ އެއްބަސްވުން ސިއްރު ކުރަނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ޖަވާބުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ އެފަދަ މާއްދާއެއް އެއްބަސްވުމުގައި އޮންނާނެ ކަމަށެވެ.

އެކަމަކު އުޝާމް ވިދާޅުވީ އެއްބަސްވުމުގައި އޮތީ ޑޯނިިއާ އޮޕަރޭޝަންސްތަކުގައި ލިބޭ މައުލޫމާތުތައް ސިއްރު ކުރުމުގެ ވާހަކަ ކަމަށެވެ. އެކަމަކު އެއީ މުޅި އެއްބަސްވުން ސިއްރު ކުރުމުގެ ވާހަކަ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަވާބުގައި ޝަމާލް ވިދާޅުވީ އެއްބަސްވުމުގައި ސީދާ ހާމަ ނުކުރިޔަސް، ދިފާއީ ގިނަ އެއްބަސްވުންތަކަކީ އަބަދުވެސް ސިއްރު ލިޔުންތަކެއް ކަމަށެވެ. އެކަމަކު އެ މިންވަރަށް ވެސް ހާމަ ކުރަނީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ އޭނާ ވިދާޅުވި އެވެ.